ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ސަރުކާރު ހިންގުމުގެ އޮނިގަނޑަށް ގެންނެވި ބޮޑު ބަދަލާއެކު އަލުން އެކުލަވައިލެއްވި ވަޒީރުންގެ މަޖިލީހުގެ 14 މެންބަރުންނަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.

ކެބިނެޓަށް ރައީސް ގެންނެވި މި ބަދަލަކީ ސަރުކާރުގެ ވުޒާރާތަކުގެ އަދަދު 20 އިން 15 އަށް މަދުކުރައްވައި، ރައްޔިތުންގެ ވިންދާ އެއްގޮތަށް ހިދުމަތްތައް ހަރުދަނާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކުރިއަށްދިޔައިރު، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ރިޕޯޓަށް ބަހުސްކުރުމަށް ލިބުނު ފުރުސަތުގައި ވާހަކަދެއްކެވީ ހަމައެކަނި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު އެކަންޏެވެ. އެހެން މެންބަރަކު ބަހުސްގައި ބައިވެރިވެވަޑައިނުގަތުމުން، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވަނީ ބަހުސްގެ މަރުހަލާ ނިންމަވާލައްވައި ވޯޓަށް އަހާފައެވެ.

ކޮންމެ ވަޒީރަކަށް ވަކިވަކިން ނެގި ވޯޓުގައި، ހުރިހާ ބޭފުޅުންނަށް ވެސް ވަނީ މަޖިލީހުގެ އަގުލަބިއްޔަތު ލިބިވަޑައިގެންފައެވެ. އެގޮތުން، ޑިފެންސް މިނިސްޓަރު ހަސަން ރަޝީދާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރަށް 76 ވޯޓު ލިބިވަޑައިގެންނެވިއިރު، ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް، ހެލްތު މިނިސްޓަރު ގީލާ އަލީ އަދި ޔޫތު މިނިސްޓަރު އަބްދުﷲ ރާފިއުއަށް ކޮންމެ ބޭފުޅަކަށް 75 މެންބަރުން ރުހުން ދެއްވިއެވެ. އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް 74 ވޯޓު، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާއި ޓުއަރިޒަމް މިނިސްޓަރު މުހައްމަދު އަމީނަށް 73 ވޯޓު، އަދި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއުއަށް 72 ވޯޓު ލިބިވަޑައިގެންނެވިއެވެ. ހޯމް މިނިސްޓަރު އަލީ އިހްސާނަށް 70 ވޯޓު ލިބިވަޑައިގެންނެވިއިރު، ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބަށް 68 ވޯޓު، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށް 65 ވޯޓު، ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދަށް 64 ވޯޓު އަދި އެންވަޔަރަންމަންޓް މިނިސްޓަރު އަލީ ޝަރީފަށް 63 މެންބަރުންގެ ވޯޓާއެކު ވަނީ ރުހުން ލިބިވަޑައިގެންފައެވެ.

މި ވޯޓުގައި ސަރުކާރު ކޯލިޝަންގެ ހުރިހާ މެންބަރުން ހުރިހާ ވަޒީރުންނަށް ރުހުން ދެއްވިއިރު، އިދިކޮޅު އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ވަކިވަކި ވަޒީރުންނަށް ރުހުން ދޭން ނުފެންނަ ކަމަށް ވޯޓު ދެއްވާފައެވެ. ހާއްސަކޮށް މިނިސްޓަރު މުހައްމަދު ސައީދާއި ހީނާ ވަލީދަށް ރުހުން ދޭން ނުފެންނަ ކަމަށް އެމްޑީޕީގެ 12 މެންބަރަކު ވޯޓު ދެއްވިއެވެ.

ރައީސް ޑރ. މުއިއްޒު ކެބިނެޓަށް މި ބަދަލު ގެންނެވީ ކުރިން ތިއްބެވި 20 މިނިސްޓަރުންގެ ތެރެއިން 10 ބޭފުޅަކު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މިއާއެކު ބައެއް ވުޒާރާތައް އެއްކޮށްލައްވައި، ސަރުކާރުގެ ހިންގުން ވަނީ އިތުރަށް ހަރުދަނާކުރައްވާފައެވެ. މަޖިލީހުގެ ރުހުން ލިބުމާއެކު މި މިނިސްޓަރުންނަށް މިހާރު ވަނީ ގާނޫނީ ފުރިހަމަ ބާރުވެރިކަން ލިބިވަޑައިގެންފައެވެ.