ވައިގެ މަގުން ރާއްޖެ އަށް މަސްތުވާތަކެއްޗާއި މަނާ ބޭސްތަކެއް އެތެރެކުރި ދެމީހުން ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ މި ދެމީހުން ހައްޔަރުކޮށްފައި ވަނީ މި އެޕްރީލް މަހުގެ 22 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ދެމީހުން ކަމުގައިވާ ޝިފުލް (40އ) އާއި ސަޖިބް (32އ) އެވެ.

ފުލުހުން ބުނީ މި ދެމީހުންނަކީ މަސްތުވާތަކެއްޗާއި މަނާބޭސް ރާއްޖެއަށް އެތެރެކުރިކަމުގެ ތުހުމަތުގައި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ހިފަހައްޓައި ފުލުހުންނާ ހަވާލުކުރި ދެމީހުން ކަމަށެވެ. މި ދެމީހުން ރާއްޖެ އެތެރެކުރި މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 1105 ގުރާމްކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އިތުރަށް ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެމީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.