މާލޭގެ މަގުމަތީގައި ބުޅާ އުޅޭތީ އާންމު އުނދަގޫ ވާކަމަށް ބައެއް މީހުން ބުނެއެވެ.

ރާއްޖޭގެ ފަސްގަނޑު އުފެދި މީހުން އާބާދުވާން ފެށީއްސުރެ އުޅެމުން ދާ ބުޅާ އާބާދީ ގިނަވާ ފަހަރާއި މަދުވާ ފަހަރު އާދެއެވެ. އޭރުވެސް މިހާރުވެސް އެސޮރުމެން އުޅެމުން ދަނީ މިނިވަންކަމާއެކުއެވެ. އޭރު ފަސްބާޑި ޖަހަން ފަސޭހަވާތީ އެސޮރުމެން ހާޖަތަށް ގޮސް ހަދަނީ ފަސްގަނޑު ހާވާލުމަށް ފަހުއެވެ.

މިއަދުވެސް އަތޮޅުތެރޭގެ ގިނަ ރަށްރަށުގައި އެސޮރުމެނަށް އެ މިނިވަންއެބައޮތެވެ. އުނދަގޫތަކެއް ހުރީ ހުރިހާ މަގުތަކެއްގައި ރާޅު އަޅާ ބާރުކޮށްފައި އޮތް މާލެ ސަރަހައްދުގައެވެ. ހާއްސަގޮތެއްގައި ވެރިރަށް މާލޭގައެވެ.

ވެރިރަށް މާލޭގައި ވެސް އެސޮރުމެން ހާޖަތަށް ދާންވބެއްޖެއްޔާ ގޮތްތަކެއް ހޯދައެވެ. ގޮތެއް ނުފެންނަ ފަހަރު ދެން ހުންނަނީ ހާއަށެވެ.

ފާޑުކިޔުމަށް ލިޔާ މި މަޒުމޫނުގައި ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު އަހްމަދު ޝިޔާމް ދާދި ފަހުން ވިދާޅުވި ވާހަކައަކަށް އަލިއަޅުވާލާނަމެވެ.

ބުޅާ 'ގުއިރޭތީ' މައްސަލަތަކެއް ދިމާވަނީޔޯލައެވެ. އާންމު އުދނަގޫވެ ސިއްހީ މައްސަލަތައް ވެސް ކުރިމަތިވަނީޔޯލައެވެ. އެއީ އުނދަގޫ ހުރި އެހެން މައްސަލަތަކަށް ވުރެ އުނދަގޫ ބޮޑު މައްސަލައެއް ވިއްޔާ ދެން ދައްކާނެ ވާހަކައެއް ނެތެވެ.

ޝިޔާމް ވިދާޅުވާ ގޮތުންނަމަ، މި މައްސަލައަށް ހައްލެއް ހޯދުމަށް "ކެޓް އައިލެންޑް" ނުވަތަ ބުޅަލަށް ހާއްސަ ރަށެއް ތަރައްގީކުރުމަކީ ޕެޓް ކޮމިއުނިޓީއަށް ލިބޭނެ އުފާވެރި ހަބަރަކަށް ވެދާނެއެވެ. ހުޅުމާލޭގައި ހަދާފައިވާ "އޮޅުހިޔާ" ފެސިލިޓީގައި މިހާރު ވެސް 280 ބުޅާ ބަލަހައްޓަމުންދާއިރު، އެތަނުގެ ޖާގަ 500 އަށް އިތުރުކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ. އަދި ކެޓް އައިލެންޑް ތަރައްގީކުރުމަށް ލިބިފައިވާ ޕްރޮޕޯސަލްތައް އިވެލުއޭޓްކުރަމުންދާ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މިއީ ރަނގަޅު ކަމެކެވެ. ތަރުރީބުކޮށް އިންތިޒާމު ކުރެވިފައިވާ ގޮތަކަށް ބުޅާތަކަށް ވެސް އުޅެލެވޭނެ ގޮތެއް ވުމަކީ ހެޔޮ ބަދަލެކެވެ. އެކަމަކު ދިވެހި އައިޑީ ކާޑަކާއި ފޯނު ނަންބަރެއް އޮންނަ ދިވެހި ރައްޔިތުމީހާގެ އަސާސީ ބޭނުންތައް ނުފުދި އޮއްވައި، އެއަށް ވުރެ އިސްކަން ދޭން ޖެހޭ އެހެން ކަމެއް އޮވެދާނެބާއެވެ.

