މައިންބަފައިން އެމީހުންގެ ދަރިން ސްކޫލަށް ފޮނުވަނީ އެއީ ރައްކާތެރި، އުނގެނުމަށް ފަހި މާހައުލެއް ކަމަށް ދެކިގެންނެވެ. ނަމަވެސް، ރާއްޖޭގެ ގިނަ ސްކޫލްތަކެއްގައި މިއަދު ފެންނަމުންދަނީ މުޅިން ތަފާތު މަންޒަރެކެވެ. ކްލާސްރޫމްތަކާއި، ކޮރިޑޯތަކުގެ އިތުރުން ކުޅޭ މައިދާންތަކުގައި އަޑެއްނެތި ފެތުރެމުންދާ ބުލީކުރުމާއި ފުރައްސާރަ ކުރުމުގެ ވަބާގެ ސަބަބުން، އެތައް ކުދިންނެއް ދަނީ ނަފްސާނީ ގޮތުން ފުން ވޭނެއް ތަހައްމަލު ކުރަމުންނެވެ. މިއީ ހަމައެކަނި ކުދިންގެ މެދުގައި ހިނގާ ކުދިކުދި އަރާރުންވުންތަކެއް ނޫނެވެ. މިއީ ދަރިވަރުންގެ ތަޢުލީމީ ހަޔާތާއި މުސްތަގުބަލަށް ހުރަސްއަޅަމުންދާ، އަދި މުޅި މުޖުތަމައު ސަމާލުވާން ޖެހިފައިވާ ނުރައްކާތެރި މައްސަލައެކެވެ. ގިނަ ފަހަރަށް މިފަދަ އަމަލުތައް ހިނގަނީ ބޮޑެތި މީހުންގެ ލޯމަތިން ސިއްރުން ކަމަށް ވުމާއެކު، މައްސަލައިގެ ފުންމިން ދެނެގަތުމަށް ވަނީ ދަތިވެފައެވެ.

ތަފާސްހިސާބުތަކުން ފެންނަ ބިރުވެރި ހަގީގަތް

ރާއްޖޭގެ ސްކޫލްތަކުގައި ބުލީކުރުން އޮތް މިންވަރު ދެނެގަތުމަށް ހަދާފައިވާ ތަފާތު ދިރާސާތަކުން ފެންނަނީ ކަންބޮޑުވާންޖެހޭ ފަދަ ނަތީޖާތަކެކެވެ. ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އާއި ޔުނިސެފްގެ ދިރާސާތަކުން ދައްކާ ގޮތުގައި، ރާއްޖޭގެ އުމުރުން 13 އަހަރާއި 15 އަހަރާ ދެމެދުގެ ކޮންމެ ހަތަރު ކުއްޖަކުން އެއް ކުއްޖަކީ ކޮންމެވެސް ސިފައެއްގައި ބުލީކުރުމުގެ ޝިކާރައަކަށްވެފައިވާ ކުއްޖެކެވެ. މީގެ އިތުރުން، އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް) އިން މާލެ ސަރަހައްދުގެ ސްކޫލްތަކުގައި ކުރިއަށް ގެންދިޔަ ފުޅާ ސާވޭއަކުން ހާމަވި ގޮތުގައި، ސާވޭގައި ބައިވެރިވި 542 ދަރިވަރުންގެ ތެރެއިން 61 އިންސައްތަ ކުދިންނަށް ވަނީ ސްކޫލް މާހައުލުގައި ބުލީކުރުމާ ކުރިމަތިލާން ޖެހިފައެވެ. އަދި 80 އިންސައްތަ ކުދިން ވަނީ އެހެން ކުދިންނަށް ބުލީކުރާތަން ދެކެފައެވެ.

މި ތަފާސްހިސާބުތަކުން އެންމެ ކަންބޮޑުވާންޖެހޭ އެއް ކަމަކީ، ބުލީކުރުމުގެ އަމަލުތައް ހިނގާ ތަންތަނާއި އޭގެ ބާވަތްތަކެވެ.

