ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން އިތުރަށް ހަރުދަނާކޮށް، ދެފުށް ފެންނަ ނިޒާމެއް ގާއިމުކުރުމަށްޓަކައި ހުރިހާ ޕާޓީއަކުން އަމަލުކުރާނެ ހާއްސަ އުސޫލެއް ތައްޔާރުކޮށް، އެ އުސޫލު ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރުމުގެ މަރުހަލާގައި އޮތްކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފިއެވެ۔
ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވީ، ޖުމްލަ ގޮތެއްގައި ސިޔާސީ ޕާޓީތަކުން މާލީ ކަންކަން ބަލަހައްޓަމުން ދިޔަނަމަވެސް، އެއް ހަމައަކުން އަމަލުކުރާނެ އުސޫލެއް މިވަގުތު ނެތްކަމަށެވެ. އަދި މިކަމުގެ ސަބަބުން ކުދިކުދި މައްސަލަތައް ދިމާވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން، ބައިނަލްއަގުވާމީ އޮޑިޓިން މިންގަނޑުތަކަށް އޮޑިޓް ކުރި ނަމަވެސް، ދައުލަތުގެ މާލީޔަތު ގަވާއިދާ ބައެއް ކަންކަން ފުށުއަރާކަން އޮޑިޓް ރިޕޯޓްތަކުން ފާހަގަވާކަމަށް އޭނާ ވިދާޅުވިއެވެ.
މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަނާއި އޮޑިޓާ ޖެނެރަލްގެ އޮފީސް ގުޅިގެން ވަނީ ހާއްސަ އުސޫލެއް ޑްރާފްޓްކޮށްފައެވެ. އަދި މި އުސޫލަށް ސިޔާސީ ޕާޓީތަކުގެ ހިޔާލާއި މަޝްވަރާ ހޯދުމަށްފަހު، މިހާރު ވަނީ ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރުމުގެ މަރުހަލާއަށް ފޮނުވިފައިކަމަށް ހަސަން ޒަކަރިއްޔާ ވިދާޅުވިއެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ސިޔާސީ ޕާޓީއަކުންވެސް މާލީ އަހަރު ނިމޭތާ ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި، ލައިސެންސް އޮންނަ އޮޑިޓަރަކު މެދުވެރިކޮށް ތައްޔާރުކުރާ މާލީ ބަޔާން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހެއެވެ. އަދި ދައުލަތުގެ ބަޖެޓުން ފައިސާ ދޭ ޕާޓީތަކާއި ފައިސާ ނުލިބޭ ޕާޓީތަކުންވެސް މި ބަޔާން ހުށަހަޅަންޖެހެއެވެ۔
ގާނޫނީ މުއްދަތުގައި މާލީ ބަޔާން ހުށަނާޅާ ޕާޓީތަކާ މެދު ފިޔަވަޅު އަޅައި، ޕާޓީއާއި މާލީ ކަންކަމާ ހަވާލުވެ ހުންނަ ފަރާތްތައްވެސް ޖޫރިމާނާ ކުރެވޭއިރު މި އަހަރުވެސް މާލީ ބަޔާން ގަވާއިދުން ހުށަނާޅައިގެން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)، މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އަދި އަދާލަތު ޕާޓީއަށް ވަނީ ފިޔަވަޅު އަޅާފައެވެ۔
