ރާއްޖޭގެ ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް އަބްދުﷲ ޔާމީން އާއި ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ގުޅިގެން ސަރުކާރަށް ފާޑުވިދާޅުވެ ނެރުއްވި ބަޔާނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވިދާޅުވީ، މިއަދު މި ތިން ރައީސުން އެކަތިގަނޑަކަށް ވެވަޑައިގެން ދައްކަވާ ވާހަކަތަކަކީ އަމިއްލަ އެދުމުން ފުރިގެންވާ ވާހަކަތަކެއް ކަމަށެވެ. އަދި ކުރިން އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ކުރެއްވި ތުހުމަތުތަކާއި ހިންގާފައިވާ ކަންކަން މިހާރު "އޯކޭ" ވެފައިވާ ކަމަށް ވިދާޅުވެ، އަބްދުއްރަހީމް ވަނީ އެ ބޭފުޅުންގެ ސިޔާސީ އުސޫލުތަކަށް ސުވާލު އުފައްދަވާފައެވެ.

އަބްދުއްރަހީމް ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖޭގެ ގައުމީ ވައިގެ ބަނދަރު ވިއްކާލުމާއި، ދިރާގާއި ފެން ކުންފުނީގެ ހިއްސާ ވިއްކާލުން ފަދަ ގައުމީ މަސްލަހަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި އެ ބޭފުޅުން ވަނީ އިދިކޮޅު ހިޔާލުތަކެއް ގެންގުޅުއްވާފައެވެ. ނަމަވެސް މިއަދު އެ ހުރިހާ ކަމެއް "މާޒީއަށް" ވެފައިވާ ކަމަށް އަބްދުއްރަހީމް ސިފަކުރެއްވިއެވެ.

މީގެ އިތުރުން، ސުޕްރީމް ކޯޓުގެ ތަޅު އެޅުވުމާއި، ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރުމާއި، އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލަތަކުގެ އިތުރުން ސިޔާސީ ލީޑަރުން ހައްޔަރުކުރުމުގެ ސަގާފަތަކީ އެ ބޭފުޅުންގެ ވެރިކަންތަކުގައި އެކަކު އަނެކަކަށް ރައްދުކުރި ތުހުމަތުތަކެއްކަން އަބްދުއްރަހީމް ހަނދާންކޮށްދެއްވިއެވެ.

"ކަނޑު ވިއްކާލުމާއި، ވެންޓިލޭޓަރުގެ ވައްކަމާއި، އެމްޑީއެންގެ ރިޕޯޓް ފަދަ އިސްލާމްދީނާއި ގައުމިއްޔަތާ ގުޅުންހުރި ބޮޑެތި މައްސަލަތަކުގައި ވެސް މިހާރު މި ތިއްބެވި ތިން ރައީސުންނަށް ހުރިހާ ކަމެއް އޯކޭވެއްޖެ. މިއީ އަދި ކުޑަ މިންވަރެއް. ކުރިންކީ ހުރިހާ ޅެމެއް ފަރިއްސަށް ވެ ނިމިއްޖެ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް މިފަދަ ރައްދެއް ދެއްވާފައި މިވަނީ، ރާއްޖޭގެ އިގްތިސާދީ ހާލަތާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށް، ކުރީގެ ތިން ރައީސުން ގުޅިގެން ބަޔާނެއް ނެރުއްވައި، ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމާ ގުޅިގެންނެވެ. މީގެ ކުރިން ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހް ވެސް ވަނީ މި ތިން ރައީސުންގެ އިއްތިހާދަށް ފާޑުވިދާޅުވެފައެވެ. ފަލާހް ވިދާޅުވެފައި ވަނީ، މި ބޭފުޅުންނަކީ އެކަކު އަނެކަކަށް އަނިޔާވެރިވެ، ޖަލަށްލައި، ގައުމުގެ މުދަލަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތު އެޅުވި ބޭފުޅުން ކަމަށާއި، މިއަދު ސިޔާސީ މަންފާއަށްޓަކައި އެކުވުމަކީ ރައްޔިތުން ގަބޫލުކުރާނެ ކަމެއް ނޫން ކަމަށެވެ.

މި މައްސަލައިގައި ސަރުކާރުގެ ތާއީދު އޮތް ފަރާތްތަކުން ދެކޭ ގޮތުގައި، މި ތިން ރައީސުން އެކުވުމުގެ އަސްލު މަގްސަދަކީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރިއަށްގެންދާ އިސްލާހީ މަސައްކަތްތަކަށް ހުރަސް އެޅުމެވެ.

ތިން ރައީސުން ގުޅިގެން ނެރުއްވި ނޫސް ބަޔާނުގައި ވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގާނޫނު އަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދޭ އަސާސީ ހައްގުތަކަށް ފާޅުގައި އަރައިގަންނަމުންދާ ކަމަށް ތުހުމަތުކޮށްފައެވެ. އަދި ޝަރުއީ ކޯޓުތަކަށް ނުފޫޒު ފޯރުވުމާއި، ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލައި ދައުލަތުގެ މުއައްސަސާތަކުގެ މުސްތަގިއްލުކަން ގެއްލުވާލަމުންދާ ކަމަށްވެސް ތުހުމަތު ކުރައްވާފައިވެއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅައި، ނޫސްވެރިން ޖަލަށްލަމުންދާ ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، ސަރުކާރުގެ އިސްރާފު ބޮޑުވެ، ރައްޔިތުންގެ ފައިސާ އާއި މުދާ އަމާނާތްތެރިކަމާއެކު ބެލެހެއްޓޭނެ ކަމުގެ އިތުބާރު ގެއްލިފައިވާ ކަމަށްވެސް ބަޔާނުގައި ވެއެވެ. އެގޮތުން ހިޔާލު ތަފާތު އެ ތިން ބޭފުޅުން ވެސް އެކުގައި ނިކުމެވަޑައިގަތުމަށް ނިންމެވީ މި ވަގުތު ގައުމުގެ ހާލަތު ރަނގަޅު ކުރުމަކީ ވެރިކަން ކޮށްފަިއވާ ބޭފުޅުންގެ ހައިސިއްޔަތުން އެ ބޭފުޅުންގެ ޒިންމާއެއްގެ ގޮތުގައި ދެކިވަޑައިގެން ކަމަށް އެ ބޭފުޅުން ވިދާޅުވެފައި ވެއެވެ.