ސާވޭގެ ނަތީޖާ؛

  • 37 އިންސައްތަ ހާދިސާ ހިނގާފައިވަނީ ސީދާ ކްލާސްރޫމްގައި
  • 16 އިންސައްތަ ކޮރިޑޯގައި
  • 14 އިންސައްތަ ކުޅޭ މައިދާނުގައި
  • 10 އިންސައްތަ ފާހާނާތަކުގައި

އަނިޔާ ލިބުނު ކުދިންގެ ތެރެއިން 32 އިންސައްތަ ކުދިންނަށް ބަހުގެ ހަމަލާތައް ރައްދުކޮށްފައި ވާއިރު، 28 އިންސައްތަ ކުދިންނާ ބެހޭގޮތުން ދޮގު ވާހަކަތައް ފަތުރާފައި ވެއެވެ. އަދި 15 އިންސައްތަ ކުދިންނަށް ޖިސްމާނީ އަނިޔާ ލިބިފައި ވެއެވެ. އެންމެ ހިތާމަހުރި ކަމަކީ، އަނިޔާ ލިބުނު ކުދިންގެ ތެރެއިން 45 އިންސައްތަ ކުދިން އެއްވެސް ފަރާތަކަށް އެ މައްސަލަ ރިޕޯޓު ކޮށްފައި ނުވުމެވެ.

ކަރުނައާއި ވޭނުން ފުރިފައިވާ ތަޖުރިބާތައް

ބުލީކުރުމުގެ ޝިކާރައަކަށްވާ ކުދިންގެ ވާހަކަތަކަކީ ހިތްދަތި ވާހަކަތަކެކެވެ. ދާދި ފަހުން މާލެ ސަރަހައްދުގެ ސްކޫލެއްގެ ގްރޭޑް އެކެއްގައި ކިޔަވަމުންދިޔަ ކުއްޖަކަށް، އެތައް މަހެއް ވަންދެން ބުލީކުރުމުގެ އަމަލުތަކާ ކުރިމަތިލާން ޖެހުނު މައްސަލައެއް ފެންމަތިވިއެވެ. އެ ކުއްޖާ ގެއަށް ދިޔައިރު އިސްތަށިގަނޑުން ބައެއް ކަނޑާލައި، ޔުނީފޯމަށް ގެއްލުންދީފައި ހުރިކަން އާއިލާއިން ފާހަގަ ކުރިއެވެ. މިއީ ހަމައެކަނި އެއް ހާދިސާއެވެ. ރަށްރަށުން މާލެއަށް ކިޔަވަން އަންނަ ކުދިންނަށްވެސް މިފަދަ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހެއެވެ.

ޔުނިސެފްގެ ރިޕޯޓެއްގައި ފާހަގަކޮށްފައިވާ ގޮތުން، މާލެއަށް ހިޖުރަކުރާ ކުދިންގެ ތެރެއިން 41 އިންސައްތަ ކުދިންނަށް ސްކޫލް މާހައުލުގައި ބުލީކުރުމުގެ މައްސަލަތަކާ ކުރިމަތިލާން ޖެހެއެވެ.

މާލޭގެ ސްކޫލެއްގައި މަސައްކަތްކުރައްވާ ތަޖުރިބާކާރު ކައުންސިލަރަކު ވިދާޅުވި ގޮތުގައި، ބުލީކުރުމުގެ ސަބަބުން ކުދިންގެ މިޒާޖަށް އަންނަ ބަދަލުތައް ވަރަށް ސާފުކޮށް ފެނެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، މުދައްރިސުންނަށް ގިނަ ފަހަރަށް މަޖުބޫރުވެފައި އޮންނަނީ މަންހަޖު ނިންމުމަށް އިސްކަން ދިނުމަށެވެ. އޭގެ ސަބަބުން ކުއްޖާގެ ނަފްސާނީ ހާލަތަށް ދޭންޖެހޭ ސަމާލުކަން ނުދެވޭ ފަހަރު އާދެއެވެ.

