މިދިޔަ މާޗު މަހުގެ ނިޔަލަށް ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް (ޔޫޒަބަލް ރިޒާވް) ބޮޑުތަނުން އިތުރުވެ 400 މިލިޔަން ޑޮލަރަށްވުރެ އިތުރުވެފައިވާކަމަށް ރާއްޖޭގެ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން، ފެބުރުވަރީ މަހުގެ ނިޔަލަށް ބޭނުންކުރެވޭ ރިޒާވްގައި ހުރީ 337 މިލިޔަން ޑޮލަރެވެ. ނަމަވެސް މާޗު މަސް ނިމުނުއިރު މި އަދަދު ވަނީ 409 މިލިޔަން ޑޮލަރަށް އަރާފައެވެ. މިއީ އެއް މަސްދުވަހުގެ ތެރޭގައި ލިބުނު 21.3 ޕަސެންޓުގެ ބޮޑު ކުރިއެރުމެކެވެ.
ރަސްމީ ރިޒާވަށް ބަލާއިރުވެސް ވަނީ ފާހަގަކޮށްލެވޭ ކުރިއެރުމެއް ލިބިފައެވެ. އެގޮތުން ފެބުރުވަރީ މަހު 1.27 ބިލިޔަން ޑޮލަރުގައި ހުރި ރަސްމީ ރިޒާވް، މާޗު މަސް ނިމުނުއިރު ވަނީ 1.33 ބިލިޔަން ޑޮލަރަށް އުފުލިފައެވެ. މިއީ 4.7 ޕަސެންޓުގެ އިތުރުވުމެކެވެ.
ރިޒާވް ހަރުދަނާކުރުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ތެރޭގައި، މިދިޔަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން އަމަލުކުރަން ފެށި ބޭރު ފައިސާގެ އާ ގަވާއިދު ހިމެނެއެވެ. އެގޮތުން، މިދިޔަ އަހަރުގެ ޖަނަވަރީ މަހު އަމަލުކުރަން ފެށި ބޭރު ފައިސާގެ އާ ގާނޫނުގެ ދަށުން، ފަތުރުވެރިކަމުން ލިބޭ އާމްދަނީގެ ވަކި މިންވަރެއް ބޭންކުތަކަށް މާރުކުރަން ޖެހުމަކީ ރިޒާވް ވަރުގަދަވުމަށް މެދުވެރިވި މުހިންމު ސަބަބެކެވެ.
އެމްއެމްއޭގެ މި ތަފާސްހިސާބުތަކަކީ ރާއްޖެއިން މިހާތަނަށް ދައްކަންޖެހުނު އެންމެ ބޮޑު އެއް ދަރަނި ކަމަށްވާ 500 މިލިޔަން ޑޮލަރު (ގާތްގަނޑަކަށް 8.1 ބިލިޔަން ރުފިޔާ) ގެ ސުކޫކް އަނބުރާ ދެއްކުމުގެ ކުރިން ރިޒާވް ހުރި މިންވަރެވެ. ސަރުކާރުން ވަނީ މި މަހުގެ 2 ވަނަ ދުވަހު މި ސުކޫކް އެއްކޮށް ދައްކާ ހަލާސްކޮށްފައެވެ. މި ދަރަނި އަދާކޮށްފައިވަނީ އިތުރު އެއްވެސް ލޯނެއް ނުނަގައި، ދައުލަތުގެ ރިޒާވާއި ސޮވެރިން ޑިވެލޮޕްމެންޓް ފަންޑު (އެސްޑީއެފް)ގައި ހުރި ފައިސާ ބޭނުންކޮށްގެން ކަމަށް ސަރުކާރުން ހާމަކުރެއެވެ. އެގޮތުން މި ސުކޫކް ދެއްކުމަށް އެސްޑީއެފް އިން 150 މިލިޔަން ޑޮލަރު ބޭނުންކޮށްފައިވެއެވެ.
މީގެ އިތުރުން، މި ސަރުކާރު ހަވާލުވިއިރު އެސްޑީއެފް ގައި ހުރި 2 މިލިޔަން ޑޮލަރު، މިހާރު ވަނީ 275 މިލިޔަން ޑޮލަރަށްވުރެ މައްޗަށް އިތުރުކޮށްފައެވެ.
