ނޯތު ސެންޓްރަލް ޕޮލިސް ޑިވިޜަންގައި ހިމެނޭ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި 32 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލަ އެ އިދާރާއަށް ރިޕޯޓުކޮށްފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 27 ވަނަ ދުވަހުކަމަށެވެ. މި މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން ފުލުހުން ހިންގި ތަހުގީގުގެ ތެރެއިން، ތުހުމަތުކުރެވޭ މީހާ މިއަދު ހައްޔަރުކޮށްފަވާކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައިގެ ތަހުގީގު ފުލުހުންނާއި ކަމާ ގުޅުންހުރި އެހެނިހެން އިދާރާތައް ގުޅިގެން މިހާރު ދަނީ ކުރިއަށް ގެންދަމުންނެވެ.

ކުޑަކުދިންނަށް ކުރެވޭ އަނިޔާގެ މައްސަލަތަކަކީ ވަރަށް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލަމުންދާ މައްސަލަތަކަކަށް ވުމާއެކު، މިފަދަ މައްސަލަތަކުގައި ޝިކާރައަކަށްވާ ކުދިންގެ ކަރާމާތް ރައްކާތެރިކުރުމުގެ ގޮތުން، އެ ކުދިންގެ ވަނަވަރާއި ހާދިސާ ހިނގި ވަކި ރަށެއް ފުލުހުން އާންމުކޮށް ހާމައެއް ނުކުރެއެވެ.