ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ވޯޓުލައްވައިފިއެވެ.

އުއްޗު ވޯޓުލައްވާފައިވަނީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސުކޫލުގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށެވެ.

މިއަދު ކުރިއަށްދާ އިންތިހާބު ތަކުގެ ވޯޓުލުން ހެނދުނު 8 ޖަހާއިރުން ފެށިގެން ކުރިއަށްދާއިރު މި އިންތިހާބުގެ ވޯޓުލުން ކުރިއަށް ދާނީ ހަވީރު 4:00 އަށެވެ.

މިއަދުގެ އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި މެޑަމް ސާޖިދާގެ އިތުރުން ކުރީގެ ރައީސް އިބްރާހީމް މުހައްމަަދު ސޯލިހާއި، ރައީސް ނަޝީދު އަދި ރައީސް ޔާމީންވެސް މިހާރު ވަނީ ވޯޓު ލައްވާފައެވެ.

މިއަދުގެ ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި 2961 ކެންޑިޑޭޓުން ޖުމްލަކޮށް ވާދަކުރެއެވެ.

މި އިންތިހާބުތަކުގައި ޖުމްލަ 294،876 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އެއީ 150،370 ފިރިހެނުންނާއި، 144،506 އަންހެނުންނެވެ. މި އިންތިހާބުގައި ޖުމްލަ 588 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. މީގެތެރެއިން 241 ވޯޓު ފޮށި ގްރޭޓާ މާލެ ސަރަހައްދުގައި ބަހައްޓާފައިވާއިރު، 180 ވޯޓު ފޮށި މާލޭގައި ވަނީ ބަހައްޓާފައެވެ.