ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ އެހީގެ ޕްރޮގްރާމްތަކުގެ ދަށުން ފައިސާ ދޫކުރާ މީހުންގެ މައުލޫމާތު އެކަށީގެންވާ ގޮތެއްގައި ބަލަހައްޓާފައި ނުވާތީ، ނިޔާވެފައިވާ 700 އަށް ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރެވިފައިވާކަން އެ އެޖެންސީން ހާމަކޮށްފިއެވެ.

އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ދައުލަތުގެ މީޑިއާއަށް ދެއްވި މައުލޫމާތުގައި ފާހަގަކުރެއްވި ގޮތުގައި، މި މައްސަލަ ދިމާވީ 2020 ވަނަ އަހަރު އެ އިދާރާގެ މޮނިޓަރިން ސެކްޝަން އުވާލުމާ ގުޅިގެންނެވެ. އެހީ ލިބޭ މީހުންގެ ހާލަތު ދެނެގަނެ، މައުލޫމާތުތައް ކަށަވަރުކުރާ ނިޒާމު ހުއްޓުމަކަށް އައުމުގެ ސަބަބުން، އިޖުތިމާއީ އެހީތެރިކަން ދިނުމުގައި ބޮޑެތި އިހުމާލުތަކެއް ވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެންސްޕާގައި 15،000 އެއްހާ މީހުން އެހީއަށް އެދި ރަޖިސްޓަރީވެފައިވާއިރު، މީގެ ކުރިން އެ މީހުންގެ މައުލޫމާތު ކޮންމެ މަހަކު އައީ އާކުރަމުންނެވެ. ނަމަވެސް ފާއިތުވި އަހަރުތަކުގައި އެ މަސައްކަތް ހުއްޓިފައި އޮތުމުން، ނިޔާވެފައިވާ މީހުންގެ ނަންތައް އުނިނުކުރެވި، ދައުލަތުގެ މާލިއްޔަތުން ނަހަމަ ގޮތުގައި ހަރަދުތަކެއް ކުރެވިފައިވާތީ ޝިރުނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މިދިޔަ މެއި މަހު މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ޝިރުނާ މިހާރު އިސްކަންދެއްވަމުން ގެންދަވަނީ އުވާލާފައިވާ މޮނިޓަރިން ސެކްޝަން އަލުން އުފައްދައި، އެހީގެ ނިޒާމު ހަރުދަނާ ކުރުމަށެވެ. މީގެ މައިގަނޑު ބޭނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އަމާޒާ އެއްގޮތަށް، ދައުލަތުގެ އެހީތެރިކަން ސީދާ ބޭނުންޖެހިފައިވާ ހައްގުވެރިންނަށް ލިބޭނެކަން ކަށަވަރުކޮށް، ދައުލަތަށް ލިބޭ މާލީ ގެއްލުންތައް ކުޑަކުރުމެވެ.