ރާއްޖޭގެ އާމްދަނީ އިތުރުކުރުމަށް ފެށި އެންމެ މުހިންމު އެއް މަސައްކަތް ކަމަށްވާ ބަންކަރިން ހިދުމަތުން މި އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް 923.46 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުިހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މި ހިދުމަތަކީ ރާއްޖޭގެ އިގްތިސޯދު ސިންދަފާތުކޮށް، ފަތުރުވެރިކަމުގެ އިތުރުން އާމްދަނީ ލިބޭނެ އާ މަގުތައް ހޯދުމަށް ސަރުކާރުން ފެށި މުހިންމު މަޝްރޫއެކެވެ. 2024 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ރަސްމީކޮށް ފެށި މި ހިދުމަތަކީ، އޮފްޝޯކޮށް ބޯޓުފަހަރަށް ތެޔޮ އެޅުމަށް ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސައިގެން ކުރިއަށް ގެންދާ މަސައްކަތެކެވެ. މި މަސައްކަތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި، ދުނިޔޭގެ ފެންވަރުގައި މިފަދަ ހިދުމަތް ދިނުމުގެ ތަޖުރިބާ ހުރި ވިޓޯލް ކުންފުންޏާ ގުޅިގެން، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) މެދުވެރިކޮށް ދެމުން އަންނަ ހިދުމަތެކެވެ.
ބަންކަރިން ހިދުމަތް ފެށިފަހުން، މި ހިދުމަތް ހޯދާ ފަރާތްތަކުގެ އަދަދު އިތުރުވެ، ރާއްޖެއަށް ވަންނަ ބޭރު ފައިސާގެ މިންވަރު އިތުރުވަމުން އަންނަކަން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވަނީ ފާހަގަކުރައްވާފައެވެ.
އެސްޓީއޯގެ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ރިޕޯޓުތަކުން ދައްކާ ގޮތުގައި، ބަންކަރިން ހިދުމަތުގެ ސަބަބުން ކުންފުނީގެ ވިޔަފާރިއަށް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ. އެގޮތުން، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެސްޓީއޯއަށް 5.49 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ އިރު، އޭގެ ތެރެއިން ތެލުގެ ވިޔަފާރިއަށް ލިބުނު ކުރިއެރުން ވަރަށް ބޮޑެވެ. މިދިޔަ އަހަރުގެ ފަހު ކުއާޓަރާ އަޅާބަލާ އިރު، ތެލުގެ ވިޔަފާރިއަށް 27 ޕަސެންޓްފެ ކުރިއެރުމެއް ލިބިފައިވާ އިރު، މީގެ މައިގަނޑު ސަބަބަކީ ބަންކަރިން ހިދުމަތުގެ ތެރެއިން ވިއްކި ތެލުގެ މިންވަރު އިތުރުވުމެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ފުރަތަމަ ކުއާޓަރުގައި ބަންކަރިން ހިދުމަތް މެދުވެރިކޮށް ވިއްކި ތެލުގެ މިންވަރު ވަނީ 18 މިލިއަން ލީޓަރު އިތުރުވެފައެވެ.
މިނިސްޓަރު ސައީދު ވިދާޅުވި ގޮތުގައި، މި ހިދުމަތަށް ބޭނުންކުރާ ތެލުގެ 90 ޕަސެންޓަކީ ރާއްޖެއަށް މުޅިން އަލަށް އެތެރެކުރާ ތެލެވެ. ހާއްސަކޮށް، ލޯ ސަލްފާ އޮއިލްގެ ވިޔަފާރި ފުޅާވެ، ބަންކަރިން ހިދުމަތުން ލިބޭ އާމްދަނީގެ ބޮޑު ބައެއް ހިއްސާ ކުރަނީ މި ބާވަތުގެ ތެލެވެ. މިއީ ރާއްޖޭގެ އިގްތިސޯދު ސިންދަފާތު ކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް ކާމިޔާބުކަމާއެކު ތަންފީޒުވަމުންދާ ކަމުގެ ހެއްކެކެވެ. ބަނދަރެއް ނެތި، އޮފްޝޯކޮށް ފެށި މި މަސައްކަތުން ދެ އަހަރުގެ ތެރޭގައި އެއް ބިލިޔަން ރުފިޔާއާ ގާތްކުރާ އަދަދަކަށް އާމްދަނީ ލިބުމަކީ، މި މަޝްރޫއުގެ މުސްތަގްބަލު އުޖާލާކަމުގެ ނިޝާނެކެވެ.
