މެދުއިރުމަތީގައި އީރާނާއި އިޒްރޭލާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން، ދެކުނު އޭޝިއާގެ ނާޒުކު އިގްތިސާދުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ސިޔާސީ އަދި އިގްތިސާދީ ހަމަނުޖެހުންތަކަކާ ކުރިމަތިލާން ޖެހިދާނެކަމުގެ ބިރު ބޮޑުވެއްޖެއެވެ. މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް އައިސްފައިވާ ބޮޑެތި ލޮޅުންތަކުގެ އަސަރު އެންމެ ބޮޑަށް ކުރަމުންދާ އެއް ސަރަހައްދަކީ ދެކުނު އޭޝިއާއެވެ.
ހަކަތައިގެ އަގު އުފުލުމާއި މާލީ ދަތިކަން
މާލީ ތަޖުރިބާކާރުންނާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި، މެދުއިރުމަތީގެ ތެލަށް އިންތިހާއަށް ބަރޯސާވެފައިވާ ދެކުނު އޭޝިއާގެ ގައުމުތަކަށް މި ހަނގުރާމައިގެ ސަބަބުން ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެފައެވެ. ހާއްސަކޮށް ބައިނަލްއަގުވާމީ މާލީ އިދާރާ (އައިއެމްއެފް) ގެ ޕްރޮގްރާމްތަކުގެ ދަށުން އިގްތިސާދު ކޮޅަށްޖެހުމަށް މަސައްކަތް ކުރަމުންދާ ސްރީލަންކާ، ޕާކިސްތާނު އަދި ބަންގްލަދޭޝް ފަދަ ގައުމުތަކަށް، ތެލާއި ކާބޯތަކެތީގެ އަގު އުފުލުމުގެ ސަބަބުން އާންމު ރައްޔިތުންނަށް ދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ވަނީ ދަތިވެފައެވެ. ހަނގުރާމައާ ގުޅިގެން ބްރެންޓް ކްރޫޑް ތެޔޮ ފީފާއެއްގެ އަގު ވަނީ 100 އެމެރިކާ ޑޮލަރަށް ވުރެ މައްޗަށް އުފުލިފައެވެ. މީގެ އިތުރުން، ދުނިޔޭގެ ތެލުގެ ވިޔަފާރީގެ އެންމެ މުހިންމު އެއް މަގު ކަމަށްވާ ހުރްމޫޒް ކަނޑުއޮޅި ބަންދުވުމުގެ ބިރު އޮތުމުން، ސަޕްލައިއަށް ވަނީ ބޮޑެތި ހުރަސްތަކެއް އެޅިފައެވެ.
ރެމިޓެންސް ދަށްވުމުގެ ބިރު
އިގްތިސާދީ އަނެއް ބޮޑު ކަންބޮޑުވުމަކީ ގަލްފުގެ ގައުމުތަކުގައި މަސައްކަތްކުރާ ދެކުނު އޭޝިއާގެ މަސައްކަތްތެރިން ފޮނުވާ ފައިސާ ނުވަތަ ރެމިޓެންސް އަށް އަތުވެދާނެ ހީނަރުކަމެކެވެ. ގަލްފުގެ ގައުމުތަކުގައި ދެކުނު އޭޝިއާއަށް ނިސްބަތްވާ 21 މިލިއަނަށްވުރެ ގިނަ މީހުން މަސައްކަތް ކުރަމުން ދާއިރު، މިއީ އިންޑިއާ، ޕާކިސްތާނު، ބަންގްލަދޭޝް އަދި ނޭޕާލް ފަދަ ގައުމުތަކުގެ އިގްތިސާދުގެ މައިގަނޑު އެއް ތަނބެވެ. ތަފާސްހިސާބުތައް ދައްކާގޮތުން، އިންޑިއާ އަކީ ދުނިޔޭގައި އެންމެ ގިނައިން ރެމިޓެންސް ލިބޭ ގައުމެވެ. ނަމަވެސް، ދިގުލައިގެންދާ ހަނގުރާމައެއްގެ ސަބަބުން ގަލްފުގެ އިގްތިސާދަށް އަންނަ ހީނަރުކަމާއެކު، މި ގައުމުތަކަށް ލިބޭ ރެމިޓެންސްގެ މިންވަރު 30 އިންސައްތައަށް ދަށަށް ހިނގައިދާނެ ކަމަށް ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ. އަދި ހަނގުރާމައިގެ ނުރައްކާތެރިކަން ބޮޑުވުމުގެ ސަބަބުން، އިންޑިއާއަށް ނިސްބަތްވާ ތިން ލައްކައަށްވުރެ ގިނަ މީހުން މިހާރުވެސް ވަނީ އެނބުރި ގައުމަށް ގޮސްފައެވެ.
