ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މިނިސްޓާ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ މަގާމަށް ހަސަން ރަޝީދު މިއަދު އައްޔަންކުރައްވައިފިއެވެ.
ހަސަން ރަޝީދު ޑިފެންސް މިނިސްޓަރަކަށް އައްޔަންކުރައްވާފައިވަނީ ސަރުކާރު ހިންގުމުގެ ނިޒާމަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ މަގުސަދުގައި ރައީސް ކެބިނެޓަށް ގެންނެވި ބޮޑު ބަދަލުގެ ތެރެއިންނެވެ. ކުރިން ޑިފެންސް މިނިސްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ގައްސާން މައުމޫން ހިމެނިވަޑައިގަންނަވާ ގޮތަށް ކެބިނެޓުގެ 10 ވަޒީރަކު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.
މި ބަދަލާއެކު ރައީސް ވަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު 15 އަށް މަދުކުރައްވާ، ސަރުކާރުގެ ހިންގުން އިތުރަށް ހަރުދަނާކުރެއްވުމަށް އާ ވަޒީރުން އައްޔަންކުރައްވާފައެވެ.
ޑިފެންސް މިނިސްޓަރަށް މަގާމުގެ ފަތްކޮޅު ދެއްވުމަށް ބޭއްވި ރަސްމިއްޔާގައި ހަސަން ރަޝީދަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވާ ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްއެވެ.
ޑިފެންސް މިނިސްޓަރުގެ މަގާމާ ހަވާލުވެވަޑައިގަތް ހަސަން ރަޝީދަކީ މީގެ ކުރިންވެސް ސަރުކާރުގެ މުހިންމު މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން ރައީސް މުއިއްޒުގެ ސަރުކާރުގައި މީގެ ކުރިން އޭނާ ހުންނެވީ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރުގެ މަގާމުގައެވެ. އޭގެ ކުރިން، 2018 ވަނަ އަހަރު މިނިސްޓާ އޮފް ސްޓޭޓް ފޯ ހެލްތްގެ މަގާމާއި، މިނިސްޓާ އޮފް ސްޓޭޓް ފޯ އިސްލާމިކް އެފެއާޒްގެ މަގާމުވެސް އޭނާ ވަނީ ފުރުއްވާފައެވެ.
