މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގައި ފެށި އިންޓަނޭޝަނަލް ބަންކަރިން ހިދުމަތުން މިހާތަނަށް 7.5 މިލިއަން ޑޮލަރުގެ އާމްދަނީއެެއް ލިބިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރޭ ޕީއެންސީ ހަރުގޭގައި ބޭއްވި ޖަލްސާގައި މިނިސްޓަރު ވިދާޅުވީ ބަންކަރިންގެ ހިދުމަތް ފެށިގެން ވީ 5 މަހާއި ދުވަސްކޮޅެއްވީ އިރު 7.4 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށެވެ.
އެ ހިދުމަތަށް ލިބުނު 7.4 މިލިއަން ރުފިޔާގެ 95 ޕަސެންޓް ފައިސާ ލިބުނީ ރާއްޖެއަށް މުޅިން އަލަށް ގެނައި ލޯ ސަލްފާ ބަންކަރިން މެދުވެރިކޮށްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ބަންކަރިންގެ ހިދުމަތުގެ ޑިމާންޑް އިތުރުވަމުން އަންނަ ކަމަށެެވެ. އަދި ސަރުކާރުން އެކަމާ ގުޅޭ ގާނޫނުތައް ހެދުމާއި ދައުލަތުގެ ތެރެއިން އިންތިޒާމުތައް ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އިހަވަންދިއްޕޮޅު ޒޯންގައި އޮފްޝޯ ބަންކަރިންގެ ހިދުމަތް އެމްޓީސީސީން ދެމުން އަންނައިރު ބަންކަރިން ހިދުމަތުގެ ދަށުން ބޯޓްތަކަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާނީ ސީދާ އެސްޓީއޯއިންނެވެ. އެސްޓީއޯ އިން މި ވަގުތަށް ޑީސަލާއި ލޯ ސަލްފާ ފިއުލް ފޯރުކޮށްދެމުން އަންނައިރު އޮފްޝޯ ބަންކަރިންގެ ހިދުމަތް ދިނުމަށް 3،258 ޓަނުގެ އެމްޓީ މެރިން އޭންޖަލް އާއި 3،929 ޓަނުގެ އެމްޓީ މެރިން ބެލާ ބޭނުންކުރަމުންނެވެ.