ދަނޑުވެރިކަމާއި ވިޔަފާރިއަށް ހުރަސްއެޅުން
ދަނޑުވެރިކަމުގެ ދާއިރާއަށްވެސް މި ހަނގުރާމައިގެ ނޭދެވޭ އަސަރު ދަނީ ކުރަމުންނެވެ. ދުނިޔޭގެ ގަސްކާނާގެ ވިޔަފާރީގެ 30 އިންސައްތަ ހިއްސާކުރަނީ މެދުއިރުމަތިން ކަމަށްވާއިރު، ސަޕްލައިއަށް އައިސްފައިވާ ބުރޫއެރުންތަކާއެކު ޔޫރިއާ ފަދަ ގަސްކާނާގެ އަގު ވަނީ އެއް މަސްދުވަހުގެ ތެރޭގައި 30 އިންސައްތަ އުފުލިފައެވެ. މީގެ ސަބަބުން ދެކުނު އޭޝިއާގެ ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން ދަށްވެ، ކާބޯތަކެތީގެ ރައްކާތެރިކަމަށް ބޮޑު ނުރައްކާއަކާ ވަނީ ކުރިމަތިވެފައެވެ. ހަމައެއާއެކު، އިންޑިއާއިން އީރާނަށް އެކްސްޕޯޓުކުރާ ބާސްމަތީ ހަނޑުލުގެ ވިޔަފާރިވެސް ވަނީ މުޅިން ހުއްޓުމަކަށް އައިސްފައެވެ.
ޕާކިސްތާނުގެ ސަލާމަތީ ނުރައްކާ
މި ހަނގުރާމައިގެ ސަބަބުން އެންމެ ބޮޑު ސަލާމަތީ ނުރައްކަލާ ކުރިމަތިލާން ޖެހިފައިވަނީ ޕާކިސްތާނަށެވެ. އީރާނާ ގުޅިފައިވާ ޕާކިސްތާނުގެ ބޯޑަރު ސަރަހައްދުގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ޖަމާއަތްތަކުގެ ސަބަބުން، ހަނގުރާމައިގެ އަސަރު ޕާކިސްތާނުގެ އެތެރެއަށް ފޯރުމުގެ ބިރު ވަނީ ބޮޑުވެފައެވެ. އިގްތިސާދީ ގޮތުން ބަލިކަށިވެފައިވާ ޕާކިސްތާނަށް، ހަކަތައިގެ އަގު ބޮޑުވުމާއި ސަރަހައްދީ ހަމަނުޖެހުންތައް އެއްފަހަރާ ތަހައްމަލު ކުރުމަކީ ނުހަނު ދަތިކަމަކަށް ވާނެއެވެ.
ތެލުގެ އަގު ބޮޑުވުމާއި، ރެމިޓެންސް ދަށްވުމުގެ އިތުރުން ކާބޯތަކެތީގެ އަގު އުފުލުމަކީ ދެކުނު އޭޝިއާގެ ގައުމުތަކުގެ އެތެރޭގެ ހަމަޖެހުން ގެއްލިދާނެ ކަމެއްކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ. މީގެ ކުރިން ނޭޕާލާއި ސްރީލަންކާގައި ހިނގާދިޔަ ފަދަ ބޮޑެތި މުޒާހަރާތަކާއި ސިޔާސީ ހަމަނުޖެހުންތައް، މި އިގްތިސާދީ ދަތިކަމުގެ ސަބަބުން މުޅި ސަރަހައްދަށް ފެތުރިގެން ހިނގައިދާނެކަމުގެ ބިރު މިހާރު ވަނީ ބޮޑުވެފައެވެ.
