ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ނިސްބަތްކޮށް އަހުލާގީ ގޮތުން ދަށް އަމަލުތަކެއް ހިންގަވާފައިވާ ކަމަށް ތުހުމަތުކޮށް 'އަދަދު' ނޫހުން އާންމުކުރި "އައިޝާ" ވީޑިއޯ ޑޮކުމެންޓްރީގެ މައްސަލައިގައި ފުލުހަށް ހާޒިރުވުމަށް އަންގާ އީޝާ އަޝްރަފު އަށް ޗިޓް ހަވާލުކޮށްފިއެވެ.
އަދަދު ނޫހުން ތައްޔާރުކޮށްފައިވާ ޑޮކިއުމަންޓްރީގައި "އައިޝާ" ގެ ނަން ބޭނުންކޮށް ރައީސް މުއިއްޒުއަށް ތުހުމަތުވާ ގިނަ ކަންތައްތަކެއް ހިއްސާކުރި މައްސަލަ އާއި ގުޅިގެން ހުޅުމާލެ، ފޭސް 1ގައި ހުންނަ ފުލުސް އޮފީހަށް ހާޒިރުވާން އީޝާއަށް އަންގާފައިވަނީ މިރޭ 9:00 އަށެވެ.
ފުލުހުން އީޝާއަށް ފޮނުވާފައިވާ ޗިޓުގައިވާ ގޮތުން، އޭނާގެ މައްޗަށް ކުރެވޭ ތުހުމަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ގަޒުފުކޮށް ހަދާފައިވާ ކަމަށް ބުނާ ޑޮކިއުމެންޓްރީގައި ބައިވެރިވުމެއް އޮތް ކަމަށް ކުރެވޭ ތުހުމަތެވެ. ފުލުހުންގެ އިދާރާގައި މިކަމަށް ހޭދަވާނެ ކަމަށް ލަފާކޮށްފައިވަނީ ދެ ގަޑިއިރާއި 59 މިނެޓެވެ.
މި މައްސަލައިގައި އީޝާގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމެވެ.
