ރޭ ދަންވަރުގެ ވަގުތެއްގައި ފުވައްމުލަކު މާލެގަން އަވަށުގައި ހުރި 2 އިލެކްޓްރިކް ޑިސްޓްރިބިއުޝަން ބޯޑެއްގައި ރޯވުމުގެ ސަބަބުން އެއަވަށުގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑި، ކަރަންޓު ނުލިބޭތާ 8 ގަޑިއިރަށް ވުރެއް ގިނައިރުވެފައިވާކަން ފުވައްމުލަކު ކައުންސިލުން ބުނެފިއެވެ.
މިހާދިސާއާ ބެހޭގޮތުން ދަ ޕްރެސް އަށް މައުލޫމާތު ދިން ފުވައްމުލަކު ރައްޔިތަކު ބުނީ ބާރުގަދަ އަޑުފަށްގަނޑަކާއެކު ކަރަންޓު ކެނޑުމުން މަގުމައްޗަށް ނިކުތްއިރު، މާލެގަން އަވަށުގެ ގާތް ގާތުގައި ހުރި ދެ އިލްކްޓްރިކް ބޯޑެއްގައި އަލިފާން ރޯވެ އަނދަމުންދާކަމަށެވެ.
ދަ ޕްރެސް އަށް މައުލޫމާތު ދެއްވަމުން ފުވައްމުލަކު ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އަސްލަމް ރަޝީދު ވިދާޅުވީ ކަރަންޓު އަލުން ފޯރުކޮށްދެވޭނެ ވަގި ގަޑިއެއް އަދި ނޭނގޭކަމަށެވެ. އަސްލަމް ވިދާޅުވީ، ރޭ ދަންވަރު 3:07 ގަ ފެނަކައިން އާންމުންނަށް ކުރި މެސެޖެއްގައި މަސައްކަތް ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، މައްސަލަ ހައްލުކޮށް ނިމުނުހާ އަވަހަކަށް ކަރަންޓު ލިބޭނެކަމަށް ބުނެފައިވީނަމަވެސް، އަދިވެސް ކަރަންޓު ނުލިބޭކަމަށެވެ.
ކައުންސިލުން ބުނީ ފުވައްމުލަކު ގެ ދެ ޖެންސެޓެއްގައި މައްސަލަ ޖެހި ލޯޑު ކުޑަ ކުރަން ކަރަންޓު ކަނޑަމުދާތާ ދުވަސްކޮޅެއްވެއްޖެކަމަށާއި، އަލިފާން ރޯވި ސަބަބެއްގެ ގޮތުގައި ބޮޑަށް ބެލެވެނީ ކަރަންޓު ލޯޑް ބޮޑުވެގެންކަމަށް އަސްލަމް ފާހަގަކުރެއްވިއެވެ.
އަސްލަމް ވިދާޅުވީ 1100 އެއްހާ މީހުންގެ އާބާދީ އޮންން މާލެގަން ސަރަހައްދުގެ ދެ އިލެކްޓްރިކް ޑިސްޓްރިބިއުޝަން ބޯޑުގައި ރޯވުމުގެ ހާދިސާއާ ގުޅިގެން އެ އަވަށުގެ އާބާދީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަށް އަސަރުކޮށްފައިވާކަމަށެވެ.
