ރާއްޖޭގެ އިގުތިސާދާ މެދު ފާއިތުވި މަސްތަކުގައި އިވެމުންދިޔައީ ކަންބޮޑުވުމާއި ނުތަނަވަސްކަމުގެ އަޑުތަކެވެ. ދަރަނި ނުދެއްކި، ގައުމު ބަނގުރޫޓުވެދާނެ ކަމުގެ ބިރުވެރިކަން އޮތީ އިންތިހާއަށް ބޮޑުވެފައެވެ. ނަމަވެސް، 2026 ވަނަ އަހަރުގެ މި ހިސާބަށް އައިއިރު، އެ ބަނަ ވިލާގަނޑު ކެހި، އިގުތިސާދީ އުދަރެހުން އާ އުންމީދެއްގެ އަލިކަން މިވަނީ ފެންނަން ފަށާފައެވެ.

ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލުމާއި، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ކުރިމަތިވި ގޮންޖެހުންތަކާއެކު ވެސް، ދިވެހި އިގުތިސާދު މިވަނީ އޭގެ ވިލުންތެރިކަން ސާބިތު ކޮށްދީފައެވެ. ނާޒުކު ފައްތަރަކުން ހަމަޖެހުމުގެ އައްސޭރިއަކަށް ގައުމު މިސްރާބު ޖަހާފައި ވާއިރު، މިއީ ހަރުދަނާ ސިޔާސަތުތަކެއްގެ ނަތީޖާއެވެ.

ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ދެމުންދިޔަ އިންޒާރުތަކަށް ރިއާޔަތްކޮށް، ސަރުކާރުން އަޅަމުންދާ މުހިންމު ފިޔަވަޅުތަކުގެ ސަބަބުން، އިގުތިސާދީ ހަމަޖެހުމުގެ އާ ސަފުހާއެއް މިވަނީ ފެށިފައެވެ.

ދަރަނީގެ ފަރުބަދަ ގިރާކުރުން: ސުކޫކާއި ޑިޕްލޮމެސީ

ރާއްޖޭގެ އިގުތިސާދަށް އޮތް އެންމެ ބޮޑު އެއް ބިރަކީ 2021 އިން ފެށިގެން ވާރުވަތަވަމުން އައި 500 މިލިއަން ޑޮލަރުގެ ސުކޫކް ދެއްކުމުގެ މައްސަލައެވެ. ގިނަ ބަޔަކު ލަފާކުރީ މި ބޮޑު ދަރަނި އަދާކުރުމުގައި ރާއްޖެ ނުކުޅެދޭނެ ކަމަށެވެ. ނަމަވެސް، މި ހިނގާ އޭޕްރީލް މަހުގެ ކުރީކޮޅު، ސަރުކާރުން ވަނީ މި ސުކޫކްގެ މައިގަނޑު އަދަދު ކަމަށްވާ 500 މިލިއަން ޑޮލަރާއި، އޭގެ ކޫޕަން ޕޭމަންޓްގެ ގޮތުގައި ހިމެނޭ 24.68 މިލިއަން ޑޮލަރު އެއްކޮށް ދައްކައި ހަލާސް ކޮށްފައެވެ.

ފިނޭންސް މިނިސްޓްރީން ހާމަކުރި ގޮތުގައި، މި ފައިސާ ދައްކާފައިވަނީ ސޮވަރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އާއި ދައުލަތުގެ ރަސްމީ ރިޒާވް ބޭނުން ކޮށްގެންނެވެ. މިއީ ބައިނަލްއަގުވާމީ މާލީ ބާޒާރުގައި ރާއްޖޭގެ އިތުބާރު އާލާވެ، އިންވެސްޓަރުންގެ ޔަގީންކަން އިތުރުވެގެންދިޔަ ތާރީހީ ކާމިޔާބީއެކެވެ.

ސުކޫކްގެ އިތުރުން، ދޭދޭ ގައުމުތަކާއެކު އޮތް ދަރަނީގެ މައްސަލަތަކަށްވެސް ވަނީ ޑިޕްލޮމެޓިކް ހައްލުތަކެއް ހޯދިފައެވެ. ޗައިނާގެ އެގްޒިމް ބޭންކުން ނަގާފައިވާ ލޯނުތައް ދެއްކުން ކުރިއަށް އޮތް ފަސް އަހަރަށް ފަސްކޮށްދިނުމަށް ޗައިނާ ސަރުކާރުން ވަނީ އެއްބަސް ވެފައެވެ. މީގެ ސަބަބުން ދައުލަތުގެ ކޭޝްފްލޯއަށް ވަރަށް ބޮޑު ލުޔެއް ލިބިގެން ދިޔައެވެ. ހަމައެއާއެކު، އިންޑިއާއިން ވަނީ ރާއްޖެއަށް މާލީ ގޮތުން ބޮޑެތި ލުއިތަކެއް ދީފައެވެ. އޭގެ ތެރޭގައި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީގެ މުއްދަތު އިތުރުކޮށްދިނުމާއި، 50 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބިލް ރޯލްއޯވާ ކުރުން ހިމެނެއެވެ. މިކަންކަމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެންގުޅޭ ހަރުދަނާ ހާރިޖީ ސިޔާސަތުގެ ދަށުން، އަވަށްޓެރި ގައުމުތަކާއި ބައިނަލްއަގުވާމީ ބައިވެރިންނާއެކު ގުޅުން ބަދަހިކުރުމުގެ ނަތީޖާއެވެ.

