އުމްރާނީ ތަރައްގީއާއި، ކުޅިވަރާއި ފަންނު އަދި އެކިއެކި ހިދުމްތަކުގެ ދާއިރާތައް ކުރިއެރުވުމުގެ ސިޔާސަތުގެ ދަށުން މި ސަރުކާރުން 206 މަޝްރޫއެއް ތަަފާތު ކުންފުނިތަކާ ހަވާލު ކޮށްފިއެވެ.

މި މަޝްރޫއުތައް އެ ކުންފުނިތަކާ ހަވާލުކޮށްފައި ވަނީ ތަރައްގީގެ މަޝްރޫއުތައް ޕްރައިވެޓް ކޮންޓްރެކްޓަރުންނާ ހަވާލުކުރުމަށް ބާސެލޯ ނަސަންދުރާގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ. އެގޮތުން ޖުމްލަ 9 ދާއިރާއަކުން ތަފާތު 53 ކުންފުންޏަކަށް 2.4 ބިލިއަން ރުފިޔާގެ މަޝްރޫއު ވަނީ ހަވާލުކޮށްފައެވެ.

މަޝްރޫއުތައް ހަވާލު ކުރި ދާއިރާތައް:

  • ތައުލީމީ ދާއިރާ - 31 މަޝްރޫއު
  • ސިއްހީ ދާއިރާ - 30 މަޝްރޫއު
  • ދާހިލީ ދާއިރާ - 39 މަޝްރޫއު
  • ތިމާވެށީގެ ދާއިރާ - 24 މަޝްރޫއު
  • މަސްވެރިކަމުގެ ދާއިރާ - 2 މަޝްރޫއު
  • ކުޅިވަރުގެ ދާއިރާ - 52 މަޝްރޫއު
  • ގެދޮރުވެރިކަމުގެގެ ދާއިރާ - 13 މަޝްރޫއު
  • ދީނީ ދާއިރާ - 14 މަޝްރޫއު
  • ޒުވާނުންގެ ދާއިރާ - 1 މަޝްރޫއު

މަޝްރޫއުތައް ޕްރައިވެޓް ކޮންޓްރެކްޓަރުންނާ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މިދިޔަ ދެ ދުވަހު ސޮއިކުރި މަޝްރޫއުތަކާއެކު 216 މަޝްރޫއު ކުންފުނިތަކާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި މިއަދަކީ ސަރުކާރަކުން އެންމެ ގިނަ މަޝްރޫއުތައް އަމިއްލަ ކުންފުނިތަކާ ހަވާލުކުރި ދުވަސްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މިއަދު ހަވާލުކުރި މަޝްރޫއުތަކުގެ ތެރޭގައި 13 ރަށެއްގައި 825 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތްތައް ހިމެނޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު މުސާ ޒަމީރު ދެއްކެވި ވާހަކައިގައި ވިދާޅުވީ، ތަރައްގީގެ މަޝްރޫއުތައް ހަވާލުކުރަނީ އެކަމުގެ ގާބިލުކަން ހުރި ފަރާތްތަކަށް ކަމަށާއި މިއަދު ހަވާލުކުރާ މަޝްރޫއުތަކަކީ އެގޮތުން އެޅޭ މުހިންމު ފިޔަވަޅުތަކެއް ކަމަށެވެ. މިއަދު ސޮއިކުރި 206 މަޝްރޫއުތައް ފަރުމާކޮށްފައި ވަނީ ކައުންސިލްތަކާއި ރައްޔިތުން އެދޭ ގޮތަށް ކަމަށާއި އެއްބަސްވުނަތައް ހަދާފަިއ ވަނީ ކޮންޓްރެކްޓާ ފައިނޭންސިން މޮޑެލްގެ ދަށުން ކަމަށް ޒަމީރު ވިދާޅުވިއެވެ.

އޭގެ ސަބަބުން ބޭންކްތަކުގެ ފައިނޭންސިންނާއި އިތުބާރު ކުރެވޭ ކޮންޓްރެކްޓަރުންގެ ތަޖުރިބާ އަވަސް މިނެއްގައި ހޯދޭނެ ކަމަށާއި އަދި ރިސްކު މެނޭޖް ކުރުމަށް އެންމެ އެކަށީގެންވާ ފަރާތްތަކަށް އެ ރިސްކުތަކަށް ބަހާލެވޭނެ ކަމަށް ޒަމީރު ވިދާޅުވިއެވެ. މީގެ ސަބަބުން ހަމައެކަނި ދައުލަތުގެ ބަޖެޓަށް ބަރޯސާވުމުގެ ބަދަލުގައި ހިންގަން ބޭނުންވާ ގިނަ މަޝްރޫއުތަކެއްގެ މަސައްކަތް ފެށޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.