ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށާއި، މަސްތައް ވަރުގަދަކުރުމުގެ އިތުރުން ޖިންސީ ދުޅަހެޔޮކަމަށް ބޭނުންކުރާ ބައެއް ބޭސްތައް ހުއްދަނެތި އެތެރެކޮށް ވިއްކަމުންދާާތީ، އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން އިލްތިމާސްކޮށްފިއެވެ.
އެ އޮތޯރިޓީން މިއަދު ގެޒެޓްކުރި އިއުލާނެއްގައި ބުނީ، ހަށިގަނޑު ރީތިކުރުމަށާއި ބަރުދަން ލުއިކުރުމަށް ބޭނުންކުރާ އެކި ބާވަތުގެ ބޭސްތައް އެތެރެކުރުމަށް ނަގަންޖެހޭ ހުއްދަތައް ނުނަގައި ރާއްޖެއަށް އެތެރެކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އަދި މިފަދަ ތަކެތި އޮންލައިން ޕްލެޓްފޯމްތަކުގައާއި ބައެއް އާންމު ފިހާރަތަކުގައި އިޝްތިހާރުކޮށްގެން ވިއްކަމުންދާއިރު، ބައެއް އާންމުން ޑޮކްޓަރެއްގެ އިރުޝާދާ ނުލައި މިފަދަ ތަކެތި ބޭނުންކުރަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށްވެސް ބުނެފައި ވެއެވެ. މިގޮތަށް ހުއްދަ ނުނަގައި ވިއްކާ ބޭސްތަކަކީ އޭގެ ރައްކާތެރިކަމާއި ފެންވަރު އެ އޮތޯރިޓީން ކަށަވަރުކޮށްފައިވާ ތަކެތި ނޫން ކަމަށްވެސް އެމްއެފްޑީއޭއިން ވަނީ ބުނެފައެވެ.
އެހެންކަމުން، މިފަދަ ބޭސްތައް ބޭނުންކުރުމުގެ ސަބަބުން ސިއްހީ ގޮތުން ނުރައްކާތެރި ހާދިސާތަކާ ކުރިމަތިލާންޖެހިދާނެ ކަމުގެ އިންޒާރު ދީފައި ވެއެވެ. އޭގެ ތެރޭގައި ހިތް ހުއްޓުމާއި، ސްޓްރޯކް ޖެހުމުގެ އިތުރުން ކުއްލި މަރަކަށް ހުށަހެޅުމުގެ ފުރުސަތު އޮތްކަން އެ އޮތޯރިޓީން ހަރުކަށިކަމާއެކު ވަނީ ފާހަގަކޮށްފައެވެ.
އެފަދަ ބޭސްތަކަކީ ހަމައެކަނި ހުއްދަ ނަގައިގެން ހިންގާ ފާމަސީތަކުގައި، އެބޭސްތަކަށް ނަގަން ޖެހޭ ހުއްދަ ނަގައިގެން ވިއްކޭނެ ތަކެތި ކަމަށާއި އަދި ހުއްދަ ނުނަގައި އިޝްތިހާރުކޮށް ވިއްކާ އެފަދަ ޕްރޮޑަކްޓްތައް މާކެޓުން ނެގުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އެ އޮތޯރިޓީން ބުނެފައި ވެއެވެ.
"ވީމާ، މިއޮތޯރިޓީގެ ހުއްދަނެތި ބޭސް އިމްޕޯޓްކޮށް، ވިއްކާ އަދި އިޝްތިހާރުކުރާ ފަރާތްތަކާއި މެދު ބޭހާއިބެހޭ ގަވާއިދު (ނަމްބަރު: 2014/R-46) އަދި ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނު (ނަންބަރު2015/29) ގެ ދަށުން ފިޔަވަޅު އަޅަމުން ގެންދާނެކަން އާއްމުކޮށް އަންގާ އިޢުލާނު ކުރަން" އެމްއެފްޑީން ބުނެފައި ވެއެވެ.