މިނިސްޓަރު ޝިޔާމް ވިދާޅުވި ގޮތުގައި، ކެޓް އައިލެންޑެއް ތަރައްގީކުރުމަށް ރަނގަޅު ޕްރޮޕޯސަލެއް ލިބި، އެ އިވެލުއޭޓްކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. އަދި މިއިން ކޮންމެ މަސައްކަތަކީ ވެސް ހަރަދުތަކެއް ހިނގާނެ ކަމެއްކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އޮޅުހިޔާގެ ޖާގަ އިތުރުކުރުމަކީ ވެސް ބޮޑު ހަރަދެއް ހިނގާނެ ކަމެއް ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ. ސުވާލަކީ، ދައުލަތުގެ ބަޖެޓުން މިފަދަ ބޮޑެތި ހަރަދުތަކެއް ކޮށްގެން ބުޅަލަށް ހާއްސަ ފެސިލިޓީތައް ހަދާއިރު، ރައްޔިތުންގެ އަސާސީ ބޭނުންތަކަށް ކުރާ ހޭދަ އޮތީ ކިހާ ހިސާބެއްގައިތޯއެވެ.

ބޯހިޔާވަހިކަމުގެ ހައްގު: ރައްޔިތު މީހާއަށް ވުރެ ބުޅާ ނަސީބުގަދަ!

ރާއްޖޭގެ އެންމެ ބޮޑު އެއް މައްސަލައަކީ ބޯހިޔާވަހިކަމެވެ. އަމިއްލަ ގައުމުގައި، އަމިއްލަ ވަޒަނުގައި ބޯހިޔާވަހިކަމެއް ނެތި، ކުދިކުދި ތަންކޮޅުކޮޅުގައި ބޮޑު ކުލި ދައްކައިގެން ދިރިއުޅޭ އެތައް ހާސް އާއިލާއެއް އެބަތިއްބެވެ. އެއް ކޮޓަރީގެ އެޕާޓްމަންޓްތަކުގައި އެތައް ބަޔަކު ތޮއްޖެހިގެން އުޅެން މަޖުބޫރުވެފައި ވާއިރު، މިއީ އިންސާނީ ކަރާމާތާ ވެސް ފުށުއަރާ ކަމެކެވެ. ބޯހިޔާވަހިކަމުގެ މަޝްރޫއަކަށް ހުޅުވާލާ ކޮންމެ ފަހަރަކު، އެތައް ހާސް ބަޔަކު ފޯމު ހުށަހަޅައި، އޭގެ ތެރެއިން ގިނަ ބަޔަކު މާޔޫސްކަމާއެކު އެނބުރި ދާންޖެހެނީ އެކަށީގެންވާ މިންވަރަށް ފްލެޓް ނުވަތަ ގޯތި ނެތުމުންނެވެ.

އުމުރުން ދުވަސްވީ މީހުންނާއި، ޒުވާން އާއިލާތައް މަގުމަތިވެފައި ވާއިރު، ދައުލަތުގެ ބިންތައް ރައްޔިތުންނަށް ދޫކުރުމަށް ވުރެ ބޮޑަށް ސަރުކާރުން އިސްކަންދެނީ އެހެން ކަންކަމަށެވެ. މިފަދަ ހާލަތެއްގައި ގައުމު އޮއްވައި، ބުޅަލަށް ހާއްސަ ރަށެއް ހެދުމަށް ދައުލަތުން ބިމެއް ހަމަޖައްސައި، އެތަނުގައި އެންމެ ޒަމާނީ ވަސީލަތްތައް ގާއިމުކުރުމަށް ހަރަދުކުރުމަކީ ރައްޔިތުންނަށް ކުރެވޭ މަލާމާތެއް ނޫންހެއްޔެވެ. ދިވެހި ރައްޔިތަކަށް ވީތީ ލިބެންޖެހޭ ގަދަރުވެރި ދިރިއުޅުމުގެ ހައްގު ނުލިބި، މަގުމަތީގައި އުޅޭ ބުޅާތަކަށް އެ ހައްގު ކަށަވަރުކޮށްދިނުމަށް ސަރުކާރުން އިސްކަންދޭ މަންޒަރު ފެނުމަކީ ހިތާމަހުރި ކަމެކެވެ.

