ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމްގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބަދަލުގައި ބެލެނިވެރި ފަރާތަށް ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ހައުސިން މިނިސްޓްރީން ބުނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތުގެ ބަދަލުގައި ބެލެނިވެރި ފަރާތުން ފްލެޓަށް އެދި އެޕްލިކޭޝަން ހުށަހެޅޭނީ މި މަހުގެ 20 ވަނަ ދުވހުގެ ހެނދުނު 11:00 އިން ފެށިގެން ކަމަށެވެ. އަދި މުއްދަތު ހަމަވާނީ އަންނަ ޖޫން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ފޯމު ފުރުމަށް ދަތިވާ ފަރާތްތަކާއި 18 އަހަރު ފުރިފައި ނުވާ، ފަރާތްތަކުގެ ބަދަލުގައި އެންސްޕާގައި ރަޖިސްޓްރީވެފައިވާ ބެލެނިވެރި ފަރާތުން ފްލެޓަށް އެދި ހުށަހެޅޭގޮތަށް ހަމަޖައްސާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީއަށް އެންމެ ފަހުން ގެނެސްފައިވާ ބަދަލުތަކަށް ބަލާއިރު، މީގެ ކުރިން އާންމު ކެޓަގަރީތަކުގައި ކަނޑައަޅާފައިވާ މުއްދަތުތައް މި ފަރާތްތަކުގެ މައްޗަށް ނުހިނގާ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އެގޮތުން، މާލޭގެ ރަށްވެއްސަކަށް ވެފައިވާތާ ނުވަތަ މާލޭގައި ދިރިއުޅޭތާ މަދުވެގެން 1 އަހަރު ދުވަސް ވެފައިވުމުގެ ޝަރުތު، މި ކެޓަގަރީން ކުރިމަތިލާ ފަރާތްތަކަށް ވަނީ މުޅިން އުވާލާފައެވެ. މި އުސޫލުގެ ދަށުން އެޕްލިކޭޝަން ހުށަހެޅޭނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ފަދަ ނުކުޅެދުންތެރިކަމެއް ހުންނަ ފަރާތްތަކަށެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްގެ ދަށުން ގްރޭޓާ މާލެ ސަރަހައްދުން ދޫކުރާ 7،900 ފްލެޓްގެ ތެރެއިން 100 ފްލެޓް ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށް ކަނޑައަޅާފައެވެ. މީގެ އިތުރުން މާލޭގެ ރަށްވެހިންނަށް 4،000 ފްލެޓް، ޒުވާނުންނަށް 250 ފްލެޓް، އަދި އެކަނިވެރި މައިންނާއި ބަފައިންނަށް 100 ފްލެޓް ވަނީ ކަނޑައަޅާފައެވެ.