ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ވޯޓުލުމަށްޓަކައި ރީ ރަޖިސްޓްރީވުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން (އީސީ) އިން ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރި އިއުލާނެއްގައި ބުނީ މިއަދު ހެނދުނު 10:00 އިން ފެށިގެން މި މަހުގެ 18 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 1:00 ގެ ނިޔަލަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އީސީން ބުނީ ވޯޓުލާން ރިރަޖިސްޓްރީވުމަށް ހުށަހަޅަން ޖެހޭނީ އީސީގެ ރީ ރަޖިސްޓްރޭޝަން ޕޯޓަލް ނުވަތަ "މައި ޕޯޓަލް" މެދުވެރިކޮށް ކަމަށެވެ. ފޯމު ހުށަހަޅާއިރު ރަޖިސްޓަރީވުމަށް އެދޭ މީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއްގެ ކޮޕީއެއް އަދި ހުށަހަޅާ މީހާގެ ފޮޓޯ ހުށަހަޅަން ޖެހޭނެ ކަމަށް އީސީން ވަނީ ބުނެފައެވެ.

އިތުރަށް އީސީން ބުނީ 'މައި ޕޯޓަލް' މެދުވެރިކޮށް ފޯމު ހުށަހެޅޭނީ ހަމައެކަނި ވެރިފައިޑް އީފާސް އެކައުންޓަކުން ކަމަށާއި މި ގޮތަށް ހުށަހަޅާއިރު، ރީ-ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ މީހާގެ ފޮޓޯ އަދި އައިޑީ ކާޑުގެ ކޮޕީ ހުށަހަޅަން ނުޖެހޭނެ ކަމަށެވެ.

މީގެ އިތުރުން އީސީން ބުނީ ލޯކަލް ކައުންސިލުތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ މީހުން މިއެ ވޯޓުގައި ރަޖިސްޓްރީވެފައިވަނީ މާލެއަށް ކަމަށެވެ. އަދި ރިސޯޓުތަކާ، ޖަލާ، ރަށްވެހިވެފައިވާ ރަށްނޫން އެހެން ރަށެއްގައި ވޯޓުލާން ރަޖިސްޓަރީކޮށްފައިވާ މީހުން އަދި އިންތިހާބުގައި ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ވޯޓުލާ ތަންކަމަށް ރަޖިސްޓަރީވެފައި ވާނީ އެ މީހެއްގެ ދާއިމީ އެޑްރެހަށް ކަމަށް ވެސް އީސީން ވަނީ ބުނެފައެވެ.

މީގެ އިތުރުން އީސީން ބުނީ 1414 އަށް އެސްއެމްއެސް ކޮށްގެން މިހާރު ރަޖިސްޓްރީވެފައިވާ ތަން ބަލާލެވޭނެ ކަމަށެވެ.