ސިޔާސީ ފިކުރު ތަފާތުވި ނަމަވެސް ގައުމުގެ އިގުތިސާދު ކުރިއެރުވޭނީ ހުރިހާ ފަރާތްތަކުން އެއްގަލަކަށް އަރައިގެން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގެ އިގްތިސާދީ ކުރިމަގު ބައްޓަންކުރުމަށްޓަކައި ބާއްވާ އައްޑޫ ބިޒްނަސް ޑައިލޮގް އިފްތިތާހްކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، މިނިސްޓަރު ވިދާޅުވީ މި ޑައިލޮގަކީ ކުރިއަށް އޮތް 3 އަހަރު ދުވަހުގެ ތެރޭގައި އައްޑޫގެ ތަރައްގީގައި މުހިންމު ދައުރެއް އަދާކުރާނެ ޑައިލޮގެއް ކަމަށެވެ. މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ ރާއްޖޭގެ ސަރަހައްދުތައް ކަނޑައަޅުއްވައިގެން ނަމަވެސް ހަލުވިކަމާއެކު މަސައްކަތް ކުރިއަށް ގެންދިއުން ކަމަށެވެ.

އެގޮތުން އައްޑޫ ސިޓީއަކީ މި މަސައްކަތުގެ ފެށުންކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ މި ބިޒްނަސް ޑައިލޮގްގައި އައްޑޫގެ ރައްޔިތުންނާ، ވިޔަފާރިވެރިންނަށް ހުރި ގޮންޖެހުންތައް ދެނެގަނެ އެ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރިއަށް އޮތް 3 އަހަރު ދުވަހުގެ ތެރޭގައި ކުރެވޭނެ ކަމަށް އެ ފަރާތްތަކަށް ފެންނަ ކަންކަން ހާމަކޮށް ކަރުދާހެއް އެކުލަވާލާނެކަމަށެވެ.

"އައްޑޫގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް އެނގޭނެ އައްޑުއަށް ދިމާވާ ދަތިތައް. އެ ހުރަސްތައް ގިރާކޮށް ކުރިއަށްދާނެ ގޮތުގެ ވިސްނުން އަޅުގަނޑުމެން ބޭނުންވަނީ." މިނިސްޓަރު ވިދާޅުވެފައެވެ.

ވިޔަފާރިވެރިންގެ ތެރޭގައި ސަރުކާރާ ސިޔާސީ ގޮތުން ފިކުރު ތަފާތު ފަރާތްތައް ތިބޭނެކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ފިކުރު ތަފާތުވި ނަމަވެސް ހުރިހާ ފަރާތްތަކުންވެސް އިގްތިސާދީ ތަރައްގީގެ ކަންކަމުގައި މަސައްކަތް ކުރަންވާނީ ގުޅިގެން ކަމަށެވެ. އަދި މަޝްވަރާގެ މަގުން ކުރެވޭ ކަންކަން ކާމިޔާބުވާނެކަން އަލަށް އަމަލުކުރަން ފެށި ފޮރިން އިންވެސްޓްމަންޓް ގާނޫނާއި ޗައިނާއާއެކު އެކުލަވާލާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުން ހާމަވެގެންދާ ކަމަށް މިނިސްޓަރު ވަނީ ސިފަކުރައްވާފައެވެ.