މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު އަދި ރެފަރަންޑަމް ވޯޓުގެ ކިއުތައް 5 ޖެހުމާއެކު ބަންދުކުރަން ފަށައިފިއެވެ

އިންތިހާބުގެ ވޯޓުލުން ފަށާފައި ވަނީ މިއަދު ހެނދުނު 08:00 އެވެ. ވޯޓުފޮށިތަކުގެ ކިއުތައް ބަންދުކުރުމަށް ކުރިން ނިންމާފައި ވަނީ 4:00 ގައެވެ. ނަމަވެސް ވަގުތު ކުޑަތަންވެފައި ވަނިކޮށް އީސީން ވަނީ ކިއުތައް ބަންދުކުރާ ގަޑި 5:00 އަށް ދިގު ދަންމާލާފައެވެ. އީސީން ބުނީ ވަގުތު އިތުރުކޮށްފައިވަނީ ވޯޓުލުން ހޫނުގަދަވެ، ކިއުދިގުވެ ގިނަބަޔަކަށް ވޯޓުލުމަށް ދަތިވެފައިވާތީކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމު ކުރި އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަދު ހަވީރު 4 ގެ ނިޔަލަށް 185،709 މީހުން ވަނީ ވޯޓު ލާފައެވެ. އެއީ 62.98 ޕަސެންޓު މީހުންނެވެ. އޭގެ ތެރޭގައި 92567 އަންހެނުން އަދި 93142 ފިރިހެނުން ހިމެނެއެވެ.

މި އިންތިހާބަށް ވޯޓު ލުމުގެ ހައްގު ލިބިފައިވާ 294،876 މީހުން ތިބި އިރު އޭގެތެރޭގައި ހިމެނެނީ 144،506 އަންހެނުންނާއި 150،0370 ފިރިހެނުންނެވެ.

ލޯކަލް ކައުންސިލް އިންތިހާބަށް ކައުންސިލްތަކުން ޖުމްލަ 626 ކެންޑިޑޭޓުން ކުރިމަތިލާފައި ވާއިރު، ސިޓީ ކައުންސިލްތަކަށް ވަނީ 52 ކެންޑިޑޭޓުން ކުރިމަތިލާފައެވެ. ހަމައެއާއެކު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް 2961 ކެންޑިޑޭޓުން ކުރިމަތިލާފައި ވެއެވެ.

ޖުމްލަ 588 ވޯޓު ފޮށި މި އިންތިހާބުގައި ބަހައްޓާފައިވާ އިރު، އެންމެ ގިނަ ވޯޓު ފޮށި ބަހައްޓާފައި ވަނީ މާލެ ސަރަހައްދުގައި ހެންވޭރު ދަނޑުގައެވެ. އެއީ 30 ވޯޓު ފޮއްޓެވެ. މާލެ ސަރަހައްދުގައި 241 ވޯޓު ފޮއްޓެއް ބަހައްޓާފައިވާ އިރު، މާލޭގައި 180 ފޮށި، ވިލިމާލޭގައި 9 ފޮށި، ހުޅުމާލޭގައި 51 ފޮށި ވަނީ ބަހައްޓާފައެވެ. އަދި އަތޮޅުތެރޭގައި 347 ވޯޓު ފޮއްޓެއް ވަނީ ބަހައްޓާފައެވެ.