ރާއްޖޭގައި މިހާރު އޮތް ނިޒާމުގެ ދަށުން ރިޔާސީ ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގަންނަވާނެ ފުރަތަމަ ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަބްދުއްރަޙީމް މިހެން ވިދާޅުވީ، މިދިޔަ ކައުންސިލް އިލެކްޝަންގައި އއ. ހިމަންދޫ ކައުންސިލުން ވެރިކަންކުރާ ޕާޓީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ، މި ސަރުކާރުން ވެރިކަން ކުރަމުން ގެންދަނީ ރައްޔިތުން ބޭނުންވާ ގޮތަށް، އެ މީހުންގެ އިހުސާސްތައް ދެނެގަނެގެން ކަމަށެވެ. އަދި ގައުމުގެ އިސްތިގުލާލު ދަމަހައްޓައި، ތަރައްގީގެ މަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށްދާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބު ރައީސް މުއިއްޒު ކާމިޔާބުކުރައްވާނީ ބޮޑު ތަފާތަކުންކަން ފާހަގަކުރައްވައި އަބްދުއްރަޙީމް ވިދާޅުވީ، އެކަމާ މެދު ޝައްކު ނުކުރުމަށާއި މާޔޫސް ނުވުމަށެވެ. އަދި މާތްﷲގެ ރަހުމަތްފުޅާއެކު 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބު ރައީސް ޑރ. މުއިއްޒު ބޮޑުތަނުން ކާމިޔާބުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް ރައްދުދެއްވަމުން އަބްދުއްރަޙީމް ވިދާޅުވީ، ގައުމު ބަނގުރޫޓުވާނެ ކަމަށް ބުނެ ފާޑުކިޔުންތައް އަމާޒުވި ނަމަވެސް، ސަރުކާރުން ބޮޑު އަދަދެއްގެ ދަރަނި ދައްކައި، މުވައްޒަފުންނަށް ބަރާބަރަށް މުސާރަ ދެމުން އަންނަ ކަމަށެވެ. ސިޔާސީ ގޮތުން ރައީސް ބަލިކަށިކޮށްލުމަށް ކުރި މަސައްކަތް ނާކާމިޔާބުވުމުން، މިހާރު ފެންނަމުންދަނީ ޒާތީ ހަމަލާތައް ދެމުންދާ މަންޒަރު ކަމަށްވެސް އެމަނިކުފާނު ތުހުމަތުކުރެއްވިއެވެ.
ޕާޓީގެ އާންމު މެމްބަރުންނަށް އިލްތިމާސްކުރައްވަމުން އަބްދުއްރަޙީމް ވިދާޅުވީ، ޕާޓީގެ މެމްބަރުން ކުރަންވީ ކަމަކީ ރައީސާ އެކު ސާބިތުވެ ތިބުން ކަމަށެވެ. އަދި 2028 ވަނަ އަހަރު ޕީއެންސީއަށް ކާމިޔާބުކޮށްދިނުމަށްޓަކައި މުޅި ރާއްޖޭގެ ކަންކޮޅުތަކުގައި ތިބި އެ ފިކުރުގެ އެންމެން ކަމަރު ބަންނަންޖެހޭ ކަމަށް ވިދާޅުވިއެވެ. ޕީއެންސީން އަބަދުވެސް ތިބޭނީ ރައްޔިތުންގެ ފަޅީގައިކަންވެސް އެމަނިކުފާނު ކަށަވަރުކޮށްދެއްވިއެވެ.
