މިއަހަރުގެ ބަރަކާތްތެރި ހައްޖުގެ އަޅުކަމަށް ސައުދީ އަރަބިއްޔާއަށް ދާ ދިވެހި ހައްޖާޖީންނަށް ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން، މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާ ބަގީތަކެއް ގެނެސްފިއެވެ.
ހައްޖު ކޯޕަރޭޝަނުން މައުލޫމާތުދޭ ގޮތުގައި، މިއީ ހައްޖާޖީން އެއްތަނުން އަނެއްތަނަށް ދަތުރުފަތުރު ކުރުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށާއި، ހާއްސަކޮށް އުމުރުން ދުވަސްވީ މީހުންނާއި ހިނގާބިނގާވެ އުޅުމުގައި ދަތިތައް ހުންނަ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ މަގްސަދުގައި ގެނައި އުޅަނދުތަކެކެވެ.
މި ބަގީތަކުގެ ހިދުމަތް މައިގަނޑު ގޮތެއްގައި ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ މިނާ އަދި އަރަފާތު ފަދަ މާތް ބިންތަކުގައި ހައްޖާޖީން ތިބޭ ސަރަހައްދުތަކުގައެވެ. އަދި ހަމަ އެހެންމެ ހައްޖާޖީން ހަރަމަށް ގޮސް އެނބުރި ހޮޓަލަށް އައުމުގައި ވެސް ބަގީ ބޭނުން ކުރެވޭނެ ކަމަށް ވެއެވެ. މީގެ ކުރިންވެސް ބަގީގެ ހިދުމަތް އެ ކޯޕަރޭޝަނުން ދެމުން އައި ނަމަވެސް، އަލަށް ގެނެވުނު ބަގީތަކާއެކު ހިދުމަތުގެ ފެންވަރު ރަނގަޅުވެ، ގިނަ އަދަދެއްގެ ހައްޖާޖީންނަށް އެއްފަހަރާ އަވަސް ހިދުމަތެއް ދެވޭނެ މަގު މިހާރު ވަނީ ތަނަވަސްވެފައެވެ.
އަދި ހައްޖު ވެރިންނަށް ފަސޭހަ ކުރުމަށް ޓަކައި މީގެން ކޮންމެ ބަގީއެއްގައި ވެސް ހައްޖު ކޯޕަރޭޝަންގެ ނަމާއި ލޯގޯ ވަނީ ލޭބަލް ކޮށްފައެވެ. އެ ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދާ މީހުންނަށް ބަގީ އާއި ވޭންގެ ހިދުމަތް ތައާރަފްކުރީ 2024 ވަނަ އަހަރުއެވެ. އެ އަހަރު ހިދުމަތަށް 6 ބަގީ އާއި 1 ވޭން ނެރެފައިވާއިރު މި އަހަރު މި ވަނީ ހަތަރު ބަގީ އެ ހިދުމަތަށް އިތުރުކޮށްފައެވެ.
ހައްޖު ކޯޕަރޭޝަނުން ހައްޖާޖީންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރެއިން ބަގީގެ ހިދުމަތަކީ ވަރަށް މުހިންމު ހިދުމަތަކަށް ވާއިރު އެ ކޯޕަރޭޝަންގެ ހަވާލުގައި އުމްރާ އަދި ހައްޖަށް ދާ ހައްޖާޖީންނަށް އެ ހިދުމަތް ފޯރުކޮށްދެމުން ގެންދެ އެވެ.
ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ހައްޖު ދުވަހަކީ މި މަހުގެ 26 ވަނަ ދުވަސް ކަމަށްވާއިރު މިއަހަރު ވެސް ދިވެހިރާއްޖެއަށް ލިބިފައިވަނީ 1،000 ހައްޖު ކޯޓާއެވެ. އަދި މި މަހުގެ މެދުތެރޭގައި ހައްޖުވެރިން ސައުދީއަށް ފުރަން ފަށާނެއެވެ.
ދިވެހިރާއްޖޭގެ ހައްޖު މިޝަނުން އަންނަނީ ހައްޖުވެރިންގެ ދަތުރުގެ ކަންކަން އިތުރަށް ފުރިހަމަކުރުމަށްޓަކައި ސައުދީގެ ކަމާބެހޭ އެހެނިހެން އިދާރާތަކާއެކުވެސް ގާތުން މަސައްކަތްކުރަމުންނެވެ.