މާލީ އިސްލާހުތަކާއި ދައުލަތުގެ ހަރަދު ކުޑަކުރުން

ދަރަނި އަދާކުރުމުގެ އިތުރުން، އެތެރޭގެ މާލީ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. ރައީސް މުއިއްޒު އިއުލާނުކުރެއްވި “ހޯމް-ގްރޯން” ނުވަތަ އަމިއްލަ އިގުތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން، ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ވަނީ އަމަލީ ސިފަ ގެނެސްފައެވެ. އެގޮތުން، ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ އަދަދު މަދުކުރުމަށް ނިންމި ނިންމުމުގެ ދަށުން، 248 ސިޔާސީ މުވައްޒަފުން ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.

ރައީސް އޮފީހުން ހާމަކުރި ގޮތުގައި މި ފިޔަވަޅުގެ ސަބަބުން ދައުލަތުގެ ބަޖެޓުން މަހެއްގެ މައްޗަށް 5.7 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެއެވެ. މިއީ ސިޔާސީ ގޮތުން އުނދަގޫ ނިންމުމަކަށް ވިޔަސް، ގައުމުގެ މާލީ ހާލަތު ސަލާމަތް ކުރުމަށް އެޅި ކޮންމެހެން ބޭނުންތެރި ފިޔަވަޅެކެވެ.

މީގެ އިތުރުން، ސަރުކާރު ހިއްސާވާ ކުންފުނިތައް (އެސްއޯއީތައް) އިސްލާހުކުރުމުގެ މަސައްކަތްވެސް ދަނީ ހަލުވިކަމާއެކު ކުރިއަށެވެ. އެސްއޯއީތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރުމަށް އަމާޒު ހިފާފައި ވާއިރު، ކުންފުނިތަކުގެ ވެރިންގެ މުސާރަ ވަނީ 90،000 ރުފިޔާއަށް ލިމިޓް ކޮށްފައެވެ. އަދި ބޭންކުތައް ފިޔަވައި އެހެން ހުރިހާ އެސްއޯއީތަކެއްގެ މުވައްޒަފުންގެ މުސާރައިން 10 އިންސައްތަ އުނިކުރުމަށް ވަނީ ނިންމާފައެވެ.

މި އިސްލާހުތަކުގައި ނަމޫނާ ދެއްކެވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ މުސާރައިގެ 50 އިންސައްތަ ނުނެންގެވުމަށް ނިންމަވާފައެވެ. މިއީ ދައުލަތުގެ މާލިއްޔަތު ހަމަމަގަށް އެޅުވުމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން ހާމަކޮށްދޭ ކަމެކެވެ. މި ފިޔަވަޅުތަކާއެކު، ކުންފުނިތަކުގެ އުފެއްދުންތެރިކަން އިތުރުވެ، ދައުލަތުގެ ބަޖެޓަށް ބަރޯސާވާ މިންވަރު ކުޑަވެގެންދާނެ ކަމަށް މާލީ ތަޖުރިބާކާރުން ލަފާކުރެއެވެ.

ސަރުކާރުގެ ސްޓްރެޓިޖިކް އެކްޝަން ޕްލޭންއާ ގުޅޭގޮތުން ރައީސް މުއިއްޒު ވާހަކަ ދައްކަވަނީ ---

2026 އިން 2028 އަށް: އުޖާލާ އިގުތިސާދީ މުސްތަގުބަލެއް

މި ހުރިހާ އިސްލާހުތަކާއި ކާމިޔާބީތަކާއެކު، ކުރިއަށް އޮތް ތިން އަހަރަށް ރާއްޖޭގެ އިގުތިސާދީ އަންދާޒާތައް ދައްކަނީ ވަރަށް ފާގަތިކޮށެވެ. ވޯލްޑް ބޭންކާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ފަދަ ބައިނަލްއަގުވާމީ އިދާރާތަކުގެ ރިޕޯޓުތަކުންވެސް ރާއްޖޭގެ އިގުތިސާދު ކުރިއަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ސަރުކާރުގެ އަންދާޒާތައް ދައްކާ ގޮތުން މި އަހަރު ރާއްޖޭގެ ޖީޑީޕީ ކުރިއެރުން 5.3 އިންސައްތައިގައި ހުންނާނެއެވެ. މިއީ ދެކުނު އޭޝިއާ ސަރަހައްދުގައިވެސް ފާހަގަކޮށްލެވޭ ފަދަ ރަނގަޅު ކުރިއެރުމެކެވެ. 2027 އަދި 2028 ވަނަ އަހަރުވެސް މި ދުވެލި ދެމެހެއްޓޭނެ ކަމަށް ލަފާކުރެވެނީ، ފަތުރުވެރިކަމުގެ ސިނާއަތަށް އަންނަމުންދާ ހެޔޮ ބަދަލުތަކުގެ ސަބަބުންނެވެ.

