މާލޭގެ ދެކުނު ފަރާތު ބަނދަރު ތޮށިގަނޑު މައްޗަށް ކުނިއެޅި ލޯންޗެއް ހޯދައި، މާލެ ސިޓީ ކައުންސިލުން އެ ލޯންޗު ޖޫރިމަނާކޮށްފިއެވެ.
މި ހާދިސާ ހިނގާފައިވަނީ މި ހިނގާ މޭ މަހުގެ 12 ވީ އަންގާރަ ދުވަހުއެވެ.
އެ ދުވަހު މާލޭގެ ދެކުނު ފަރާތު ބަނދަރު ސަރަހައްދަށް ކުނި އެޅުމަށްފަހު ފުރައިގެން ދިޔަ އެ ލޯންޗު، އަނބުރާ މާލެ އައުމުން ސިޓީ ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމެންޓު ޔުނިޓުން ވަނީ އެ އުޅަނދު ހޯދާފައެވެ. މި ލޯންޗު ފެނިފައިވަނީ އިއްޔެ (13 މޭ 2026) މާލޭގެ އުތުރުފަރާތު 1 ނަންބަރު ޖެޓީގައި އޮއްވައެވެ.
މާލެ ސިޓީ ކައުންސިލުން ބުނި ގޮތުގައި މި އުޅަނދު ޖޫރިމަނާކޮށްފައިވަނީ އާންމު ތަންތަނަށް ކުނި އެޅުމުގެ ސަބަބުންނެވެ. ނަމަވެސް ޖޫރިމަނާ ކުރީ ކިހާ އަދަދަކުން ކަމެއް ކައުންސިލުން ހާމަކޮށްފައި ނުވެއެވެ. މަގުތަކާއި އާންމު ތަންތަނަށް ކުނި އެޅުމަކީ 11/2010 "އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުމުގެ ގާނޫނު" ގެ ދަށުން މަނާކަމެކެވެ.
މިކަމާ ގުޅިގެން ކައުންސިލުން ވަނީ މަގުތަކާއި އާންމު ސަރަހައްދުތަކަށް ކުނި ނޭޅުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ. އަދި މާލެ ސިޓީއަކީ ސާފުތާހިރު ތަނެއްގެ ގޮތުގައި ބޭއްވުމަށްޓަކައި، މާލޭގައި ދިރިއުޅޭ ރައްޔިތުންނާއި މާލެއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ފުރިހަމަ އެއްބާރުލުން ބޭނުންވާކަމަށްވެސް ކައުންސިލުން ވަނީ ފާހަގަ ކޮށްފައެވެ.
މީގެ ކުރިން ވެސް ސިޓީ ކައުންސިލުން މާލޭގެ މަގުތައް މައްޗަށް ކުނި އަޅާ ފަރާތްތައް ދެނެގަނެ ޖޫރިމަނަކޮށްފައި ވެއެވެ. އަދި އެފަދަ ފަރާތްތަކުގެ ފޮޓޯ އާއި ވީޑިއޯވެސް ސިޓީ ކައުންސިލުން އާންމު ކުރަމުންދެއެވެ.
