ދުނިޔޭގެ ބާޒާރުގައި ތެލަށާއި މުދަލުގެ އަގުތައް މައްޗަށް ދިއުމާ ގުޅިގެން ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ޓައިމްލައިނަށް ބަދަލުތައް ގެނެސްގެން ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

މިހާރު ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން މުއްތަލިބް ވިދާޅުވީ، ސަރުކާރުން އެންމެ ބޮޑަށް އިސްކަމެއް ދެނީ ރައްޔިތުންގެ އަސާސީ ކަންކަން ފުރިހަމަ ކޮށް ދިނުމަށް ފަހު ދެން ހުރި ކަންކަން ކުރިއަށް ގެންދިއުމަށް ކަމަށެވެ.

އެގޮތުން ރައްޔިތުންނަށް ބޭނުންވާ ތެލާއި، ގޭހާއި ކަރަންޓު ބިލުގެ އިތުރުން މަސްވެރިންނަށް ބޭނުންވާ ތެލުގެ އަގު އުފުލިގެން ގޮސްފައި ނުވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން އަސާސީ ކާބޯތަކެތީގެ އަގު ވެސް ބޮޑު ނުވެ ހިފެހެއްޓުމަށް މަސައްކަތް ކުރަމުން އަންނަ އިރު، އެއްވެސް ދަތި ކަމަކާ ނުލަިއ ތެލާއި ގޭސް ރާއްޖެއަށް ލިބޭނެ މަގު ފަހި ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަަމށް މުއްތަލިބް ވިދާޅުވެއްޖެއެވެ.

މިހާތަނަށް ސަރުކާރުން ކުރަމުންދާ މަސައްކަތަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ މުދަލާއި ހިދުމަތްތަކަށް އެއްވެސް ބުރުލެއް ނާރާ ފޯރުކޮށް ދިނުން ކަމަށް މުއްތަލިބް ވިދާޅުވިއެވެ. މިކަންކަން ފުރިހަމަ ކޮށް ދިނުމަށް ފަހު ދެން ސަރުކާރުގެ އަމާޒަކީ ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތައް ކުރިއަށް ގެންދިއުން ކަމަށް މުއްތަލިބް ވިދާޅުވިއެވެ. އެގޮތުން ބައެއް ޕަރޮޖެކްތްތަކުގެ ޓައިމްލައިނަށް ބަދަލުތަކެއް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިގޮތަށް ނިންމާފައި މިވަނީ މެދުއިރުމަތީގައި ހިންގަމުންދާ ހަމަނުޖެހުމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމާއި އިމާރާތްކުރުމަށް ބޭނުންވާ ބައެއް ތަކެތި ލިބުން ދަތިވުމުގެ ސަބަބުން ކަމަށް މިނސްޓަރު ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ރާއްޖޭގައި ކުރިއަށް ގެންދާ އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކަށާއި އަދި އިމާރާތްކުރުމުގެ ދާއިރާއަށް ބޮޑެތި ދަތިކަމެއް ކުރިމަތިވެފައިވާ ކަމަށް މިނިސްްޓަރު ވިދާޅުވިއެވެ. އެގޮތުން ކޮންސްޓްރަކްޝަން ދާއިރާއަށް ބޭނުންވާ ތަކެތި އެތެރެކުރުމަށް އެސްތީއޯ އިން މަސައްކަތް ކުރަމުން އަންނަ ކަމަށް މުއްތަލިބް ވިދާޅުވިއެވެ.

ތެލުގެ އަގު ދެގުނައަށް ވުރެ ބޮޑުވެފައި ވާތީއާއި ގިނަ އަދަދަކަށް ތެޔި ބޭނުންކޮށްގެން ކުރަންޖެހޭ މަސައްކަތްތަކުގައި ދިމާވެފައިވާ ދަތިކަން ހިއްސާކުރަމުން މުއްތަލިބް ވިދާޅުވީ، ބިން ހިއްކުމާއި ބަނދަރު ހެދުމުގެ މަޝްރޫއުތައް ހިމެނޭ ކަމަށެވެ. މި ވަގުތު ސަރުކާރުގެ އަމާޒަކީ ވިހާވެސް ހަރަދު ކުޑަވާނެ ގޮތަކަށް ބަލައިގެން މަޝްރޫއުތައް ކުރިއަށް ގެންދިއުން ކަމަށް މުއްތަލިބް ވިދާޅުވިއެވެ.

އެގޮތުން އެއްވެސް ޕްރޮޖެކްޓެއް ހުއްޓާލުމުގެ ވިސްނުމެއް ނެތް ކަމަށާއި ނަމަވެސް ޓައިމްލައިނަށް ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އުންމީދަކީ މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓާލައި ދުނިޔޭގެ ބާޒާރުގައި މުދަލުގެ އަގުބޮޑުވެފައިވާ މައްސަލައަށް ހައްލެއް ލިބިގެން ދިއުން ކަމަށް މުއްތަލިބް ވިދާޅުވިއެވެ. އޭގެ ސަބަބުން ޕްރޮޖެކްޓްތައް ހިންގަން ކަނޑައަޅާފައިވާ ބަޖެޓުގެ ތެރެއިން ދީފައިވާ މުއްދަތަށް މަޝްރޫއުތައް ނިންމުމަކީ ބޭނުންވާ ގޮތް ކަމަށް މުއްތަލިބް ވިދާޅުވިއެވެ.