“ކުރިން ވަރަށް ހަލުވިކޮށް، ކްލާހުގައި ބައިވެރިވެގެން އުޅޭ ކުދިން، ކުއްލިއަކަށް ބަސްމަދުވެ، އެކަހެރިވާން ފަށާ. ބައެއް ފަހަރު ސްކޫލަށް އަންނަން ބޭނުން ނުވެގެން ރޯ މަންޒަރުވެސް ފެނޭ،”
ކައުންސިލަރެއް

މިފަދަ ކަންކަމުގެ ސަބަބުން ކުދިންގެ ކިޔެވުމަށް ނޭދެވޭ އަސަރުކުރުމުގެ އިތުރުން، ދާއިމީ ނަފްސާނީ ބަލިމަޑުކަމަކަށް ހުށަހެޅިގެންދެއެވެ.

ނަފްސާނީ ސަބަބުތަކާއި ބަދަލުވަމުންދާ ގޯނާކުރުމުގެ ވައްޓަފާޅި

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ދިރާސާއަކުން ދައްކާ ގޮތުގައި، ބުލީކުރުމުގެ އެންމެ އާންމު ބާވަތަކީ ބަހުގެ ހަމަލާތަކުން ކުރާ ގޯނާއެވެ. ދިރާސާގައި ބައިވެރިވި ކުދިންގެ 74 އިންސައްތަ ކުދިންނަށް މިފަދަ ގޯނާތަކާ ކުރިމަތިވެފައި ވެއެވެ.

ނަފްސާނީ އިލްމުވެރިން ފާހަގަކުރައްވާ ގޮތުގައި، ކުދިން ބުލީކުރުމަށް މެދުވެރިވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި އަމިއްލަ ނަފްސުގެ އިތުބާރު ކުޑަވުމާއި، ގޭތެރޭގެ މާހައުލުން ފެންނަ އަނިޔާވެރި އަމަލުތައް ކޮޕީކުރުން ހިމެނެއެވެ. ބައެއް ކުދިން އެހެން ކުދިންނަށް ގޯނާކުރަނީ އެކުދިންގެ އަމިއްލަ ބާރުވެރިކަން ދައްކާލުމުގެ ބޭނުމުގައެވެ.

މީގެ އިތުރުން، ކްލާސްރޫމްތަކުގައި ހިނގާ އަރާރުންވުންތަކުގެ ބައްޓަން މިހާރު ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. ކުރިން ޖިސްމާނީ ގޮތުން ކުރާ އަނިޔާތަކަށްވުރެ، މިހާރު ގިނައީ ނަފްސާނީ ގޮތުން ދޭ އަނިޔާތަކެވެ. ގްރޫޕް ހަދައިގެން ވަކި ކުއްޖަކު ބާކީކޮށްލުމާއި، މީސްމީޑިއާގައި އެކުއްޖަކާ ބެހޭގޮތުން ދޮގު ވާހަކަތައް ފެތުރުން ފަދަ ކަންކަން ވަނީ އާންމުވެފައެވެ. ކޮވިޑް-19 ގެ ލޮކްޑައުން ދުވަސްވަރުވެސް ސައިބާބުލީގެ ގިނަ މައްސަލަތަކެއް ރިޕޯޓުކުރެވިފައި ވެއެވެ. މިއީ ސްކޫލް ގަޑި ނިމުމަށްފަހުވެސް ދަރިވަރުންނަށް ރައްކާތެރިކަމެއް ނެތްކަން އަންގައިދޭ ކަމެކެވެ.

ސިޔާސަތުތަކާއި ނިޒާމީ ގޮންޖެހުންތައް

ތައުލީމީ ވުޒާރާއިން 2018 ވަނަ އަހަރު ޔުނިސެފްގެ އެހީތެރިކަމާއެކު އެންޓި-ބުލީއިން ސިޔާސަތެއް އެކުލަވާލައި ތަންފީޒު ކުރަން ފެށިއެވެ. ގާތްގަނޑަކަށް 500 އެއްހާ މީހުންގެ ހިޔާލާއެކު އެކުލަވާލި މި ސިޔާސަތުގެ ދަށުން ބުލީކުރާ ކުދިންނަށް ހަމައެކަނި ސަސްޕެންޝަން ފަދަ އަދަބު ދިނުމުގެ ބަދަލުގައި، އެކުދިންގެ އުޅުން އިސްލާހުކުރުމަށް އިސްކަންދިނުމަށް ވަނީ ކަނޑައަޅާފައެވެ. ނަމަވެސް، މި ސިޔާސަތު އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކުރުމަށް ނިޒާމީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް އެބަހުއްޓެވެ.

