ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމަށް ބޭނުންވާ ގާނޫނީ އަދަދު ނުވަތަ ކޯރަމް ހަމަނުވުމުގެ ސަބަބުން ޖަލްސާ ކުރިއަށް ނުގެންދެވި ކެންސަލް ކޮށްފިއެވެ.

އާންމުކޮށް މަޖިލިސް ފަށާ ގަޑިއަކީ ހެނދުނު 9:00 އެވެ. ނަމަވެސް ކޯރަމް ހަމަނުވުމުން ރިޔާސަތުން ވަނީ ޖަލްސާ ފެށުން 10:00 އަށް ފަސްކޮށްފައެވެ. 10:00 ޖެހިއިރުވެސް ކޯރަމް ހަމަނުވުމުން، މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވަނީ މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާގެ (ބ) ގެ ދަށުން މިއަދުގެ ޖަލްސާ ކެންސަލް ކުރިކަން އިއުލާނު ކުރައްވާފައެވެ. މަޖިލީހުގެ ދެން އޮންނަ ޖަލްސާއެއް އޮންނާނީ މާދަމާ، މެއި 14، 2026 ގައެވެ.

މިއަދުގެ ޖަލްސާގައި އެޖެންޑާ ކޮށްފައިވަނީ ބޭރު ގައުމުތަކަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ސަފީރުން ހަމަޖެއްސެވުމާ ގުޅޭގޮތުން ރައީސް ފޮނުއްވާފައިވާ މައްސަލަ މަޖިލީހަށް ހުށަހެޅުމެވެ. އަދި ސިވިލް ސާވިސްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާ އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލަށް ބަހުސްކުރުމެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގައި 93 މެންބަރުން ތިއްބަވާއިރު ޖަލްސާއެއް ފެށުމަށް ބޭނުންވާ ގާނޫނީ އަދަދަކީ މެންބަރުންގެ 25 އިންސައްތައެވެ. އެއީ 23 މެންބަރުންނެވެ. މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން، މާދަމާ ބާއްވާ ޖަލްސާއަށްފަހު މިހިނގާ ދައުރު ނިމި، މަޖިލިސް ޗުއްޓީއަށް ދާނެއެވެ.