މިނިސްޓާ އޮފް ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސްގެ މަގާމަށް އަހްމަދު ޝިޔާމް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަންކުރައްވައިފިއެވެ.
އަހްމަދު ޝިޔާމަށް ވަޒީރުކަމުގެ ފަތްކޮޅު ދެއްވުމަށް ބޭއްވެވި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މިއަދުގެ ރަސްމިއްޔާތުގައި ޝިޔާމަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޒު އަބްދުﷲ ހަމީދުއެވެ. ހުވައި ކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިގްރާރުގައި ޝިޔާމް ވަނީ ސޮއިކުރައްވާފައެވެ.
މި ސަރުކާރުން ވަނީ ދައުލަތުގެ ހިންގުން ހަރުދަނާކޮށް، ސިޔާސަތުތައް ތަންފީޒުކުރުން އަވަސްކުރުމުގެ މަގްސަދުގައި، ކުރިން ވަކިން ހިންގަމުން އައި ފިޝަރީޒް މިނިސްޓްރީއާއި އެގްރިކަލްޗާ މިނިސްޓްރީ އެއްކޮށްލާފައެވެ. މި ބަދަލާއެކު، ރާއްޖޭގެ އިގްތިސާދުގެ މައިގަނޑު ދާއިރާތައް ކަމަށްވާ މަސްވެރިކަމާއި، ދަނޑުވެރިކަމުގެ އިތުރުން ކަނޑުގެ ވަސީލަތްތަކާ ގުޅޭ ކަންކަން ބަލަހައްޓާނީ މިނިސްޓަރު ޝިޔާމްގެ އިރުޝާދުގެ ދަށުން ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސް މިނިސްޓްރީންނެވެ.
މިނިސްޓާ ޝިޔާމްގެ ދަށަށް އެގްރިކަލްޗާ މިނިސްޓްރީ ހިންގުން ބަދަލުކުރިއިރު، ކުރިން އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރުގެ މަގާމުގައި ހުންނެވީ ޑރ. މަރިޔަމް މާރިޔާ އެވެ. އިއްޔެ އިސްތިއުފާ ދެއްވި މިނިސްޓަރުންގެ ތެރޭގައި މާރިޔާ ވެސް ހިމެނިވަޑައިގަންނަވައެވެ.
ކެބިނެޓަށް އަލަށް ގެނައި މި ބަދަލާއެކު، ބަންޑާރަ ނައިބު ހިމަނައިގެން މި ސަރުކާރުގައި ދެން ހިންގާނީ 15 މިނިސްޓްރީ ކަމަށް ރައީސް އޮފީހުން ވަނީ މައުލޫމާތު ދީފައެވެ. މި ބަދަލުތަކުގެ ދަށުން މިހާރު މަގާމު ހުސްކޮށް އޮތީ ޑިފެންސް މިނިސްޓްރީގެ އެކަންޏެވެ. އެ މިނިސްޓްރީގެ އާ މިނިސްޓަރަކު ހުވާކުރައްވާނެ ވަގުތެއް ސަރުކާރުން އަދި ހާމަކޮށްފައެއް ނުވެއެވެ.
