ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގެ ޗީފް އެގްޒެކެޓިވް އޮފިސާ (ސީއީއޯ) ގެ މަގާމަށް، ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އާމިނަތު ޝިރުނާ މިއަދު އައްޔަން ކުރައްވައިފިއެވެ.
އެންސްޕާގެ އެންމެ އިސްވެރިޔާގެ މަގާމަށް ޝިރުނާ އައްޔަންކުރައްވާފައި މިވަނީ، އެ މަގާމުގައި ކުރިން ހުންނެވި ހީނާ ވަލީދު މިދިޔަ މަހުގެ ތެރޭގައި ކެބިނެޓް މިނިސްޓަރެއްގެ މަގާމަށް އައްޔަންކުރެއްވުމާ ގުޅިގެން އެ މަގާމު ހުސްވެފައި ވަނިކޮށެވެ.
އެންސްޕާގެ އާ ސީއީއޯ އާމިނަތު ޝިރުނާއަކީ ސިއްހީ ދާއިރާގައި ވަރަށް ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އެގޮތުން އޭނާ ވަނީ ނަރުހެއްގެ ގޮތުގައި 23 އަހަރު ދުވަހު މަސައްކަތް ކުރައްވާފައެވެ. އަދި ސިޔާސީ މަގާމަކަށް ވަޑައިގަތުމުގެ ކުރިން ޝިރުނާ ވަނީ އައިޖީއެމްއެޗްގެ ނާސިން ޑިޕާޓްމަންޓުގެ އިސް މަގާމުތަކެއްވެސް ފުރުއްވާފައެވެ.
ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވިއިރު، ޝިރުނާ ވަނީ ދަމަނަވެއްޓާއި މޯލްޑިވިއަން ބްލަޑް ސާވިސްގެ ކަންކަން ބެލެހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރައްވާފައެވެ. މީގެ އިތުރުން، އެންސްޕާއަށް ބަދަލުވެވަޑައިގަތުމުގެ ކުރިން އޭނާ ހުންނެވީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާ ގުޅޭ ކަންކަން މިނިސްޓްރީގެ ފަރާތުން ބަލަހައްޓަވާ އިސްވެރިޔާގެ ގޮތުގައެވެ.
އެންސްޕާއަކީ ދައުލަތުގެ ފަރާތުން ރައްޔިތުންނަށް ފޯރުކޮށްދޭ އިޖުތިމާއީ ރައްކާތެރިކަމުގެ އެކިއެކި ޕްރޮގްރާމްތަކާއި، އާސަންދައިގެ ހިދުމަތްތައް ވިލަރެސްކޮށް ހިންގުމުގެ މައިގަނޑު ޒިންމާ އުފުލާ މުއައްސަސާއެވެ.
