ބައިނަލްއަގުވާމީ ކުޅިވަރު ދުވަހުގެ މުނާސަބަތުގައި، ގައުމީ ތަރައްގީއާއި ޒުވާނުން ބާރުވެރިކުރުވުމުގައި ކުޅިވަރު އަދާކުރާ މުހިންމު ދައުރުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އަލިއަޅުއްވާލައްވައިފިއެވެ.
މި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުޅިވަރަކީ މުޖުތަމައުގެ ބަދަހިކަން އިތުރުކޮށްދޭ އަދި އެކަކު އަނެކަކާ ގުޅުވައިދޭ ވަރުގަދަ ބާރެއް ކަމަށެވެ. އަދި ކުޅިވަރަކީ ގައުމީ ވަތަނިއްޔަތުގެ މުހިންމު ބަހާއެއްކަން ފާހަގަކުރައްވައި، އިޖުތިމާއީ ގުޅުންތައް ވަރުގަދަކޮށް، ރައްޔިތުންގެ މެދުގައި އެކުވެރިކަން އާލާކުރުމުގައި ކުޅިވަރު މުހިންމު ދައުރެއް އަދާކުރާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ކުޅިވަރުގެ ސަބަބުން ޒުވާނުންގެ ކިބައިގައި އަހުލާގީ ސިފަތަކާއި، ކެތްތެރިކަމާއި، ގުޅިގެން މަސައްކަތްކުރުމުގެ ރޫހާއި، އިހުތިރާމްކުރުން ފަދަ އަސާސީ ސިފަތައް އަށަގަންނުވައިދެއެވެ. މި ސިފަތަކަކީ ޒުވާނުންނަކީ ދުޅަހެޔޮ، އަމާޒެއް އޮތް ބަޔަކަށް ހެދުމަށާއި، ގައުމީ ތަރައްގީގައި އެމީހުންގެ ހިއްސާ އިތުރުކުރުމަށް ކޮންމެހެން ބޭނުންތެރި ސިފަތަކެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ދޭ ސަމާލުކަން ތަކުރާރު ކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ، ކުޅިވަރަށް ދެވޭ އެއްބާރުލުމުގެ ސަބަބުން ދުޅަހެޔޮ ޖީލެއް ބިނާވެ، ޒުވާނުންގެ ހުނަރުތައް ކުރިއަރައި، ގައުމުގެ އިގްތިސާދަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ. އަދި ރާއްޖޭގެ ކުޅިވަރުގެ ދާއިރާ އިތުރަށް ފުޅާކުރުމަށްޓަކައި ފުރުސަތުތައް ތަނަވަސްކޮށްދީ، ވަސީލަތްތައް ގާއިމުކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ކުޅިވަރުން ލިބިދޭ ބާރުގެ ބޭނުން ހިފުމަށް ހުރިހާ ރައްޔިތުންނަށް ގޮވާލައްވާފައެވެ. އަދި ކުޅިވަރުގެ ޒަރީއާއިން ގައުމަށް އިތުރު ކާމިޔާބީތަކާއި ދެމެހެއްޓެނިވި ސުލްހަ މަސަލަސްކަން ލިބިގެންދިއުމަށް އެމަނިކުފާނު އުންމީދު ކުރެއްވިއެވެ.
ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރާ މި ދުވަހަކީ، މުޖުތަމައުތަކުގައި ހަމަހަމަކަމާއި އެއްބައިވަންތަކަން ގާއިމުކުރުމުގައި ކުޅިވަރުގެ ދައުރު ބަލައިގަތުމުގެ ގޮތުން ފާހަގަކުރާ މުހިންމު ދުވަހެކެވެ.