އެންމެ ބޮޑު އެއް މައްސަލައަކީ ސްކޫލްތަކުގައި ތަމްރީނު ލިބިފައިވާ ކައުންސިލަރުން މަދުވުމެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން، ރާއްޖޭގެ 213 ސްކޫލްގައި ކިޔަވާ 87,000 އަށްވުރެ ގިނަ ދަރިވަރުންނަށް ތިބީ އެންމެ 60 ވަރަކަށް ކައުންސިލަރުންނެވެ. މީގެ ސަބަބުން، ނަފްސާނީ އެހީތެރިކަން ބޭނުންވާ ކުދިންނަށް އެކަށީގެންވާ ވަގުތު ދީގެން ފަރުވާދިނުމަށް ވަނީ ހުރަސްއެޅިފައެވެ. ކަމާބެހޭ ފަރާތްތަކުން ފާހަގަކުރައްވާ ގޮތުގައި، މި ސިޔާސަތުގެ އެދެވޭ ނަތީޖާއެއް ފެންނާނީ ސްކޫލްތަކަށް ބޭނުންވާ ފަންނީ މީހުން ހަމަވެގެންނެވެ. އެހެން ނޫންނަމަ، ނަތީޖާ ފެނުމަށް ތިން ހަތަރު އަހަރު ނެގުމަކީ އެކަށީގެންވާ ކަމެކެވެ.

ހައްލަކާ ދިމާއަށް: އަމަލީ ފިޔަވަޅުތަކެއްގެ މުހިންމުކަން

މި މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި، ހަމައެކަނި ސިޔާސަތުތަކެއް ލިޔެފައި އޮތުމަކުން ފުދޭކަށް ނެތެވެ. ސްކޫލްތަކަކީ ހުރިހާ ކުދިންނަށްވެސް ރައްކާތެރި، އަޅާލާ މާހައުލަކަށް ހެދުމަށްޓަކައި އަމަލީ ފިޔަވަޅުތަކެއް އަޅަންޖެހެއެވެ. މީގެ ތެރޭގައި، ދަރިވަރުންގެ މެދުގައި އެކަކު އަނެކަކަށް އެހީތެރިވާނެ "ޕިއާ-ޓު-ޕިއާ" ސަޕޯޓް ގްރޫޕްތައް އުފެއްދުމާއި، އާ ކުދިންނަށް ހާއްސަ ކޮށްގެން "ބަޑީ ސިސްޓަމް" ތައާރަފު ކުރުން ހިމެނެއެވެ.

މީގެ އިތުރުން، މުދައްރިސުންނާއި ބެލެނިވެރިންނަށް ބުލީކުރުމުގެ އަލާމާތްތައް ދެނެގަންނާނެ ގޮތުގެ ތަމްރީނު ދިނުމަކީވެސް ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ.

މިހާރު އޮތް އެންމެ ބޮޑު ސުވާލަކީ، ކޮންމެ ސްކޫލަކަށް ކައުންސިލަރަކާއި ސިއްހީ އެހީތެރިއަކު ހަމަޖެއްސުމަށް ތައުލީމީ ވުޒާރާއިން ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވުމަށްޓަކައި، ކުރިއަށް އޮތް ދިރާސީ އަހަރު ފެށުމުގެ ކުރިން ބަޖެޓުގެ ތެރެއިން އެކަށީގެންވާ ފައިސާ ހަމަޖެހި، އެ މަގާމުތަކަށް މީހުން އައްޔަން ކުރެވޭނެތޯއެވެ.