ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކޮށް ހއ. އިހަވަންދޫ ކައުންސިލްގެ މެންބަރު ކަމަށް އިންތިހާބުވެފައިވާ މުހައްމަދު ފިރާގް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް އިންތިހާބުވެފައިވާ ހަލީމަތު ހުރާސަތު ޕީއެންސީއަށް ސޮއި ކޮށްފިއެވެ.
މި ކަން މިއަދު އިއުލާންކޮށްފައި ވަނީ ޕީއެންސީން މިއަދު މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވީ، އިހަވަންދޫ ކައުންސިލަށް އަމިއްލަ މެންބަރެއްގެ ގޮތުގައި ވާދަކުރައްވައި ގޮނޑި ކާމިޔާބު ކުރެއްވި މުހައްމަދު ފިރާގާއި އތމ ކޮމިޓީއަށް ވާދަކުރި ހަލީމަތު ހުރާސަތު އެ ޕާޓިއަށް ގުޅިވަޑައިގަންނަވަން ނިންމަވާފައިވާ ކަމަށެވެ. ޕީއެންސީއާ ގުޅިވަޑައިގަތުމަށް އެ ދެ ބޭފުޅުން ނިންމެވުމުން ޕާޓީގެ ރައީސް، އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހޫނު މަރުހަބާއެއް ދަންނަވާފައިވާ ކަމަށް ފަލާހް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި އެ ދެ ފަރާތުން ވެސް ވަނީ ޕީއެންސީއަށް ސޮއިކޮށް ފޯމް ހަވާލުކުރައްވާފައެވެ. އެއަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފިރާް ވިދާޅުވީ، އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރުމަށްފަހު ޕީއެންސީއާ ގުޅިވަޑައިގަތުމަށް ނިންމީ އިހަވަންދޫގެ ތަރައްގީއަށް މަސައްކަތް ކުރެއއްވުމަށް ކަމަށެވެ. އެ ރަށުގެ ތަރައްގީއަށް ކުރާ މަސައްކަތްތައް ހަލުވިކޮށް ކުރިއަށް ގެންގޮސް ރަށުގެ ރައްޔިތުން އެދޭ ގޮތަށް ކުރެވެން އޮތީ ރަމްޒީގޮތުން މަގާމެއްގެ ގޮތުގައި ހުރުމަށް ވުރެއް ސަރުކާރާ ގުޅިގެން ކަމަށް ފެނިވަޑައިގަންނަވާ ކަމަށް ފިރާގް ވިދާޅުވިއެވެ.
ހަލީމަތު ވިދާޅުވީ، އޭނާވެސް ޕީއެންސީއާ ގުޅިވަޑައިގަތީ ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރުމަށާއި އެ ރަށުގެ ލާބައާ މަންފާއަށް މަސައްކަތް ކުރުމުގެ ހެޔޮ ނިޔަތުގައި ކަމަށެވެ. އެ ގޮތުން އެކަންކަން ކުރުމުގައި ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމަކީ އެންމެ ރަނގަޅު ނިންމުމެއް ކަމުގައި ގަބޫލުކުރައްވާ ކަމަށް ވެސް ހަލީމަތު ވިދާޅުވިއެވެ.
ލޯކަލް ކައުންސިލް އިންތިހާބާއި އތމ ކޮމިތީގެ އިންތިހާބަށް ހޮވުނު ފަރާތްތަކުގެ ހުވާ ކުރުމށް ކުޑަ ދުވަސްކޮޅެއް އޮތް އިރު، އަމިއްލަ ގޮތުން ވާދަކޮށް ގޮނޑި ކާމިޔާބު ކުރި ކެންޑިޑޭޓުންނަށް ޕީއެންސީއަށް ގުޅިވަޑަތުމަށް ފަލާހް ވަނީ ގޮވާލައްވާފައެވެ. ހަމައެއާއެކު އެހްނ ޕާޓީއެއްގެ ޓިކެޓުގައި ވެސް ވާދަކޮށް ގޮނޑި ކާމިޔާބު ކުރި ކެންޑިޑޭޓުންނަށް ވެސް އެ ފުރުސަތު އޮތް ކަން ފާހަގަކޯށް ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމަށް ޕީއެންސީއާ ގުޅިވަޑައިގަތުމަށް ފަލާހް ވަނީ ދައުވަތު ދެއްވާފައެވެ.
