ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތާ ހިލާފަށް، ތަޖުރިބާ ހޯދުމުގެ ނަމުގައި ށ. ފޯކައިދޫ ކައުންސިލުން ކުރި ދަތުރަކަށް އެއް ލައްކަ ފަންސާސް ހާހަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާކަން އޮޑިޓާ ޖެނެރަލްގެ އޮފީހުން ހާމަކޮށްފިއެވެ.
އެ ކައުންސިލްގެ 2024 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން، ފޯކައިދޫ ކައުންސިލުން ވަނީ އެ އަހަރުގެ ސެޕްޓެމްބަރު މަހުގެ 22 އިން 28 އަށް އއ. އަދި އދ. އަތޮޅުގެ ބައެއް ރަށްތަކަށް ދަތުރުކޮށްފައެވެ. ޖުމުލަ ބާރަ މީހުން ބައިވެރިވި މި ދަތުރަށް ކައުންސިލްގެ ބަޖެޓުން 154,897 ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. މީގެ ތެރޭގައި ވައިގެ މަގުން ކުރި ދަތުރުތަކަށް 48,914 ރުފިޔާ، ކަނޑުދަތުރުތަކަށް 32,046 ރުފިޔާ އަދި ހުރުމާއި ކެއުމަށް 73,937 ރުފިޔާ ހިމެނެއެވެ.
މި ހަރަދަކީ ފިނޭންސް މިނިސްޓްރީން ދައުލަތުގެ ހަރަދުތައް ކޮންޓްރޯލްކޮށް އެފިޝަންސީ އިތުރުކުރުމާ ގުޅޭގޮތުން ނެރެފައިވާ ސާކިއުލާތަކާ ހިލާފަށް ކޮށްފައިވާ ހަރަދެއްކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. 2024 ވަނަ އަހަރު ދައުލަތުގެ ރިކަރަންޓް ހަރަދު ކުޑަކުރުމަށާއި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށް އަންގާފައިވަނިކޮށް، ކައުންސިލްގެ ބަޖެޓުން މިހާ ބޮޑު އަދަދެއް ހަރަދުކުރުމަކީ މާލިއްޔަތުގެ އުސޫލުތަކާ ބީރައްޓެހި ކަމެއްކަމަށް ރިޕޯޓުގައިވެއެވެ.
ލޯކަލް ޓޫރިޒަމް ފުޅާކުރުމާއި އިދާރީ ހިންގުން ޑިޖިޓަލައިޒްކުރުމުގެ މައުލޫމާތު ހޯދުމަށް ކަމަށް ބުނެ ކުރި މި ދަތުރުން ލިބޭ ތަޖުރިބާ ކައުންސިލްގައި ބޭނުންކުރާނެ ގޮތުގެ އެއްވެސް ޕްލޭނެއް ދަތުރުގެ ކުރިން އެކުލަވާލާފައި ނުވާކަންވެސް އޮޑިޓުން ވަނީ ހާމަވެފައެވެ. އެހެންކަމުން، ދަތުރުކުރި ބޭނުމާއި ހާސިލުކުރަން ބޭނުންވާ ކަންކަން ލިޔުމުން ބެލެހެއްޓުމަށާއި، ކައުންސިލްތަކަށް ބޭނުންވާ ތަޖުރިބާ ހޯދައިދިނުމުގައި ލޯކަލް ގަވާމަންޓް އޮތޯރިޓީ މެދުވެރިވެގެން ސްޓްރަކްޗާޑް ނިޒާމެއްގެ ތެރެއިން އެކަން ކުރިއަށް ގެންދިއުމަށް އޮޑިޓާ ޖެނެރަލް ވަނީ ލަފާދެއްވާފައެވެ.