ފަތުރުވެރިކަމަކީ ރާއްޖޭގެ އިގުތިސާދުގެ މައިބަދަކަމަށް ވާއިރު، މި ސިނާއަތް ދަނީ މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދަތުރުފަތުރަށް ބުރޫއަރާފައި އޮތް ނަމަވެސް ކުރިއަރަމުންނެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޕަސެންޖާ ޓާމިނަލް ހުޅުވުމާއެކު، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ބޮޑުތަނުން ދަނީ އިތުރު ވަމުންނެވެ. ހަމައެއާއެކު، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ހުޅުވުމާއެކު އަތޮޅުތަކަށް ފަތުރުވެރިކަން ފުޅާވެ، ސީދާ ބޭރު ގައުމުތަކުން ފްލައިޓްތައް އައުމުގެ މަގު ވަނީ ފަހިވެފައެވެ. އުމްރާނީ ތަރައްގީގެ މި މަޝްރޫއުތަކަކީ އިގުތިސާދީ ދުވެލި ހަލުވިކޮށް، ވަޒީފާގެ އާ ފުރުސަތުތައް އުފައްދައި، ރައްޔިތުންގެ ފޯރުންތެރިކަން އިތުރުވާ ވަސީލަތްތަކެކެވެ.

ދެމެހެއްޓެނިވި ތަރައްގީއާއި ހަމަޖެހުމުގެ އައްސޭރިއަށް

މިއަދު ރާއްޖެއިން މި ދެކޭ މަންޒަރަކީ، ހަރުދަނާ ސިޔާސަތުތަކެއްގެ ތެރެއިން ގައުމެއްގެ މިސްރާބު ބަދަލުކޮށްލެވިދާނެ ކަމުގެ ފުރިހަމަ މިސާލެކެވެ. 500 މިލިއަން ޑޮލަރުގެ ސުކޫކް ދެއްކުމަކީ ހަމައެކަނި މާލީ ޒިންމާއެއް އަދާކުރުމެއް ނޫނެވެ.

އެއީ ރާއްޖޭގެ އިގުތިސާދީ ބާރުވެރިކަމާއި ސާބިތުކަން މުޅި ދުނިޔެއަށް ހާމަކޮށްދިން ކަމެކެވެ. ޗައިނާއާއި އިންޑިއާއާއެކު ވެވުނު އެއްބަސްވުން ތަކުން ދައްކައިދެނީ، ހާރިޖީ ގުޅުންތައް މެދުވެރިކޮށް ގައުމީ މަސްލަހަތު ހިމާޔަތް ކުރެވޭނެ ކަމެވެ. އަދި އެތެރޭގެ ހަރަދުތައް ކުޑަކުރުމަށް އެޅި ފިޔަވަޅުތަކުން ސާބިތުކޮށްދެނީ، އަމިއްލަ ފައިމައްޗަށް ތެދުވުމަށް ސަރުކާރުން އޮތް ވަރުގަދަ އަޒުމެވެ.

ކުރިއަށް އޮތް ތަނުގައިވެސް ގޮންޖެހުންތައް ހުންނާނެކަން ޔަގީނެވެ. ނަމަވެސް، މިހާރު މިސްރާބު ހުރީ ރަނގަޅު ދިމާލަކަށެވެ.

އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ގެ ޕްރޮގްރާމަކަށް ނުގޮސް، އަމިއްލަ އެޖެންޑާއެއްގެ ދަށުން އިގުތިސާދު ކޮޅަށް ޖެހުމަކީ ދިވެހިންނަށް ލިބޭނެ ވަރަށް ބޮޑު ފަހުރެކެވެ. ދައުލަތުގެ ރިޒާވް ރަނގަޅުވަމުން އައުމާއި، ފަތުރުވެރިކަން ކުރިއަރަމުން ދިއުމަކީ، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިވެ، ތަކެތީގެ އަގުތައް ކޮންޓްރޯލް ވުމަށް މަގުފަހިވާނެ ކަންކަމެވެ. މި ހުރިހާ ކަމެއްގެ ނަތީޖާއެއްގެ ގޮތުން، 2026 ވަނަ އަހަރު ނިމިގެންދާއިރު ރާއްޖެ އޮންނާނީ މާލީ ގޮތުން މާ ފަހި، އަދި އިގުތިސާދީ ގޮތުން މާ ވަރުގަދަ ހާލަތެއްގައެވެ. ސަރުކާރުން މިހާރު ފަށާފައިވާ އިސްލާހީ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަކީ، އަންނަން އޮތް ޖީލުތަކަށް އުޖާލާ މުސްތަގުބަލެއް ހޯދައިދިނުމަށް އެޅޭ އެންމެ މުހިންމު ބިންގަލެވެ.

ދެން އޮތީ މި އިސްލާހުތަކުގެ ނަތީޖާ އާންމު ރައްޔިތުންގެ ޖީބާ ހަމައަށް ފޯރަން ފަށާނެ ވަގުތަކަށް އިންތިޒާރު ކުރުމެވެ.