ކުރީގެ ރައީސް، މުހައްމަދު ނަޝީދު މިއަދު ކުޅުދުއްފުއްޓަށް ވަޑައިގަތުމާއެކު، އެރަށުގެ އެމްޑީޕީ މެންބަރުންނާއި، އެޕާޓީގެ ސަޕޯޓަރުންނާއި ނަޝީދަށް ސަޕޯޓުކުރާ މީހުން ނިކުމެއް އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި ނަޝީދު ކުޅުދުއްފުއްޓަށް މިއަދު ވަޑައިގަތީ ކުރިއަށް އޮތް އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކަށް ކެމްޕޭނުކުރުމަށެވެ. އެގޮތުން މިއަދު އެމަނިކުފާނު އެރަށަށް ވަޑައިގަތުމާއެކު ކުޅުދުއްފުށީގެ އެމްޑީޕީ މެންބަރުންނާއި، އެސިޓީގެ ކައުންސިލުގައި ތިއްބަވާ އެމްޑީޕީ މެންބަރުންވެސް ވަނީ ރައީސް ނަޝީދަށް މަރުހަބާ ކިއުމަށް އެއާޕޯޓު ސަރަހައްދަށް އެއްވެފައެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކަށް ކެމްޕޭނު ދަތުރުތައް ނަޝީދު ފައްޓާފައިވަނީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލެއްވިކަން އިއުލާންކުރެއްވުމަށްފަހުއެވެ. އެގޮތުން އެމްޑީޕީގެ އަމާޒުގެ އިތުރުން، ގާނޫނު އަސާސީއަށް ބޮޑެތި ބަދަލުތަކެއް ހުށައަޅުއްވާ ނަޝީދު ނިކުންނެވިއިރު އެމްޑީޕީގެ ރައީސް ކަމުގެ މަގާމަށް އެޕާޓީގެ ކުރީގެ ޗެއާޕާސަން، ފައްޔާޒަށް ތާއީދު ކުރައްވާކަންވެސް އެމަނިކުފާނު ވަނީ އިއުލާންކުރައްވާފައެވެ.

ދަ ޕްރެސް އަށް މައުލޫމާތު ލިބިފައިވާ ގޮތުން މިއަދު އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކަށް ކެމްޕޭނުކުރުމަށް ކުޅުދުއްފުއްޓަށް ކުރައްވާ މި ދަތުރުފުޅުގައި އެ ސިޓީގެ އެމްޑީޕީ ހަރުގެތަކަށް ޒިޔާރަތްކުރެއްވުމުގެ އިތުރުން، އެޕާޓީގެ މެންބަރުންނާއެކު ހާއްސަ ބައްދަލުވުންތަކެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.