ނޫސް މަޖައްލާތައް ރަޖިސްޓްރީ ކުރުމާއި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހަޅާ ޝަކުވާތަކާއި މައްސަލަތައް ބަލައި ފިޔަވަޅުއެޅުމާ ގުޅޭ ގަވާއިދު އެކުލަވާލައިފިއެވެ.

މީޑިއާއާ ގުޅޭ ތިން ގަވާއިދެއް މީޑިއާ ކޮމިޝަނުން އާންމު ކޮށްފައިވާއިރު އެ ގަވާއިދުތަކަށް ގެޒެޓް ކުރާ ތާރީހުން ފެށިގެން އަމަލު ކުރަންޖެހެއެވެ. އެ ގަވާއިދުތަކަކީ:

  1. ނޫސް މަޖައްލާ ރަޖިސްޓްރީ ކުރުމުގެ ގަވާއިދު
  2. އެއްވުމާ ގުޅޭގޮތުން ހަރަކާތްތެރިވާ ނޫސްވެރިން އެކްރެޑިޓް ކުރުމުގެ ގަވާއިދު
  3. މީޑިއާ ކޮމިޝަނަށް ހުށަހަޅޭ މައްސަލަތައް ބެލުމާއި ފިޔަވަޅު އެޅުމުގެ ގަވާއިދު

އަލަށް އަމަލުކުރަން ފެށި ގަވާއިދުގެ ދަށުން، ކޮންމެ ފަރާތަކަށް ވެސް މީޑިއާއާ ގުޅޭ ޝަކުވާތައް ހުށަހެޅުމުގެ ފުރުސަތު ލިބިދެއެވެ. އަދި ކޮމިޝަނުގެ އަމިއްލަ އިސްނެގުމުގެ މަތީންނާއި ދައުލަތުގެ މުއައްސަސާތަކުން ހުށަހަޅާ މައްސަލަތައް ވެސް ބެލުމުގެ ބާރު ކޮމިޝަނަށް ލިބިގެންވެއެވެ.

ކޮންޓެންޓަކާ ގުޅޭ ޝަކުވާއެއް ހުށަހަޅާ ނަމަ، އެ ކޮންޓެންޓެއް ޝާއިއުކުރި ނުވަތަ ބްރޯޑްކާސްޓުކުރި ތާރީހުން ފެށިގެން 45 ދުވަހުގެ ތެރޭގައި ހުށަހަޅަން ޖެހެއެވެ. އަދި ޝަކުވާ ހުށަހަޅާތާ 30 ދުވަހުގެ ތެރޭގައި ގޮތެއް ނިންމަން ޖެހޭނެ ކަމަށް ވެއެވެ.

މި ގަވާއިދުގެ ދަށުން، ބްރޯޑްކާސްޓަރުންނާއި، މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކުގެ އިތުރުން ނޫސްވެރިން އަމަލުކުރަން ޖެހޭ ސުލޫކީ މިންގަނޑުތައް ބަޔާންކޮށްފައިވާއިރު، އެ ކަންކަމާ ހިލާފުވާ ނަމަ ވަކިވަކި ނޫސްވެރިންނަށް ވެސް ފިޔަވަޅު އެޅިދާނެ ކަމަށް ވެއެވެ. ސުލޫކީ މިންގަނޑުގެ ދަށުން ކަނޑައަޅާފައިވާ ލައިސަންސް ދިނުމުގެ ޝަރުތުތަކާ ހިލާފުވާ ބްރޯޑްކާސްޓަރުން 50،000ރ. އާއި 250،000ރ.އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވެއެވެ.

މީގެ އިތުރުން ވެސް ނޫސް މަޖައްލާ ރަޖިސްޓްރީ ކުރުމުގެ ގަވާއިދުގައިވާ ގޮތުން ނޫހެއް ނުވަތަ މަޖައްލާއެއް ޝާއިއުކުރަންވާނީ ކޮމިޝަނުގައި ރަޖިސްޓަރީކުރުމަށް ފަހުއެވެ. އަދި ނޫސް މަޖައްލާގެ ރަޖިސްޓަރީގެ މުއްދަތަކީ ފަސް އަހަރެވެ. ރަޖިސްޓްރީ އާކުރަން ބޭނުންވާ ނަމަ، މުއްދަތު ހަމަވުމުގެ 90 ދުވަހުގެ ކުރިން ހުށަހަޅަން ޖެހެއެވެ. އަދި، އަހަރު ދުވަސްވަންދެން އެއްވެސް އެއްޗެއް ޝާއިއުނުކުރާ ނޫސްތަކުގެ ރަޖިސްޓަރީ ބާތިލުކުރުމުގެ ބާރު ކޮމިޝަނަށް ލިބިދެއެވެ.

ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި މީޑިއާ ބިލް ފާސްކޮށް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލުމަށްފަހު، މީޑިއާ ކޮމިޝަންގެ ނަމުގައި ވަކި އިދާރާއެއް އުފެއްދީ މިދިޔަ ސެޕްޓެމްބަރު މަހުއެވެ.