މާލެ ކަސްޓޯޑިއަލްގައި ފުލުހުންގެ ބަންދުގައި ހުރި މީހަކު މަރުވި މައްސަލަ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ން ބަލަން ފަށައިފިއެވެ.

މިއަދު ހަވީރުގެ ވަގުތެއްގައި ހިނގި މި ހާދިސާގައި މަރުވެފައި އޮތްވާ ފެނިފައިވަނީ މ. ރޭއަލިވާގެއާގެ / މާލެ، އަޙްމަދު ނަވްޝާދު (41އ) އެވެ.

އޭނާ ކަސްޓޯޑިއަލް ޖަލު ގޮޅީގެ ތެރެއަށް ވެއްޓިފައި އޮތްވާ ފެނިގެން މިއަދު ހަވީރު ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

އޭނާ ނިޔާވި ސަބަބު މިހާތަނަށް ފުލުހުން ހިއްސާކޮށްފައިނުވާއިރު އޭނާ ބަންދުކޮށްފައި ހުރީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ވެސް ފުލުހުން ހިއްސާކޮށްފައި ނުވެއެވެ.

މި ހާދިސާގެ މައުލޫމާތު ހިއުމަށް ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަދި އެންއައިސީއަށްވެސް ހިއްސާކޮށްފައިވާއިރު އެންއައިސީން ބުނީ، އެކަން ހިނގާ ދިޔަގޮތް ދެނެގަތުމަށް އެ ކޮމިޝަންގެ ކުއްލި ހާލަތުގައި އިޖާބަ ދޭ ޓީމުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ނަމަވެސް އިތުރު މައުލޫމާތެއް އެ ކޮމިޝަނުން ވެސް ހިއްސާކޮށްފައި ނުވެއެވެ.

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަކީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ހިންގުން ހަރުދަނާކުރުމަށާއި، އެފަދަ އިދާރާތަކާއި އެ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންނާ ގުޅޭ މައްސަލަތައް ބަލައި ތހުގީގުކުރުމުގެ އުސޫލުތަކާއި އިޖުރާއަތުތައް ކަނޑައެޅުމަށް ޓަކައި 2015ވަނަ އަހަރު އުފައްދާފައިވާ މުއައްސަސާއެކެވެ.