ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ހޮނިހިރު ދުވަހު ކަރަންޓުގެ ހިދުމަތް މެދުކެނޑުނީ މަގުހެދުމުގެ މަސައްކަތް ކުރަމުންދިޔަ ބައެއްގެ އިހުމާލުން ކަރަންޓު ކޭބަލްތަކަށް ގެއްލުންވުމާ ގުޅިގެން ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ހާމަކޮށްފިއެވެ.
ހޮނިހިރު ދުވަހު ކަރަންޓު ކެނޑިފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރު 5، 6، އަދި 7 ގެ އިތުރުން، ވިނަރެސްގެ 10 ޓަވަރާއި، އަމާން ދޯދި 12، 13، 14، 15، އަދި 16 ވަނަ ޓަވަރުންނެވެ. މީގެ އިތުރުން ދެވަނަ ފިޔަވަހީގެ އަމާން އުދަރެސް 5 އަދި 6 ވަނަ ޓަވަރާއި، އެމްޕީއެލް ޓަވަރުތަކުންވެސް ވަނީ ކަރަންޓު ކެނޑިފައެވެ. ކަރަންޓު ކެނޑުނު ބައެއް ސަރަހައްދުތަކަށް ކަރަންޓު ނުލިބި 3 ގަޑިއިރަށްވުރެ ގިނަ ވަގުތު ނެގިކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ސްޓެލްކޯއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ހޮނިހިރު ދުވަހު ހުޅުމާލެއިން ކަރަންޓު ކެނޑުމާއެކު ކަރަންޓު މެދުކެނޑުނު ހުރިހާ ސަރަހައްދަކަށް އަލުން ހިދުމަތް ދީ، އާންމު ހާލަތަށް ގެނައުމަށް އެ ކުންފުނީގެ ޓެކްނިކަލް ޓީމުން މަސައްކަތްކޮށް އެކަން ކާމިޔާބުކުރިކަމަށެވެ.
މި މަހުގެ 12 ވަނަ ދުވަހު ވެސް ހުޅުމާލެ ދެވަނަ ފިޔަވަހިން ކަރަންޓު ކެނޑިފައިވެއެވެ. އެފަހަރު ކަރަންޓު ކެނޑިފައި ވަނީ މެންދުރުފަހު 3:15 އެހާކަށްހާއިރުއެވެ. އަދި އެފަހަރުވެސް ކަރަންޓު ނުލިބި 3 ގަޑިއިރަށްވުރެ ގިނަ ވަގުތު ނެގިއެވެ.
ސްޓެލްކޯގެ ބަޔާނުގައި ވާގޮތުން، މި މަހުގެ 12 ވަނަ ދުވަހު ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑިގެންދިޔައީ ވެސް ކޮނުމުގެ މަސައްކަތް ކުރި ބައެއްގެ އިހުމާލުން މައި ކޭބަލަކަށް ގެއްލުންވުމުންކަމަށެވެ. ސްޓެލްކޯއިން ބުނީ އެ ފަހަރު ލިބުނު ގެއްލުން ދެނެގަތުމަށް "ފޯލްޓް ޑިޓެކްޓާ" ބޭނުންކޮށްގެން ކުރި މަސައްކަތުން، ކޭބަލްގެ އެހެން ދިމާއަކަށް މީގެ ކުރިން ލިބިފައިވާ ގެއްލުމެއް ސިއްރުކޮށްފައިވާކަން ވެސް ފާހަގަކުރެވުނުކަމަށެވެ. އަދި އެ ފަރާތުން އެކަން ކުންފުންޏަށް ރިޕޯޓްކުރުމުގެ ބަދަލުގައި ކޭބަލްގައި ޓޭޕް އޮޅައި ފޮރުވާފައިވާކަން ވަނީ ހާމަވެފައެވެ.
މިފަދަ ޒިންމާދާރުކަން ކުޑަ އަމަލުތަކުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ ތަކުލީފުތަކާ ގުޅިގެން ސްޓެލްކޯއިން ވަނީ ހިތާމަ ފާޅުކޮށްފައެވެ. އަދި މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި، ސްޓެލްކޯއިން ވަނީ ދެވަނަ ފިޔަވަހީގެ ވިއުގަ ބަލަހައްޓާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެކު މަޝްވަރާކޮށްފައެވެ.
ސްޓެލްކޯއިން ބުނީ ކަރަންޓު ކޭބަލްތައް ވަޅުލާފައިވަނީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް، ކޭބަލް އޮތް ސަރަހައްދު އަންގައިދޭ ޓޭޕާއި ރައްކާތެރިކަމުގެ ޝީޓްތަކާއެކު ކަމަށެވެ. އެހެންކަމުން، ބިންކޮނުމުގެ މަސައްކަތްކުރާ ފަރާތްތަކުން މިއަށްވުރެ ބޮޑަށް ސަމާލުކަން ދިނުމަށާއި، އެއްވެސް ގެއްލުމެއް ލިބިއްޖެނަމަ ލަސްނުކޮށް ރިޕޯޓްކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ކޮނުމުގެ މަސައްކަތް ކުރާ އާންމު ފަރުދުންނާއި ކުންފުނިތަކުން ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ހޯދައިގެން ޒިންމާދާރުކަމާއެކު މަސައްކަތް ކުރުމަށް ބާރުއަޅަމުން، ކަރަންޓު މެދުކެނޑުމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް ސްޓެލްކޯއިން ވަނީ އިހްލާސްތެރިކަމާއެކު މައާފަށް އެދިފައެވެ. އަދި ކަސްޓަމަރުންގެ ފަރާތުން އަބަދުވެސް ލިބޭ އެއްބާރުލުމަށް އެ ކުންފުނިން ވަނީ ޝުކުރު އަދާކޮށްފައެވެ.
