އައްޑޫ ސިޓީއަކީ ވިޔަފާރިވެރިންގެ ހަބެއްގެ ގޮތުގައި ތަރައްގީކޮށް، އެ ސިޓީގެ އިގްތިސާދަށް ހަލުވި ބަދަލުތަކެއް ގެނައުމަށްޓަކައި ސަރުކާރުން ބާއްވާ ހާއްސަ މަހާސިންތާގައި ބައިވެރިވުމަށް 500 ފަރާތުން މިހާތަނަށް ރަޖިސްޓްރީކޮށްފައިވާ ކަމަށް އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، މި މަހުގެ 13 އަދި 14 ވަނަ ދުވަހު އައްޑޫ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މަހާސިންތާއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ބަޔާނުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ދެއްވާފައިވާ އިސްކަމުގެ ދަށުން ކުރިއަށްގެންދާ މުހިންމު ހަރަކާތެއް ކަމަށެވެ.

މި މަހާސިންތާގައި އައްޑޫގައި ތިބި ވިޔަފާރިވެރިންގެ އިތުރުން، މާލޭގައި ތިބި އައްޑޫގެ ވިޔަފާރިވެރިންނާއި، ފަތުރުވެރިކަމާއި އިމާރާތްކުރުން ފަދަ ދާއިރާތަކުގެ ފަންނީ ބޭފުޅުން ބައިވެރިވާނެއެވެ. މީގެ އިތުރުން ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތަކުގެ އިސް ބޭފުޅުންނާއި އައްޑޫގެ އިލްމީ ބޭފުޅުންވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

"ވިޔަފާރިވެރިންގެ އިތުރުން ހަމަ އައްޑޫ ސިޓީގައި ތިއްބެވި ޢިލްމީ ބޭފުޅުންނާއި، ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތަކުންވެސް މި ޑައިލޮގްގައި ބައިވެރިވެގެން މި ބައްދަލުވުންތައް ކުރިއަށްދާނީ. އަދި މިހާރު 500އާ ގާތްކުރާ އަދަދަަކަށް ރަޖިސްޓްރޭޝަން އެބައުޅޭ."
މިނިސްޓަރު ސައީދު

މި މަހާސިންތާގެ މައިގަނޑު މަގްސަދަކީ އައްޑޫ ސިޓީއަށް ހަލުވި އިގްތިސާދީ ތަރައްގީއެއް ގެނައުމަށްޓަކައި ވިޔަފާރިވެރިންގެ ހުރި ކަންބޮޑުވުންތަކާއި އެފަރާތްތަކުން ބޭނުންވާ ކަންކަން ދެނެގަތުމެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، 2027 އިން 2029 އަށް އައްޑޫއަށް ހާއްސަ އިނާޔަތްތަކެއް ދިނުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

އެގޮތުން މިނިސްޓަރުންގެ މަޖިލީހުގައި ވަރަށް ބޮޑަށް މި ވާހަކަތައް ދެކެވި، ކޮބާތޯ ރަނގަޅު ނަތީޖާއެއް ނެރުމަށް އައްޑޫއަށް ހާއްސަކޮށްގެން ދެވިދާނެ އިނާޔަތްތަކަކީ ކޮބާތޯ ކުރެވޭނެ ކަންތައްތައް ދެނެގަތުމަށް މަސައްކަތް ފެށިފައިވާކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިނިސްޓަރު ވިދާޅުވީ، ފަތުރުވެރިކަމާއި، ދަނޑުވެރިކަމާއި، މަސްވެރިކަމާއި، އެސްއެމްއީ އަދި ރީޓެެއިލްފަދަ ދާއިރާތަކަށް ހާއްސަ ކަންތައްތަކެއް ކޮށްދީ، އައްޑޫގައި ވިޔަފާރީގެ ކުރިއެރުން އަންނާނެ ގޮތްތައް މި މަހާސިންތާގެ ތެރެއިން ބަލާނެކަމަށެވެ.

މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި މަހާސިންތާގެ މަޝްވަރާތަކަށްފަހު މިނިސްޓަރުންގެ މަޖިލީހުގައި އެކަންކަން ދިރާސާކޮށް، ދޭނެ އިނާޔަތްތައް ކަނޑައަޅާނެއެވެ. މިއީ ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ކުރިއަށްގެންދާ މަސައްކަތެއް ކަމަށާއި، އައްޑޫގައި މި މޮޑެލް ކާމިޔާބުވެއްޖެނަމަ ރާއްޖޭގެ އެހެން ސަރަހައްދުތަކަށްވެސް މިފަދަ އިގްތިސާދީ މޮޑެލްތައް ތައާރަފްކުރުމަކީ ސަރުކާރުގެ ބޮޑު އަމާޒެކެވެ.