އައްޑޫ ސިޓީގެ އިގްތިސާދު ފުޅާކޮށް، ވިޔަފާރީގެ ފުރުސަތުތައް އިތުރުކުރުމަށްޓަކައި ސަރުކާރުން މުހިންމު މަސައްކަތްތަކެއް ފަށަން ނިންމާފައިވާކަމަށް އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސައީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިގްތިސާދީ ތަސައްވުރުގެ ދަށުން، 2027 އިން 2029 އަށް އައްޑޫ ސިޓީގެ ވިޔަފާރިތަކަށް ހާއްސަ ފުރުސަތުތަކާއި އިނާޔަތްތަކެއް ދިނުމަށް ސަރުކާރުން ރާވާފައިވާ ކަމަށެވެ.
އެގޮތުން މި މަހުގެ 13 އަދި 14 އަށް އައްޑޫ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ ބިޒްނަސް ފޯރަމްގެ ވާހަކަ ހިއްސާކުރައްވަމުން މިނިސްޓަރު ވިދާޅުވީ މި ފޯރަމްގައި އައްޑޫ ސިޓީގެ ވިޔަފާރިވެރިންގެ އިތުރުން މާލޭގެ އެކި ދާއިރާތަކުގެ ވިޔަފާރިވެރިންނާ، ސިނާއީ މަސައްކަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބައިވެރިވާނެކަމަށެވެ.
މި ފޯރަމްގެ މައިގަނޑު މަގްސަދަކީ މުޅި ރާއްޖޭގައި ވިޔަފާރިތައް ފުޅާކުރުމަށް މަގުފަހިކޮށްދިނުމުގެ އިތުރުން އިންވެސްޓްމަންޓް ފުރުސަތުތަކާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން ސަރުކާރުން ވިޔަފާރިވެރިންނަށް ފޯރުކޮށްދޭ ހިދުމަތްތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމާ، މަސައްކަތްތެރިންނާ، ޓެކްނޮލޮޖީ އާއި އިދާރީ ހިދުމަތްތަކުގެ މައުލޫމާތު އެއް ޕްލެޓްފޯމަކުން ފޯރުކޮށްދިނުމަކީވެސް މި ފޯރަމްގެ މަގްސަދެއްކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، ހިތަދޫ އެމްޕީއެލް ކޮމާޝަލް ޕޯޓް ފްރީ ޒޯން މަޝްރޫއުގެ "ޕައިލެޓް" މަސައްކަތްތައް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އާ ގުޅިގެން ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދެކުނުގައި ޝިޕިން، ލޮޖިސްޓިކްސް އަދި އިންވެސްޓްމަންޓްތަކަށް ބޮޑު ކުރިއެރުމެއް ލިބި، ވަޒީފާގެ އާ ފުރުސަތުތަކެއް ހުޅުވިގެން ދާއިރު ސަރުކާރުގެ އަމާޒަކީ އިގްތިސާދީ މަސައްކަތްތައް ލާމަރުކަޒީކޮށް، އައްޑޫ ސިޓީއަކީ ރާއްޖޭގެ އިގްތިސާދީ އަދި ވިޔަފާރީގެ މައި ހަބަކަށް ހެދުމެވެ.
