ޕީއެސްއެމް އިން މިދިޔަ ރިޔާސީ އިންތިހާބު ކެމްޕޭނުގައި، ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީ ފިޔަވައި އެހެން ޕާޓީތަކަށް ފުރުސަތު ނުދިން ސަބަބު ސާފުކޮށްދިނުމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުން އެދިއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އަދި އެ ޕާޓީގެ އެސްޖީ މުހައްމަދު އިބްރާހިމް (ކުޑޫ)، ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަކީބަށް ފޮނުވި ސިޓީގައިވަނީ ދައުލަތުގެ މީޑިއާގެ މައްޗަށް ލާޒިމުކޮށްފައިވާ ކަންކަން ފާހަގަކޮށްފއެވެ.

އެގޮތުން ދައުލަތުގެ ސިޔާސަތުތަކުގެ ގޮތުގައި ކަނޑައަޅައި ބަޔާން ކޮށްފައިވާ ކަންކަމުގެ ތެރޭގައި ދީނީ، އިގްތިސާދީ، އިޖުތިމާއި، ސިޔާސީ އަދި މި ނޫނަސް ގައުމަށް ބޭނުންތެރި ހުރިހާ ދާއިރާއެއްގެ މައުލޫމާތު ފޯރުކޮށްދިނުން ހިމެނެއެވެ. އަދި މުއްސަނދި އަދި ހޭލުންތެރި ރައްޔިތެއް ބިނާކުރުން ރައްޔިތުންނަށް މުހިންމު ވާނެ ބައިނަލްއަގުވާމީ ކަންކަމާއި ގައުމީ އެކިއެކި ކަންކަމުގެ ހަބަރާއި މައުލޫމާތު ފޯރުކޮށްދިނުން ލާޒިމުކަމަށް މި ސިޓިގައިވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ކަންކަން ހިނގަމުންދާ ގޮތް ރައްޔިތުންނަށް އޮޅުންފިލުވައިދިނުމަކީ ދައުލަތުގެ މީޑިއާގެ މައްޗަށް ލާޒިމް ކޮށްފައިވާ ކަންކަމަށާއި ރެފެރެންޑަމް ވޯޓާ ގުޅޭގޮތުން އާންމުންނަށް އެކަށީގެންވާ ވަރަށް މައުލޫމާތު ފޯރުކޮށްދީފައި ނުވާ ކަމަށް މުހައްމަދު އިބްރާހީމް ވަނީ ވިދާޅުވެފައެވެ.

ނަމަވެސް ޕީއެސްއެމްއިން ވަކި ބަޔަކަށް ފުރުސަތުދީ، ވަކި ބައެއްގެ ސިޔާސީ ކަންކަން ކުރުމަށް ފުރުސަތު ދީފައިވާކަމުގެ ތަހުމަތުތަކާއި އެކު މުހައްމަދު އިބްރާހީމް ވިދާޅުވީ މިއީ މީގެ ކުރިން ކަން ހިނގަމުން އައި ގޮތް ނޫން ކަމަށެވެ. އެހެންކަމުން އެމްޑީޕީގެ ޕީޖީ ގްރޫޕުން ޕީއެސްއެމްގެ ވެރިންނާ މަޝްވަރާ ކުރަން ބޭނުންވާ ކަމަށާއި އެކަން އެގޮތަށް ހިނގަމުންދަނީ ކީއްވެތޯ ސާފުކޮށްދިނުމަށް ވީ އެންމެ އަވަހަކަށް ބައްދަލުވުމެއް ހަމަޖައްސައިދިނުމަށް މި ސިޓީގައިވަނީ އެދިފައެވެ.

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭ ހިޔާލު ހޯދުމުގެ ވޯޓުގެ މައުލޫމާތު ދިނުމުގައި އެމްޑީޕީއަށް ފުރުސަތު ނުދިން މައްސަލަ ވަނީ ހޫނުވެފައެވެ. މި ގޮތުން މީގެ ކުރިންވެސް ޕީއެސްއެމްގެ އިސް ބޭފުޅުންނާ ބައްދަލުކުރެއްވުމަށް އެމްޑީޕީގެ ލީޑާޝިޕްގެ ބޭފުޅުން ޕީއެސްއެމްގެ ޓީވީ ބިލްޑިންގަށް ވަނުމަށް މަސައްކަތް ކޮށް ހަމަނުޖެހުންތަކެއްވަނީ ހިނގާފައެވެ.