ފީއަލީގައި ތެޔޮ ބޯޓެއްގައި ހިނގި އަލިފާނުގެ ހާދިސާގައި އެރަށުގެ ފިއުލް ޝެޑަށް އަލިފާނުގެ އަސަރުކޮށް، ޑިސްޕެންސަރާއި ޝެޑުގެ ބައެއް ބައިތަކުގައި ވަނީ އަލިފާން ރޯވި ކަމަށް ފުލުހުން ބުނެފިއެވެ.

ފ. ފީއަލީގެ ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި އަލިފާން ރޯވެފައިވާ ކަމުގެ މައުލޫމާރތު ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ހެންދުނު 9:30 ހާއިރުއެވެ. ފީއަލީ ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި މި ހާދިސާގައި ބަނދަރުގައި އޮތް އިތުރު 4 އުޅަނދެއްގައި ވެސް ވަނީ އަލިފާން ރޯވެފައެވެ. އަދި އައިސްޕްލާންޓްގައި ވެސް އަލިފާން ރޯވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

މި ހާދިސާގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން ފުލުހުން ބުނީ، އެ ސަރަހައްދުގައި ހުރި ފިއުލް ޝެޑަށް އަލިފާނުގެ އަސަރުކޮށް، ޑިސްޕެންސަރާއި ޝެޑުގެ ބައެއް ބައިތަކުގައި އަލިފާން ރޯވެފައިވާ ކަމަށެވެ. ހަމައެއާއެކު ބިދޭސީއަކަށް އަނިޔާވެ ފިހުމާ ގުޅިގެން ފ. ފީއަލީ ސިއްހީ މަރުކަޒަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށެވެ. އެމީހާއަށް ލިބުނު އނަިޔާގެ ތަފްސީލެއް އަދި ފުލުހުން ހާމައެއް ނުކުރެއެވެ.

އެ އަލިފާންގަނޑު ނިއްވާލުމަށް އެ ސަރަހައްދުގައި ފުލުހުންނާއި ކަމާ ގުޅޭ އިދާރާތަކުން މިހާރު އަންނަނީ ހަރަކާތްތެރި ވަމުންނެވެ. އެންއެންޑީއެފް އިން ބުނީ، ފީއަލީ ތެޔޮ ޖެޓީގައި އޮތް ތެޔޮ ބޯޓެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ފ. ނިލަންދޫ ފަޔާ ސްޓޭޝަން އިން ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ.

އަދިވެސް އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައި ނުވާ އިރު، ބައެއް ސޯޝަލް މީޑިއާގެ މަންސަތަކުން އާންމުކުރަމުންދާ ލައިވް ފުޓޭޛްތަކަށް ބަލާއިރު، އަލިފާންގަނޑު ރޯވެ ވަރަށް ބޮޑަށް ދުންގަނޑު ވަނީ ފެތުރިފައެވެ.