ޗައިނާއިން ރާއްޖެއަށް ތެޔޮ ގަތުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ބޭރުގެ ނޫހެއް ކަމަށްވާ "ރޮއިޓާސް" އިން ރިޕޯޓުކޮށްފިއެވެ.

އެ ނޫހުން މިއަދު ރިޕޯޓުކޮށްފައިވާ ގޮތުގައި ހޮންކޮންގް ފިޔަވައި އޭޝިއާ ޕެސިފިކްގެ ގައުމުތަކަށް މެއި މަހު 500،000 މެޓްރިކް ޓަނުގެ ތެޔޮ (ޕެޓްރޯލް، ޑީސަލް އަދި ޖެޓް ފިއުލް) ބޭރުކުރުމަށް ޗައިނާއިން ވަނީ ހުއްދަ ދީފައެވެ.

ރާއްޖޭގެ އިތުރުން ޗައިނާއިން ތެޔޮ ފޯރުކޮށްދޭ ގައުމުތަކުގެ ތެރޭގައި އޮސްޓްރޭލިއާ، ބަންގްލަދޭޝް، ކެމްބޯޑިއާ، ލާއޯސް، މިޔަންމާ، ނިއުޒީލޭންޑް އަދި ސްރީލަންކާ ހިމެނެއެވެ.

އެ ގައުމުން ހުއްދަ ދިން 500،000 ޓަނު ތެލުގެ ތެރެއިން ދެބައިކުޅަ އެއްބައަށްވުރެ ގިނަ ތެޔޮ އެކްސްޕޯޓުކުރަން ހަވާލުކޮށްފައިވަނީ 'ސިނޯޕެކް'އާ އެވެ. ދެން ތެޔޮ ބޭރުކުރަން ހުއްދަ ދީފައި ވަނީ 150،000 ޓަނު 'ޕެޓްރޯ ޗައިނާ' އަށް އަދި 40،000 ޓަނު 'ސީއެންއޯއޯސީ' އަށެވެ.

މި ޝިޕްމަންޓްތަކުގައި ހިމެނޭ ތެލުގެ މަދުވެގެން 40 ޕަސެންޓަކީ ޑީސަލް އާއި ޖެޓް ފިއުލް ކަމަށް އެ ގައުމުގެ އޮފިޝަލުންނާ ހަވާލާދީ ރޮއިޓާސް އިން ރިޕޯޓުކޮށްފައި ވެއެވެ.

މިދިޔަ މަހުން ފެށިގެން ޗައިނާއިން ވަނީ އެ ގައުމަށް ތެލުގެ ތާށިކަމެއް ކުރިމަތިވެދާނެތީ ތެޔޮ ބޭރުކުރުން ވަރަށް ބޮޑަށް މަދުކޮށްފައެވެ. ނަމަވެސް އެ ނިންމުން ބަދަލުކޮށް ޗައިނާއިން ބޭރު ގައުމުތަކަށް ތެޔޮ ފޮނުވާ މިންވަރު އިތުރުކުރަން ނިންމާފައި މިވަނީ، އެ ގައުމުގެ ދައުލަތުގެ ތެޔޮ ސާފުކުރާ ކުންފުނިތަކުން އެކަމަށް އެދި ބާރުއެޅުމާ ގުޅިގެންނެވެ.

އެ ކުންފުނިތަކުން މިގޮތަށް އެދިފައިވަނީ ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެލުގެ އަގު އުފުލެމުން ދިޔަ ނަމަވެސް، ޗައިނާގެ އެތެރޭގެ ބާޒާރުގައި ތެލުގެ އަގު ހިފެހެއްޓިފައި ހުރުމުގެ ސަބަބުން ލިބޭ ގެއްލުން ކުޑަކޮށް، ބޭރުގެ ބާޒާރުން ލިބޭ ބޮޑު ފައިދާ ހޯދުމުގެ މަގްސަދުގައެވެ.

ރާއްޖެއަށް ބޭނުންވާ ތެޔޮ މައިގަނޑުކޮށް އެތެރެކުރާ އެސްޓީއޯއިން މިހާރު ރާއްޖެއަށް ތެޔޮ އެތެރެކުރަނީ، އޮމާން އާއި ދުބާއީއެވެ.