ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބައެއް ޓަވަރުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވަނީ، އެ ސަރަހައްދަށް ކަރަންޓު ފޯރުކޮށްދިނުމަށް އަޅާފައިވާ މައި ހަތަރު ކޭބަލްގެ ތެރެއިން އެއް ކޭބަލަށް ގެއްލުންވުމާ ގުޅިގެން ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

މިއަދު މެންދުރު ފަހު 3:15 އެހާއިރުން ފެށިގެން ބައެއް ހިޔާ ޓަވަރުތަކުން ވަނީ ކަރަންޓު ކެނޑިފައެވެ. އެކަމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން ސްޓެލްކޯއިން ބުނީ، ބެލެވޭ ގޮތުގައި އެ ކޭބަލަށް ގެއްލުން ލިބިފައިވަނީ އެ ސަރަހައްދުގައި ކުރިއަށްދިޔަ ކޮނުމުގެ މަސައްކަތެއްގެ ތެރެއިންނެވެ.

މި ހާދިސާާ ގުޅިގެން ދެވަނަ ފިޔަވަހީގެ ކަރަންޓު ވިއުގައާއި މިވަގުތުގެ ލޯޑު ހުރިގޮތުން، ބާކީ ހުރި ތިން ކޭބަލް މެދުވެރިކޮށް މުޅި ދެވަނަ ފިޔަވައްސަށް ފުރިހަމައަށް ކަރަންޓު ފޯރުކޮށްދިނުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަަމަށާއި މި މައްސަލަ ހައްލުކޮށް، ހިދުމަތް މެދުކެނޑިފައިވާ ސަރަހައްދުތަކަށް އަލުން ކަރަންޓު ދިނުމަށްޓަކައި ސްޓެލްކޯގެ ޓެކްނިކަލް ޓީމުން މަސައްކަތް ކުރަމުންދާ ކަަމަށް ބުންޏެވެ.

އެގޮތުން، ގެއްލުންވި ކޭބަލްގެ ލޯޑު ބާކީ ހުރި ތިން ކޭބަލަށް ބަހާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.

ސްޓެލްކޯއިން އިތުރަށް ބުނެފައިވަނީ، މި މަސައްކަތް ނިމުނުހާ އަވަހަކަށް ކަރަންޓު ކެނޑިފައިވާ ޓަވަރުތަކަށް ހިދުމަތް އަލުން އިއާދަކުރެވޭނެ ކަމަށެވެ. ކަރަންޓުގެ ހިދުމަތް މެދުކެނޑުމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށްޓަކައި އެ ކުންފުނިން ވަނީ މައާފަށް އެދިފައެވެ.

ހިޔާ ޓަވަރުތަކުން ކަރަންޓު ކެނޑިފައިވާތާ 6 ވަރަކަށް ގަޑިއިރު ފަހުން ސްޓެލްކޯއިން ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިމެނޭ ހިޔާ ޓަވަރުތަކުގެ ތެރެއިން ދެ ޓަވަރެއް ފިޔަވާ އެހެން ޓަވަރުތަކަށް ކަރަންޓު ދީފައެވެ.

ނަމަވެސް އޭގެ ފަހުން މާ ގިނައިރު ތަކެއް ނުވަނީސް އަނެއްކާވެސް އެ ސަރަހައްދުން ކަރަންޓު ކެނޑިފައިވާ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.