ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން، އެ އޮތޯރިޓީގެ މުވައްޒަފުންނަކީ ސިވިލް ސާވިސްގެ މުވައްޒަފުން ކަމުގައި ހަމަޖެއްސުމަށް "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު" އަށް އިސްލާހެއް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ހަމަދު އަބްދުﷲއެވެ.

މިހާރު އަމަލުކުރަމުންދާ ގާނޫނުގެ ދަށުން އެލްޖީއޭގެ މުވައްޒަފުން އައްޔަންކުރުމާއި ވަކިކުރުމުގެ ބާރު އޮންނަނީ އެ އޮތޯރިޓީގެ ބޯޑަށެވެ. ނަމަވެސް، އަލަށް ހުށަހެޅި އިސްލާހުގައި، އެލްޖީއޭގެ ބޯޑަށް، އެ އޮތޯރިޓީއަށް މުވައްޒަފުން އައްޔަން ކުރުމުގެ ބާރު އުނިކުރުމަށް ވަނީ ހުށަހަޅުއްވާފައެވެ. އަދި މުވައްޒަފުން އައްޔަންކޮށް ވަކިކުރާނީ އެލްޖީއޭގެ ސީއީއޯގެ ލަފާގެ މަތިން ސިވިލް ސާވިސް ކޮމިޝަނުންކަމަށް ވަނީ ބަޔާންކޮށްފައެވެ.

މި އިސްލާހުގައި މުވައްޒަފުންނާ ގުޅޭ ކަންކަމުގައި ޒިންމާދާރު އިސްވެރިޔަކީ ސީއީއޯ ކަމުގައި ކަނޑައެޅޭއިރު މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާނީ ނޭޝަނަލް ޕޭ ކޮމިޝަނުންނެވެ.

މީގެ އިތުރުން މި އިސްލާހުގެ ދަށުން ރަށްރަށާ، ސިޓީތަކުގައި ލޯކަލް ކައުންސިލްތަކުން ފޯރުކޮށްދޭންޖެހޭ އާންމު ހިދުމަތްތަކުގެ ތެރޭގައި ކުނި މެނޭޖްކުރުމުގެ ހިދުމަތް ވަނީ ހިމަނާފައެވެ. މިއީ ރަށްރަށުގެ ސާފުތާހިރުކަން ދެމެހެއްޓުމަށް ކައުންސިލްތަކަށް ގާނޫނީ ގޮތުން މަތިކުރެވޭ މުހިންމު ޒިންމާއެކެވެ.