ކުރީގެ ދެ މިނިސްޓަރުންނާއި ދިޔާނާ އަށް ދިން އެމްބެސެޑާ އެޓް ލާޖްގެ މަގާމަކީ އަލަށް އުފެއްދި މަގާމެއް ނޫންކަމަށާއި، އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް ބޭފުޅުން އައްޔަނު ކުރައްވަނީ ހުސްވެފައިވާ ސަފީރުންގެ މަގާމުތަކަށް ބޭފުޅުން ކަނޑައެޅުމުގެ މަރުހަލާގެ ތެރެއިން ކަމަށް ސަރުކާރުން ބުނެފިއެވެ.
މިކަމާ ގުޅޭގޮތުން ޗީފް ގަވަމަންޓް ސްޕޯކްސްޕާސަން މުހައްމަދު ހުސައިން ޝަރީފް ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑާ އެޓް ލާޖްކަމުގެ މަގާމަށް ތިން ބޭފުޅަކު އައްޔަނު ކުރައްވާފައިވާ ކަމަށެވެ. އެ ބޭފުޅުންނަކީ އާދަމް ޝަރީފް އުމަރާއި، ތޯރިގު އިބްރާހީމްގެ އިތުރުން ފާތިމަތު ދިޔާނާ ސައީދުއެވެ.
ސްޕޯކްސްޕާސަންގެ ބަޔާނުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، މި މަގާމަށް ބޭފުޅުން އައްޔަނު ކުރެވެނީ ބޭރު ގައުމުތަކުގައި ހުސްވެފައިވާ ސަފީރުންގެ މަގާމުތަކަށް ފޮނުއްވުމަށް ކަނޑައެޅިފައިވާ ބޭފުޅުންނަށެވެ. އަދި ބައެއް މީޑިއާތަކަށް މިކަން ސާފުވެފައި ނުވާތީ، މިއީ ސަރުކާރުގެ އޮނިގަނޑަށް އިތުރުވާ އާ މަގާމުތަކެއް ނޫންކަން އޭނާ ކަށަވަރުކޮށްދެއްވިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ މިކަން އިތުރަށް ސާފުކޮށްދެއްވާފައެވެ. އެގޮތުން ރައީސް ވިދާޅުވީ ތޯރިގު އިބްރާހިމް، އާދަމް ޝަރީފް އުމަރު އަދި ދިޔާނާ ސައީދަށް ފޮރިން މިނިސްޓްރީން އާ މަގާމެއް ދީފައި ނުވާނެ ކަމަށެވެ.
މީގެއިތުރުން ސަފީރުން އައްޔަނުކުރުމުގެ އިޖުރާއާތުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް މުއިއްޒު ވިދާޅުވީ، އެމްބަސީތަކަށް ނުވަތަ ހައި ކޮމިޝަންތަކަށް ބޭފުޅުން އައްޔަނު ކުރުމަކީ އެއް ދުވަހުން ކުއްލިއަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ މިއީ އިތުރުވާ މަގާމުތަކެއް ނޫން ކަމަށާއި، މި ސަރުކާރުގެ އަމާޒަކީ ސަރުކާރުގެ މަގާމުތައް މަދުކޮށް ހިންގުން ހަރުދަނާކުރުން ކަމަށެވެ.
