ގެއްލުނު ފަތުރުވެރިން ހޯދަމުންދަނިކޮށް ސިފައިންގެ ބޭކަލަކު ނިޔާވުމަކީ، ދިވެހި ކޮންމެ ރައްޔިތަކަށްވެސް ލިބުނު ހިތާމައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ވ. އަތޮޅުގައި ގެއްލިގެން ހޯދަމުންދާ އިޓަލީގެ ޑައިވަރުން ހޯދުމުގެ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި ކަނޑުގެ އަޑިއަށް ޑައިވްކުރަނިކޮށް ހާލުދެރަވި، އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ ނިޔާވުމާއި ގުޅިގެން ރައީސް ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ގެއްލިފައިވާ ފަތުރުވެރިން ހޯދަން ފީނަމުންދިޔަ ރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ޑައިވަރަކު ނިޔާވުމަކީ އެމަނިކުފާނަށާ، ދިވެހި ކޮންމެ ރައްޔިތަކަށްވެސް ލިބުނު ވަރަށް ފުން ހިތާމައެއް ކަމަށެވެ.

މިއީ އެމަނިކުފާނަށް ހިތްދަތިވެ، ނުތަނަވަސްކަން ވެރިވި ހަބަރެއްކަން ހާމަކުރައްވަމުން ރައީސް ވަނީ، މަރުހޫމްގެ އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުއާކޮށް، އެ އާއިލާއަށާ، އެމްއެންޑީއެފަށް ތައުޒިޔާ ވިދާޅުވެފައެވެ. އަދި އެމަނިކުފާނު ވަނީ، ޑިއުޓީގަައި މަގާމުގެ ވާޖިބު އަދާކުރަމުން ދަނިކޮށް ކުއްލި ހާލަތެއް މެދުވެރިވެ ނިޔާވި އެމްއެންޑީއެފްގެ ހިތްވަރުގަދަ ޑައިވަރު، ސްޓާފް ސާޖެންޓް، މަހުދީއަށް ޝަހީދެއްގެ ދަރަޖަ ދެއްވައި، މާތްﷲގެ ތަނަވަސް ރަހްމަތުގައި، ސުވަރުގޭގެ ދާއިމީ ނިއުމަތުގައި ލެހެއްޓެވުމަށް އެދި ދުއާ ކުރައްވާފައެވެ.

މީގެ އިތުރުން މުހައްމަދު މަހުދީ ނިޔާވުމާ ގުޅިގެން ސޯޝަލް މީޑިއާގައި ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ހިއްސާކުރެއްވި ޕޯސްޓެއްގައިވަނީ މަހުދީގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ.

އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ ނިޔާވީ، ފެލިދެއަތޮޅުގައި ފީނަން ދިޔަ ޑައިވަރުންގެ ތެރެއިން ގެއްލުނު ހަތަރު ޑައިވަރު ހޯދުމަށް، އެމްއެންޑީއެފުން ކުރިއަށްގެންދާ ސާޗް އޮޕަރޭޝަނުގައި ޑައިވްކުރަނިކޮށް ހާލުދެރަވެގެން އޭޑީކޭގައި ފަރުވާ ދެމުންދަނިކޮށެވެ.