މަސްވެރިކަމުގެ ސިނާއަތުގެ ދެމެހެއްޓެނިވިކަން ކަށަވަރުކޮށް، ކަނޑުގެ ދިރުންތައް ރައްކާތެރިކުރުމުގައި ދިވެހި ސަރުކާރުން ހާއްސަ އިސްކަމެއް ދީފައިވާކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މާލޭގައި ކުރިއަށްދާ އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ) ގެ 30 ވަނަ ސެޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި، ރާއްޖޭގެ މަސްވެރިންނަކީ ކިތަންމެ މޫސުން ގޯސްވި ނަމަވެސް، އިހުގެ މަސްވެރިންނެކޭ އެއްފަދައިން މިއަދުވެސް ކޮންމެ ދުވަހަކު ކަނޑަށް ނިކުމެ މަސައްކަތްކުރާ ބައެއްކަން ފާހަގަކުރެއްވިއެވެ. މަސްވެރިންގެ މި ސާބިތުކަމާއި ހިތްވަރަކީ، ކަނޑުގެ އައްސޭރިފަށުގެ މުޖުތަމައުތަކަށް މި ކޮމިޝަންގެ މަސައްކަތްތައް މުހިންމުވާ މިންވަރު ހަނދާންކޮށްދޭ ކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގައި، ދިވެހި ސަރުކާރުން މަސްވެރިކަމުގެ ދާއިރާ ހަރުދަނާކުރުމަށާއި، ސިނާއަތް ޒަމާނީކުރުމަށާއި، މަސްވެރި އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމުގައި ޒިންމާދާރު ބަލަދުވެރިއެއްގެ ދައުރު އަދާކުރުމަށް ހާއްސަ އިސްކަމެއް ދީފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިގޮތުން، އައިއޯޓީސީގެ މި ބައްދަލުވުން މާލޭގައި ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި ވަރުގަދަ އެއްބާރުލުމަށްޓަކައި މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މިނިސްޓަރު ޝިޔާމް އިތުރަށް ވިދާޅުވީ، ރާއްޖޭގެ ދޮށީގެ މަސްވެރިކަމަކީ ކަނޑުގެ ދިރުންތަކަށް ކުރާ ނޭދެވޭ އަސަރު ކުޑަކޮށް، ކަނޑުގެ މާހައުލު ރައްކާތެރިކުރުމާއެކު އެތައް ހާސް ބައެއްގެ އާމްދަނީއާ ގުޅިފައިވާ ނަމޫނާ މަސްވެރިކަމެއް ކަމަށެވެ. އަދި ރީނދޫ އުރަހަ ކަންނެލީގެ އާބާދީ ހިމާޔަތްކުރުމަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދެމުންދާކަމަށާއި، މިކަމަށްޓަކައި ލޭނު އެޅުމުގެ މަސްވެރިކަން މެދުކަނޑާލުން ފަދަ އުނދަގޫ ނިންމުންތައް ނިންމާފައިވަނީ މުސްތަގުބަލުގެ ޖީލުތަކަށްޓަކައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ނިންމާ ނިންމުންތަކަކީ މުޖުތަމައުތަކުގެ މުސްތަޤުބަލާއި، ކާނާގެ ރައްކާތެރިކަމާއި، އާންމުންގެ ދިރިއުޅުމުގެ ފެންވަރާ ގުޅިފައިވާ މުހިންމު ނިންމުންތަކެއްކަން ފާހަގަކުރައްވަމުން، އިންޑިއާ ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ހުރިހާ ގައުމުތަކަކުން އެކުގައި މަސައްކަތް ކުރުމަށް މިނިސްޓަރު ވަނީ ގޮވާލައްވާފައެވެ.