ވަޒީފާގެ ބާޒާރާއި ބިދޭސީންގެ ނުފޫޒު

ބޯހިޔާވަހިކަމުގެ އިތުރުން، ދިވެހި ޒުވާނުންނަށް ކުރިމަތިވެފައިވާ އަނެއް ބޮޑު ގޮންޖެހުމަކީ ވަޒީފާގެ މައްސަލައެވެ. ރާއްޖޭގެ ލިޔަންކިޔަން ދަންނަ ނިސްބަތް ނުވަތަ ލިޓަރަސީ ރޭޓް މަތި ނަމަވެސް، ތައުލީމީ ގޮތުން ގާބިލު އެތައް ޒުވާނުންނެއް ވަޒީފާއެއް ނުލިބި އެބަތިއްބެވެ. މީގެ ބަދަލުގައި، ގައުމުގެ ވަޒީފާގެ ބާޒާރުގެ ބޮޑު ބައެއް ކޮންޓްރޯލް ކުރަނީ ބިދޭސީންނެވެ. ހާއްސަކޮށް ބަންގްލަދޭޝް ފަދަ ގައުމުތަކުން އައިސް ތިބޭ މަސައްކަތްތެރިންނަށް ރާއްޖޭގައި އުޅުމާއި ފައިސާ ހޯދުމުގެ ފުރުސަތުތައް ދިވެހިންނަށް ވުރެ ފައްސެވެ.

އެމީހުން ރާއްޖޭގައި އަމިއްލަ ވިޔަފާރިތައް ފަށައި، އިގުތިސާދުގެ މުހިންމު ދާއިރާތަކަށް ނުފޫޒު ފޯރުވަމުންދާއިރު، ގާނޫނުތަކުން އެމީހުންނަށް ލިބޭ ހިމާޔަތް ދިވެހިންނަށް ވުރެ ބޮޑުހެން ހީވާ ފަހަރުވެސް އާދެއެވެ. ކޮންމެ މަހަކު އެތައް މިލިއަން ޑޮލަރެއް ރެމިޓެންސްގެ ގޮތުގައި ގައުމުން ބޭރުވަމުން ދާއިރު، ދިވެހި ރައްޔިތުންނަށް އިގުތިސާދީ ފުދުންތެރިކަން ހޯދުމަށް ހުރަސްތަކަކާ ވަނީ ކުރިމަތިވެފައެވެ. އަމިއްލަ ގައުމުގައި ދިވެހިން ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ވެފައިވާ ކަމުގެ އިހުސާސް ގިނަ ބަޔަކަށް ކުރެވެނީ މި ސަބަބުތަކާ ހުރެއެވެ.

ސިޔާސީ ވަޒީފާތަކާއި ދައުލަތުގެ އިސްކަންދޭ ކަންކަން

ދައުލަތުގެ މަތީ ފަންތީގެ ވަޒީފާތަކާއި ފުރުސަތުތައް ގިނަ ފަހަރަށް ބެހިގެންދަނީ ސިޔާސީ ގުޅުންތަކުގެ މައްޗަށް ބިނާކޮށެވެ. ސިޔާސީ ޕާޓީތަކަށް ވަފާތެރިވާ މީހުންނަށާއި، ކެމްޕެއިންތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށް މަތީ މަގާމުތައް ހަމަޖެހިގެން ދާއިރު، ހުނަރާއި ތައުލީމު ހުރި އާދައިގެ ރައްޔިތު މީހާއަށް އޮންނަނީ ހުސް އަތެވެ. ސިޔާސީ މަގާމުތަކުގެ އަދަދު އިންތިހާއަށް އިތުރުވެ، ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް އެކަމަށް ކުރަމުންދިއުމަކީ އިގުތިސާދަށް އޮތް ބޮޑު ބުރައެކެވެ. މިފަދަ ބޭކާރު ހަރަދުތައް ކުޑަކޮށް، އެ ފައިސާ ރައްޔިތުންގެ ބޯހިޔާވަހިކަމަށާއި ސިއްހީ ނިޒާމު ހަރުދަނާކުރުމަށް ހޭދަކުރުމުގެ ބަދަލުގައި، ސަރުކާރުގެ ވިސްނުން ހުރީ ބުޅަލަށް ހާއްސަ ރަށްތައް ތަރައްގީކުރުން ފަދަ ކަންކަމަށެވެ.

