ހުޅުމާލެ ފޭސް 2 ގައި ހުއްދަ ނެތި ޑްރޯން އެރުވި މައްސަލައިގައި ހިމެނޭ ނޫސްވެރިޔާއަށް ޖިސްމާނީ އަނިޔާތައް ލިބިފައިވާ ކަމަށާއި، ސީނަށް އެޓެންޑްވި ދެ ފުލުހުންގެ މައްސަލަ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅަން ނިންމާފައިވާ ކަމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ބުނެފިއެވެ.
މި މަހުގެ 22 ވަނަ ދުވަހުގެ ރޭގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ނިކަގަސް މަގު، ގޮނޑުދޮށް ސަރަހައްދުގައި ހުއްދަ ނެތި ޑްރޯން އެރުވި މައްސަލައާ ގުޅިގެން އެމްޖޭއޭ އިން ހެދި އިންސިޑެންޓަލް ރިޕޯޓުގައި ބުނެފައި ވަނީ، ވަން އޮންލައިންގެ ފޮޓޯ ޖާނަލިސްޓެއް ކަމަށްވާ ހަމްދާން އަހްމަދުއަށް ޖިސްމާނީ ގޮތުން އަނިޔާތަކެއް ލިބިފައިވާ ކަން ފާހަގަވެފައިވާ ކަަމަށެވެ. އެ ގޮތުން އޭނާގެ ނިތްކުރި މަތި ދުޅަވެ ގޮބިލާފައި ހުރި ކަމަށާއި ކަނާއަތުގައި ރިއްސާކަމަށް ހަމްދާން ބުނި އިރު، އެ އަތުގައި ހަރުވެ ނޫފައިގެންފައި ހުރި ކަމަށް އެމްޖޭއޭ އިން ބުނެއެވެ.
އަދި އޭނާގެ ކޯމަތީގައި ދުޅަ ކަމެއް ހުރި ކަމަށާއި އެ ހާދިސާއަށް ފަހު އެ ނޫސްވެރިޔާ އަދިވެސް ހުރީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށް ވެސް އެމްޖޭއޭ އިން ބުނެއެވެ. މީގެ އިތުރަށް އެ ހާދިސާ ހިނގި ރޭ ސީނަށް އެޓެންޑްވި ދެ ފުލުހުންގެ ތެރެއިން އެކަކަކީ މީގެ ކުރިން ވެސް އެހެން ކަމެއްގައި ހަމްދާނާ އެކު ޒުވާބުތަކެއް ހިންގާފައިވާ ފަރާތެއް ކަމަށް ވަން އޮންލައިން ނޫހުން ފާހަގަކޮށްފައިވާ ކަމަށް ވެސް އެމްޖޭއޭ އިން ބުނެއެވެ.
މި މައްސަލަ އާ ގުޅިގެން އެމްޖޭއޭއިން ބުނީ، އެ ދެ ފުލުހުންގެ މައްސަލަ އެންއައިސީ އަށް އެ ޖަމިއްޔާގެ ފަރާތުން ހުށަހަޅަން ނިންމާފައިވާ ކަމަށެވެ. ހަމްދާނގެ ހާލަތު ކައިރިން ބަލައި އޭނާއަށް ދެވެން އޮތް އެހީތެރިކަމެއް ދީ އެ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބޭނުންވާ ނަމަ އެ ކަން ވެސް އެޖަމިއްޔާގެ ފަރާތުން ފޯރުކޮށްދޭނެ ކަމަށ ްބުެނފައި ވެއެވެ.
ނޫސްވެރިން ވެސް އާންމު އަހުލާގީ މިންގަނޑާ އެއްގޮތަށް އަމަލު ކުރުމަށް އެމްޖޭއޭއިން އިލްތިމާސްކޮށްފައި ވެއެވެ. އަދި ފޮޓޯ އާއި ވީޑިއޯ ނެގުމުގެ ހުއްދައެއް ނަގަން ޖެހޭ ނަމަ އެފަދަ ހުއްދަތައް ނަގާފައި ހުންނަކަން ކަށަވަރު ކުރުމަށާއި އަދި މަސައްކަތުގައި އުޅޭ އިރު، އެފަދަ ހުއްދަތައް ހިފައިގެން އުޅުމަށް ވެސް އެމްޖޭއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.
އެމްޖޭއީން ކަން ހިނގާފައިވާ ގޮތް ބެލުމަށް ހަމްދާންގެ ފަރާތުން ހޯދި މައުލޫމާތަށް ބަލާއިރު، ހުއްދަ ނެތި ޑްރޯން އަރުވާ ކަން އެނގުމުން ހަމްދާން ޑްރޯން ތިރިކުރި ކަމަށާއި ނަމަވެސް ފުލުހުން ވަނީ އޭނާއާ ހަޑި ހުތުރު ބަހުން މުއާމަލާތްކޮށްފައި ކަމަށް ބުނެއެވެ. އަދި ހަމްދާން އެތަނުން ދާން ފެށުމުން ހަމްދާން ހުއްޓުވައި ޕޮލިސް ސްޓޭޝަން އަށް ގެންދިއުމަށް ބާރު އެޅި ކަމަށާއި ކާރަށް އެރުވި އިރު ކަނދުރާގައި ހިފާ ކޮއްޕާލުމުން ކާރުގެ ދޮރުފަތުގައި ނިތްކުރި ޖެހުނު ކަމަށް އޭނާ ބުނެއެވެ. ޕޮލިސް ސްތޭޗަންއަށް ގެންގޮސް ޑްރޯންވެސް ޙޫރާލި ކަމަށާއި އަދި އޭނާގެ މޫގައި ތަޅައި އަނިޔާކުރުމަށް ފަހު ފުލުހުން ފެންނަ ގޮތަށް ހަމްދާން ނެގި ވިޑިއޯ ޑިލިޓް ކުރުމަށް އިންޒާރުދީ ބިރު ދައްކައި އަނިޔާ ކުރި ކަމަށް ހަމްދާން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ބުނެފައި ވަނީ، ޑްރީން އަރުވާތަން ފެނިގެން ފުލުހުން މައުލޫމާތު ދިނުމަށް އެދުމުން އޭނާ މައުލޫމާތު ދިނުމަށް ދެކޮޅު ހެދި ކަމަށެވެ. އަދި ހަމްދާން ފުލުހުންނާ ހަތުރުބަހުން ވާހަކަ ދައްކައި އަމުރަށް ނުކިޔަމަންތެރިވެފައިވާ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ. އޭނާ ޕޮލިސް ސްޓޭޝަންއަށް ގެންގޮސް ނަސޭހަތްތެރިވެފައިވާ ކަމަށާއި ހަމްދާނަށް އަނިޔާ ކުރިކަމަށް ބުނަމުންދާތީ އެކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
އަދި ހަމްދާނަށް ފުލުހުން އަނިޔާކުރި ކަން ފާހަގަވެފައި ނުވާ ކަމަށް ފުލުހުން ބުނެފައި ވާތީ ސީންގައި ހަރަކާތްތެރިވި ފުލުހުންގެ ބޮޑީ ކެމެރާ ޖައްސާފައި ހުރިތޯ އާއި އެ ފުޓޭޖް ފެންނާނެ ގޮތް ހަދައި ދިނުމަށް އެމްޖޭއޭ އިން ވަނީ ފުލުހުންގެ މީޑިއާގައި އެދިފައެވެ.