ދިވެހިރާއްޖޭގެ ރައްޔިތުންގެ ޒާތީ މައުލޫމާތު ނުވަތަ ޑޭޓާ ރައްކާތެރިކުރުމަށްޓަކައި ހާއްސަ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ނިންމައި، ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް އެ ބިލު ހުށަހަޅުއްވާނެ ކަމަށް ބަންޑާރަ ނައިބު އަހްމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަންޑާރަ ނައިބު ވަނީ، ސަރުކާރުގެ ޑިޖިޓަލް ސިޔާސަތުތަކާއި ގާނޫނީ އޮނިގަނޑަށް ގެންނަވަން ގަސްތުކުރައްވާ މުހިންމު ބަދަލުތަކުގެ ތަފްސީލުތައް ހިއްސާކުރައްވާފައެވެ. އޭގެ ތެރޭގައި އެންމެ ބޮޑު އިސްކަމެއް ދޭ ކަމަކީ ޑޭޓާ ޕްރޮޓެކްޝަން ބިލުގެ ކަމަށް އުޗާމް ފާހަގަކުރެއްވިއެވެ. މި ބިލަކީ ރާއްޖޭގައި އިންޓަނެޓާއި ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރާ މިންވަރު އިތުރުވަމުންދާ މި ދަނޑިވަޅުގައި، ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރުމަށް ކޮންމެހެން ބޭނުންތެރި ގާނޫނެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި ބިލުގެ މައިގަނޑު މަގުސަދަކީ ޓެކްނޮލޮޖީގެ ގޮތުން ކުރިއަރަމުން އަންނަ ޒަމާނެއްގައި އާންމު ރައްޔިތުންގެ ޒާތީ މައުލޫމާތުތައް ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވުމެވެ. ބަންޑާރަ މި ބިލު ފާސްވެގެން ދިއުމުން، މައުލޫމާތު އެއްކުރުމާއި، އެ މައުލޫމާތު ޕްރޮސެސްކުރުމާއި، އަދި ބޭނުންކުރުމުގައި ހާމަކަން ބޮޑު ނިޒާމެއް ގާއިމުވެގެންދާނެ ކަމަށް އުޝާމް ވިދާޅުވިއެވެ.

މީގެ އިތުރުން، އެކި ބޭނުންތަކަށް ރައްޔިތުންގެ ޒާތީ މައުލޫމާތު އެއްކޮށް ޕްރޮސެސްކުރާ ފަރާތްތަކުގެ ޒިންމާތައް ގާނޫނެއްގެ ދަށުން ކަނޑައެޅި، އެ ފަރާތްތައް ރެގިއުލޭޓްކޮށް ބެލެހެއްޓޭނެ ހަރުދަނާ އުސޫލުތަކެއް ވެސް މި ބިލުގައި ބަޔާންކޮށްފައިވާނެ ކަމަށް އުޝާމް ފާހަގަކުރެއްވިއެވެ. މީގެ ސަބަބުން ކުންފުނިތަކުންނާއި އިދާރާތަކުން ރައްޔިތުންގެ މައުލޫމާތު ގެންގުޅޭ ގޮތް ގާތުން މޮނިޓާ ކުރެވޭނެއެވެ. ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ބިލަކީ ވަރަށް ފުޅާ ދާއިރާއެއްގައި ދިރާސާކޮށްގެން، ގިނަ ފަރާތްތަކެއްގެ ލަފަޔާއެކު އެކުލަވާލެވިފައިވާ ބިލެއް ކަމަށް އުޝާމް ވިދާޅުވިއެވެ.

ޑޭޓާ ޕްރޮޓެކްޝަން ބިލުގެ އިތުރުން، ސަރުކާރުގެ މޯލްޑިވްސް 2.0 ޑިޖިޓަލައިޒޭޝަން އެޖެންޑާގެ ދަށުން އިތުރު ތިން ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ދަނީ ތައްޔާރުވަމުންނެވެ. މީގެ ތެރޭގައި އެންމެ ފާހަގަކޮށްލެވޭ އެއް ބިލަކީ ޑިޖިޓަލް ޓްރާންސްފޯމޭޝަން ބިލެވެ. މި ބިލު ގާނޫނަކަށް ވެގެން ދިއުމާއެކު، ދައުލަތުގެ ޑިޖިޓަލް ހިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށްޓަކައި މޯލްޑިވްސް ޑިޖިޓަލް ސާވިސްގެ ނަމުގައި ހާއްސަ އިދާރާއެއް އުފައްދާނެއެވެ. ހަމައެއާއެކު، ރައްޔިތުންގެ އައިޑެންޓިޓީ ޑިޖިޓަލްކޮށް ކަށަވަރުކުރުމުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ޑިޖިޓަލް އައިޑެންޓިޓީއާ ގުޅޭ ހާއްސަ ބިލެއް ވެސް މަޖިލީހަށް ހުށަހެޅުމަށް ވަނީ ތައްޔާރުވެފައެވެ. މި ބިލުތަކުގެ ސަބަބުން ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް އަވަސްވެ، ކަރުދާހަށް ބަރޯސާވާ މިންވަރު ކުޑަވެ، ލުއިފަސޭހަވެގެންދާނެއެވެ.

މި ޑިޖިޓަލް ބަދަލުތަކާއެކު އަންނާނެ ނުރައްކާތަކުން ސަލާމަތްވުމަށްޓަކައި ސައިބާ ސެކިއުރިޓީއާ ގުޅޭ ބިލެއް ވެސް ހުށަހެޅުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މި ބިލުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ސައިބާ ވެށީގެ ރައްކާތެރިކަން ކަށަވަރުކުރުމެވެ. ހާއްސަކޮށް ދައުލަތުގެ މުހިންމު އުމްރާނީ ވަސީލަތްތަކާއި، އަމިއްލަ ދާއިރާތަކުގައި ބޭނުންކުރާ ނާޒުކު ސިސްޓަމްތަކުގައި ފުރިހަމަވާންޖެހޭ ސެކިއުރިޓީ މިންގަނޑުތައް މި ގާނޫނުގެ ދަށުން ކަނޑައެޅިގެންދާނެއެވެ.

މިއީ އިންޓަނެޓް މެދުވެރިކޮށް ހިންގާ ކުށްތަކާއި، މާލީ މުއާމަލާތްތަކަށް އަމާޒުކޮށްގެން ދޭ ހަމަލާތަކާއި، ހެކްކުރުން ފަދަ އަމަލުތަކުން ގައުމީ ސަލާމަތާއި އިގުތިސާދު ރައްކާތެރިކުރުމަށް ކޮންމެހެން ބޭނުންތެރި ފިޔަވަޅެކެވެ. މިފަދަ ގާނޫނެއް ނެތުމުގެ ސަބަބުން މީގެ ކުރިން ދިމާވެފައިވާ ގޮންޖެހުންތަކަށް މި ބިލުގެ ސަބަބުން ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.

މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި އުޝާމް ވިދާޅުވީ، ސައިބާ ސެކިއުރިޓީ ބިލުގެ ދަށުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ސައިބާ ސެކިއުރިޓީ އެޖެންސީއެއް ގާއިމުކުރެވޭނެ ކަމަށެވެ. މި އެޖެންސީ ވެގެންދާނީ ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާ ރައްކާތެރިކޮށް، ސައިބާ ހަމަލާތަކުން ދިފާއުވުމަށް މަސައްކަތްކުރާނެ މައިގަނޑު އިދާރާއަށް ކަމަށް އެނާ ވިދާޅުވިއެވެ.