މިނިސްޓަރު ޝިޔާމް ފާހަގަކުރެއްވި ގޮތުގައި، ބުޅަލަށް ހާއްސަ ރަށެއް ގާއިމުކުރެވިއްޖެނަމަ، އެކަމަށް ބައިނަލްއަގުވާމީ މުޖުތަމައުގެ ބޮޑު ޝައުގުވެރިކަމެއް ލިބިގެންދާނެއެވެ. ބޭރު ދުނިޔޭގެ ކުރިމަތީގައި ރީތި ނަމެއް ހޯދުމަކީ ގޯހެއް ނޫނެވެ. ނަމަވެސް، އެ ނަން ހޯދަން މި ޖެހެނީ އަމިއްލަ ރައްޔިތުން ނިކަމެތިކޮށްފައެވެ. ގައުމެއްގެ ތަރައްގީ އާއި ކުރިއެރުން މިންކުރަންޖެހޭނީ އެ ގައުމެއްގެ ރައްޔިތުންނަށް ލިބިފައިވާ ފުދުންތެރިކަމާއި، ބޯހިޔާވަހިކަމާއި، ވަޒީފާގެ ފުރުސަތުތަކުގެ މައްޗަށެވެ. ބުޅަލަށް ހާއްސަ ފެސިލިޓީތައް ހަދައި، އެތަންތަނަށް ބޮޑެތި ހަރަދުތައް ކުރުމުގެ ކުރިން، ދައުލަތުގެ ސިޔާސަތުތައް އަމާޒުކުރަންވީ ރައްޔިތުންގެ އަސާސީ ހައްގުތައް ކަށަވަރުކޮށްދިނުމަށެވެ.

ދިވެހި އައިޑީކާޑެއް އޮތުމަކީ ހަމައެކަނި ވޯޓުލާން ބޭނުންކުރާ އެއްޗަކަށް ވެގެން ނުވާނެއެވެ. އެއީ ގައުމުގެ މުއްސަނދިކަމާއި ވަސީލަތްތަކުން ހަމަހަމަ ފުރުސަތުތަކެއް ލިބިދޭންޖެހޭނެ ކަމުގެ ޔަގީންކަމަކަށް ވާންޖެހެއެވެ.

ދިވެހި ރައްޔިތުން މިއަދު ބޭނުންވަނީ ބުޅަލަށް ހާއްސަ ރަށްތަކެއް ނޫނެވެ. ރައްޔިތުން ބޭނުންވަނީ އަމިއްލަ ވަޒަނުގައި ގަދަރުވެރިކަމާއެކު ދިރިއުޅެވޭނެ ބޯހިޔާވަހިކަމެކެވެ. ބިދޭސީންގެ މައްޗަށް ބަރޯސާވެފައިވާ އިގުތިސާދެއްގެ ބަދަލުގައި، ކިޔަވައިގެން ތިބި ދިވެހިންނަށް އިސްކަންދޭ ވަޒީފާގެ ބާޒާރެކެވެ. ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ އިންސާފުވެރި ނިޒާމެކެވެ. ދައުލަތުގެ ވަސީލަތްތައް ޖަނަވާރުންނަށް ހޭދަކުރުމުގެ ކުރިން، އިންސާނިއްޔަތުކަމުގެ ނަޒަރަކުން އަމިއްލަ ރައްޔިތުންގެ ހާލަތާ މެދު ވިސްނާލުން މާ މުހިންމެވެ. ރައްޔިތުންގެ އަސާސީ ބޭނުންތައް ފުރިހަމަނުކޮށް، ބައިނަލްއަގުވާމީ މުޖުތަމައުގެ ތައުރީފު ހޯދަން އުޅުމަކީ އަމިއްލަ ނަފްސަށް ކުރެވޭ މަލާމާތެކެވެ.