މިހާރު ކުރިއަށް ދާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިތުރުން ރެފަރެންޑަމް ވޯޓު ލުން ނިންމާލާ ގަޑި އިތުރު ކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ،‎ މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގެ ވޯޓުލުން ހޫނުގަދަވެ، ކިއުދިގުވެ ގިނަބަޔަކަށް ވޯޓުލުމަށް ދަތިވެފައިވާތީ، ހަވީރު 5:00 އާ ހަމައަށް ވޯޓުލުމުގެ ވަގުތު އިތުުރު ކޮށްފައިވާ ކަަމަށެވެ.

އީސީން އާންމުކުރި އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ހާމަވާ ގޮތުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 131947 މީހުން ވަނީ މިއަދު 2 ޖެހުމާ ހަމައަށް ވޯޓު ލާފައެވެ. އޭގެ ތެރޭގައި ހިމެނެނީ 63175 އަންހެނުންނާއި 68772 ފިރިހެނުންނެވެ. މި ނިސްބަތަކީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 44.5 ޕަސެންޓުކަމަށް އީސީން ވަނީ ބުނެފައެވެ.

އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ޖުމުލަ 2،961 ކެންޑިޑޭޓުން ވާދަކުރާއިރު އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ ވެރިކަންކުރާ ޕީއެންސީންނެވެ. އެއީ 1،322 ކެންޑިޑޭޓުންނެވެ.

މި އިންތިހާބުތަކުގައި ޖުމްލަ 294،876 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އެއީ 150،370 ފިރިހެނުންނާއި، 144،506 އަންހެނުންނެވެ. މި އިންތިހާބުގައި ޖުމްލަ 588 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. މީގެތެރެއިން 241 ވޯޓު ފޮށި ގްރޭޓާ މާލެ ސަރަހައްދުގައި ބަހައްޓާފައިވާއިރު، 180 ވޯޓު ފޮށި މާލޭގައި ވަނީ ބަހައްޓާފައެވެ.